ރެފްރީ އަށް ހުއްދަ ނުދިނީ ޓެރަރިސްޓް ޖަމާއަތްތަކާއި ގުޅުން އޮތުމުން: އެމެރިކާ

މިރޭ ފެށުމަށް ހަމަޖެހިފައިވާ ފީފާ ވާރލްޑް ކަޕްގައި ރެފްރީކަން ކުރުމަށް އެމެރިކާއަށް ދިޔަ ސޯމާލިއާގެ ރެފްރީ އަށް އެ ގައުމަށް އެތެރެވުމުގެ ހުއްދަ ނުދިނީ ޓެރަރިސްޓް ޖަމާއަތްތަކާއި ގުޅުން އޮތުމުގެ ސަބަބުން ކަމަށް އެމެރިކާ އިން ބުނެފި އެވެ.
އެފްރިކާގެ އެންމެ މޮޅު ރެފްރީގެ ގޮތުގައި ހުރި އުމަރު އަރްތާން އެމެރިކާއަށް ދިއުމުން އޭނާ އާއި އެމެރިކާގެ ކަސްޓަމްސް އަދި ބޯޑަރ ކޮންޓްރޯލް އިން 11 ގަޑިއިރުވަންދެން ސުވާލު ކުރުމަށް އަނބުރާ ފޮނުވާލާފައިވާއިރު, މިއީ ވާރލްޑް ކަޕްގެ މެޗެއްގެ ރެފްރީއަކަށް މިފަދަ ގޮތަކަށް ކަންތައްތައް ވެގެންދިޔަ ފުރަތަމަ ފަހަރެވެ.
އުމުރުން 34 އަހަރުގެ އުމަރު އެމެރިކާގެ މަޔާމީ އިންޓަރނޭޝަނަލް އެއަރޕޯޓުން އަނބުރާ ގައުމަށް ފޮނުވާލާފައިވާއިރު އޭނާގެ އަތުގައި އެމެރިކާއަށް އެތެރެ ވުމުގެ ސިންގަލް އެންޓްރީ ވިސާ އާއި ޑިޕްލޮމެޓިކް ޕާސްޕޯޓް އޮތެވެ.
އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރާމްޕް ވެރިކާމާއި ހަވާލުވެވަޑައިގަތުމަށްފަހު ވަނީ އެމެރިކާއަށް އެތެރެ ވެވެނޭ ގައުމުތަކުގެ ލިސްޓެއް އެކުލަވާލައްވާފަ އެވެ. އެ ލިސްޓުގައި އެމެރިކާއަށް އެތެރެ ނުވެވޭނެކަމަށް އިއުލާން ކޮށްފައިވާ 12 ގައުމުގެ ތެރޭގައި ސޯމާލިއާ ހިމެނެ އެވެ.
އެމެރިކާގެ އިސް އޮފިޝަލަކާއި ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެފައިވަނީ އުމަރު އަށް އެމެރިކާއަށް ވަނުމުގެ ހުއްދަ ދީފައިނުވަނީ އޭނާ އާއި ޓެރަރިސްޓް ޖަމާއަތްތަކުގެ އިސް މެމްބަރުންނާއި ގުޅުން އޮތުމުގެ ސަބަބުން ކަމަށެވެ.
"އެ ފަރާތުގެ މައުލޫމާތުތައް ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަން އިން ބެލިއިރު އޭނާ އާއި ޓެރަރިސްޓް ޖަމާއަތްތަކާއި ގުޅުން އޮތްކަމަށް ތުހުމަތު ކުރެވޭ. އެހެންކަމުން އޭނާ އަށް އެ ގައުމަށް އެތެރެވުމުގެ ހުއްދަ ދީފައެއް ނުވާނެ." ޓްރަމްޕްގެ ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ ބުނެފައިވެ އެވެ.
"އެމެރިކާއަށް ބިރެއް ސަލާމަތީ ގޮތުން ބިރެއް ކުރިމަތިވެދާނެފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ." އޭނާ އިތުރަށް ބުނެފައިވެ އެވެ.
ނިއު ޔޯކް ޓައިމްސް އަށް އުމަރު ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އެމެރިކާގެ ބޯޑަރ ކޮންޓްރޯލް އޮފިޝަލުން ވަނީ އޭނާ އާއި ސޯމާލިޔާގެ މިލިޓަރީ ގްރޫޕެއް ކަމުގައިވާ އަލް ޝަބާބް އާއި ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ.
ނަމަވެސް އެކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް ބުނެފައިވާނެ ކަމަށް އުމަރު އާއި ހަވާލާދީ ނިއު ޔޯކް ޓައިމްސްގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ