ތިޖޫރީއިން ފައިސާ ވަގަށް ނަގާފައިނުވޭ: އެޗްޑީސީ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ތިޖޫރީ އިން ފައިސާ ވަގަށް ނަގާފައިނުވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ މުވައްޒަފަކު އާންމު ފަރާތަކުން ކުލީގެ ގޮތުގައި ދެއްކި ފައިސާއަށް ރިސިޕްޓް ދިނުމަށްފަހު އެ ފައިސާ ރިކޮންސައިލް ނުކޮށް އަމިއްލަ ބޭނުމަށް ނެގިކަން ފާހަގަކުރެވުނު ހިސާބުން އެ މައްސަލަ ބަލާފައިވާ ކަމަށެވެ. އަދި މުވައްޒަފުގެ އިއުތިރާފުވުމާއެކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
"މި އަމަލު ހިންގިކަން ފާހަގަކުރެވުނީ މި ކޯޕަރޭޝަންގެ އިންޓާނަލް ކޮންޓްރޯލްތަކުގެ ތެރެއިން އިކޮންސައިލް ކުރަން ޖެހޭ ފައިސާގައި މައްސަލަތަކެއް ހުރުމުން،" ކަން އެޗްޑީސީން ވަނީ ފާހަގަކޮށްފަ އެވެ.
އެޗްޑީސީން ބުނީ ކައުންޓަރުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާއަށްވެސް މުވައްޒަފުގެ އަމަލު ރިކޯޑްކުރެވިފައިވާ ކަމަށެވެ.
އެޗްޑީސީން ބުނީ ކޯޕަރޭޝަންގެ ތިޖޫރީއިން ފައިސާ ވަގަށް ނަގާފައިނުވާ ކަމަށާއި އެފަދަ ކަމެއް ކުރުމުގެ ފުރުސަތު ކޯޕަރޭޝަންގެ މުވައްޒަކަށް ލިބިފައިނުވާ ކަމަށެވެ.
ކޯޕަރޭޝަންގައި ގާއިމުކުރެވިފައިވާ އިންޓާނަލް ކޮންޓްރޯލް އަދި އިންޓާނަލް އޮޑިޓް އުސޫލުތަކުގެ ތެރެއިން މިފަދަ އަމަލުތަކަށް ޖާގަ ނުލިބޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
މައްސަލަ ސަމާލުކަމަށް އައީ ކޮންޓްރޯލްތައް ގާއިމުކުރެވިފައިވާތީކަން އެޗްޑީސީން ވަނީ ފާހަގަކޮށްފަ އެވެ.
އެޗްޑީސީން ވަނީ މުވައްޒަފުންގެ އެފަދަ އަމަލުތައް ކުށްވެރިކޮށް އެފަދަ އަމަލުތައް ހިންގާ މުވައްޒަފުންނާމެދު ވަގުތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ