ގަވާއިދާ ހިލާފަށް ކުނިއަޅާތީ އީޕީއޭއިން މާލެ ސިޓީ ކައުންސިލް ޖޫރިމަނާ ކޮށްފި

ކުނި މެނޭޖުކުރުމާބެހޭ ގަވާއިދާ ޚިލާފަށް މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔުމާއި ގުޅިގެން
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މާލެ ސިޓީ ކައުންސިލްގެ އިދާރާ ޖޫރިމަނާ ކޮށްފިއެވެ.
އީޕީއޭއިން ބުނީ، މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް މާލެ ސިޓީ ކައުންސިލުން ގިނަ އަދަދަކަށް ކުނި އަޅާކަމުގެ ޝަކުވާ އެ އެޖެންސީއަށް ލިބުމާއި ގުޅިގެން އެ އެޖެންސީން އެ މައްސަލަ ބަލާފައިވާނެ ކަމަށެވެ.
އެގޮތުން އީޕީއޭ އާއި މާލެ ސިޓީ ކައުންސިލްގެ އިދާރާ އާއި ދެމެދު ބަދަލުކުރެވުނު ލިޔެކިޔުންތަކުން، މާލޭގެ މަގުތަކަށް ގަވާއިދާ ޚިލާފަށް ކުނި އަޅާފައި ހުންނަ ކަމުގެ ޝަކުވާ މާލެ ސިޓީ ކައުންސިލަށް ލިބުމުން، މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން އެ ކުނި ނަގައި ސާފުކުރަމުން ގެންދާކަމާއި، އެފަދައިން ނަގާ ކުނި، ވެމްކޯގެ ސައިޓް ބަންދު ގަޑިތަކުގައި (ރޭގަނޑު) މާލެ ސިޓީ ކައުންސިލްގެ މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމުގައި ބަހައްޓާ، ހެނދުނު އެ ކުނިތައް އުކާލާކަން އެނގިފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.
Advertisement
މި މައްސަލައަކީ ގިނަ އަދަދެއްގެ ޢާންމުންވެސް އެ އެޖެންސީއަށް ޝަކުވާ ހުށަހަޅާފައިވާ މައްސަލައެއް ކަމަށް އީޕީއޭއިން ފާހަގަ ކުރިއެވެ.
އަދި، މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް ކުނިއަޅާފައިވާކަން އެކި ތާރީޚްތަކުގައި، އެ އެޖެންސީގެ މުވައްޒަފުން އެ ސަރަޙައްދަށް ގޮސް ބަލާ ކަށަވަރުކުރެވިފައިވާކަމަށް އީޕީއޭއިން ބުންޏެވެ. 
އެހެންކަމުން، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ، ކުނި މެނޭޖުކުރުމާބެހޭ ގަވާއިދަށް ރިޢާޔަތްކޮށް މާލެ ސިޓީ ކައުންސިލްގެ އިދާރާ 45,500 ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ.
އަދި އެ ފައިސާ މިއަދުން ފެށިގެން މަސްދުވަހުގެ ތެރޭގައި ދައްކާ ނިންމުމަށް އީޕީއޭއިން ވަނީ ސިޓީ ކައުންސިލަށް އަންގާފައެވެ.
މީގެ އިތުރުން އީޕީއޭއިން ސިޓީ ކައުންސިލަށް އަންގާފައި ވަނީ މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް ކުނިއެޅުމާއި ޖަމާކުރުން ވަގުތުން ހުއްޓާލުމަށެވެ. އަދި މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ކުނި މެނޭޖުކުރުމުގެ އެއްވެސް ޚިދުމަތެއް ފޯރުކޮށްދޭނަމަ ކުނި މެނޭޖުކުރުމާބެހޭ ގަވާއިދުގެ ދަށުން ނަންގަވަންޖެހޭ ހުއްދަތައް ނެގުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ