ޢީދުގެ އުފާ ފާޅުކުރާއިރު އިސްލާމީ އުސޫލުތަކަށް ތަބާވާން ޖެހޭ: ޝަމީމް

އަޟްޙާ އީދުގެ އުފާ ފާޅުކުރަމުންދާއިރު، އިސްލާމީ ރިވެތި އަޚުލާގާއި ރިވެތި އުސޫލުތަކަށް ރައްކާތެރިވާންޖެހޭކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިކަމަށް އިލްތިމާސްކުރެއްވީ އީދާ ގުޅިގެން ރާއްޖޭގެ އެކި ރަށްރަށުގައި ފޯރިގަދަ ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައިވާ ދަނޑިވަޅެއްގައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، އަޟްޙާ އީދަކީ އިސްލާމީ އުންމަތަށް މާތްﷲ ދަރުމަކުރެއްވި މަތިވެރި ނިއުމަތެއް ކަމަށެވެ. އަދި އީދު ފާހަގަކުރަނީ ހައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެން ކަމަށްވާތީ، އީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ ސަގާފަތާ ޚިލާފުނުވުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގަތެވެ. ކުޅިވަރު ކުޅުމާއި އުފާވެރިކަން ފާޅުކުރުމުގައި އިސްލާމީ އީދެއްގެ މަތިވެރިކަން ދަމަހައްޓައި، ރިވެތި އުސޫލުތަކަށް ބޯލެނބުމަށް ޝަހީމް ވަނީ ހަނދާންކޮށްދެއްވައިފައެވެ.
ޢީދު ކުޅިވަރުގެ ނަމުގައި އިސްލާމްދީނުގެ ސަޤާފަތާ ޚިލާފު ކަންކަމުން އެއްކިބާވާން ޢަޒުމް ކަނޑައަޅަން ޖެހޭނެކަމަށް ޝަހީމް މީގެ ކުރިންވެސް ވިދާޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ޢީދުގެ އުފާ ފާޅުކުރާއިރު ދީނީ ހަމަތަކުގެ މަތީގައި ދެމިތިބުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އިސްލާމީ އުންމަތުގެ އެންމެ މަތިވެރި އަޅުކަން ކަމުގައިވާ ޙައްޖުގެ މަތިވެރި މަޝާޢިރުތަކުގައި މުސްލިމުން ﷲ އަށް ތަލްބިޔާކިޔަމުންދާ މި ދަނޑިވަޅުގައި، ޢީދު ކުޅިވަރު ކުޅުމުގެ ތެރޭގައި މިކަންކަން ހިތަށް ގެނެސްގަތުން މުހިންމުކަމުގައި ޝަހީމް ވިދާޅުވެފައިވެއެވެ. އަދި ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ ޝަޚްޞިއްޔަތު ހިފެހެއްޓުމަކީ ކޮންމެ މުސްލިމެއްގެ ޒިންމާއެއްކަަމށްވެސް ޝަހީމް ވިދާޅުވެފައިވެއެވެ.
ޝަހީމް މިހެން ވިދާޅުވެފައިވާއިރު، ޢީދު ޚުޠުބާގައި ވެސް ވަނީ ޢީދުގެ އުފާ ފައުޅުކުރާ އިރު، އިސްލާމީ ޘަޤާފަތާ ޚިލާފު އަދި އިސްލާމީ ޝަރުޢީ މިންގަނޑަށް ނުފެތޭ އެންމެހައި ކަންކަމުން ދުރުހެލިވުމަށް އިލްތިމާސްކޮށްފައެވެ. ޚުޠުބާގައި ބާރުއަޅާފައިވަނީ ޢީދަކީ އަޅުކަމަކަށް ފަހު އަންނަ އުފާވެރިކަމެއް ކަމުގައި ދެކިގެން އުޅުމަށެވެ. އަދި އީދު ހަރަކާތްތައް އިންތިޒާމުކުރުމުގައި ދެ ޖިންސު މަސްހުނިނުވާނެހެން ކަންކަން ހަމަޖެއްސުމަކީ ވާޖިބެއް ކަމަށް ޚުތުބާގައި ހަދާންކޮށްދިނެވެ.
މި އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ކުޅިވަރުތައް ކުރިއަށްދާއިރު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ ދީނީ އަދި އިޖުތިމާއީ މިންގަނޑުތަކަށް ހުރިހާ ފަރާތްތަކުން ވެސް އިޙްތިރާމް ކުރުމަށް ބާރުއަޅަމުންނެވެ. އީދު ދުވަސްތަކަކީ ކައިބޮއި އުފާފާޅުކުރުމަށް އޮތް ދުވަސްތަކެއް ނަމަވެސް، މި ހުރިހާ ހަރަކާތްތަކެއް ވެސް އޮންނަންވާނީ ދީނީ އިމުގެ ތެރޭގައިކަން ކަމާބެހޭ ފަރާތްތަކުން ވަނީ ތަކުރާރުކޮށް ހަނދާންކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ