ފަލަސްތީނުގައި މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމްކުރުމާއި ގުޅޭ ކޮންފަރެންސްގައި ރާއްޖެ ބައިވެރިވެއްޖެ

އދ.ގެ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ފަލަސްޠީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމްކުރުމާ ގުޅޭގޮތުން އެކުވެރި ދައުލަތްތައް (އދ)ގެ މައި މަރުކަޒުގައި ބޭއްވި މަތީ ފެންވަރުގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
ޚާރިޖީ ވުޒާރާއިން ބުނިގޮތުގައި ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަޤްސަދުގައި ނިއު ޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ބޭއްވި ހައި ލެވަލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން ގައި ދިވެހިރާއްޖެއިން ވަނީ ބައިވެރިވެ ފަލަސްތީނުގެ ޙައްޤުގައި އަޑު އުފުލާފައެވެ.
މި ހިނގާ ޖުލައި މަހުގެ 28 އިން 29 އަށް ބޭއްވި މަތީ ފަންތީގެ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ އެކުވެރި ދައުލަތްތަކުގެ ޖަމުޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުޙައްމަދުއެވެ. މި ކޮންފަރަންސް ގެ ޕްލެނަރީ ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން ޑރ. ޢަލީ ނަޞީރު މުޙައްމަދު ވަނީ ތަޤުރީރުކުރައްވާފައެވެ.
ޚާރިޖީ ވުޒާރާއިން ބުނިގޮތުގައި މި ބައްދަލުވުމުގައި ރާއްޖޭގެ ބައިވެރިވުމުން ފަލަސްޠީނުގެ ރައްޔިތުންނަށް ޞުލްޙައާއި ހަމަޖެހުމާއި އަދުލު އިންޞާފު ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ދެމެންދާ އެއްބާރުލުން ރަމްޒުކޮށްދެއެވެ. އަދި އދ.ގެ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ފަލަސްޠީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމްކުރުމަށާއި 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ޤުދުސް އަކީ އެ ޤައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅުމަށްޓަކައި ދިވެހިރާއްޖެއިން ކެނޑިނޭޅި ދަނީ ވަކާލާތުކުރަމުންކަން އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
މި ކޮންފަރަންސް ބާއްވާފައި ވަނީ އދ.ގެ އާންމު މަޖިލީހުގެ ގަރާރު ނަންބަރު 79/81، "ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްޓައިން" ގެ ދަށުންނެވެ.
ފްރާންސް އަދި ސަޢޫދީ ޢަރަބިއްޔާ އިން ރިޔާސަތު ބެލެހެއްޓި މި ކޮންފަރެންސްގެ ޕްލެނަރީ ސެޝަންގެ ކުރިން މިނިސްޓީރިއަލް ހައިލެވެލް ބައްދަލުވުމެއް ބާއްވާފައިވާއިރު، މިނިސްޓްރީއަލް ބައްދަލުވުމުގައި މި ކޮންފަރެންސަށް އެކުލަވާލާފައިވާ ވޯކިން ގްރޫޕްތަކުގެ ނަތީޖާ ތައް ހުށަހަޅައި މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ