ގުރައިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ޝާޒަށް
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ އިބްރާހިމް ޝާޒު މިއަދު ކާމިޔާބުކޮށްފި އެވެ.ހުސްވެފައިވާ ގޮނޑިއަށް ސަރުކާރުގެ މައި ޕާޓީގެ ޓިކެޓުގައި ވާދަކުރަން ހުޅުވާލުމުން ހަތަރު މީހަކު ކުރިމަތިލި އެވެ. އެއީ ކ. މާފުށީ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު މުސްތަފާ އާއި އެ ރަށު މާފަރިވާގޭ ސަލްމާން ރަޝީދާއި ކ. ގުރައިދޫ ފައިވްރޯޒް، އިބްރާހިމް ޝާޒް އަދި އެ ރަށު ވެލި އަބްދުﷲ ސައީދެވެ.އެމްޑީޕީން ބުނީ ޕްރައިމަރީގައި ވޯޓު ދިނުމަށް 844 މީހުން ރަޖިސްޓްރީކުރި ކަމަށެވެ. އޭގެ ތެރެއިން، 311 ވޯޓާއެކު ޕާޓީގެ ޓިކެޓު ކަށަވަރުކުރީ ޝާޒެވެ.ދެ ވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ ސަލްމާނަށެވެ. އޭނާއަށް 190 ވޯޓު ލިބުނެވެ.މެލޭޝިއާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ ރިޒާ އަވަހާރަވެފައި ވަނީ މިދިޔަ މަހުގެ 23 ގައެވެ.އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ތާއީދު ބޮޑު އެ ދާއިރާގެ ބައި-އިލެކްޝަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާއްވަން ނިންމާފައި އޮތީ އަންނަ މަހުގެ 15 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ