މެލޭޝިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފި

އިންޓަނެޓްގެ ޒަރީއާއިން ކުޑަކުދިންނަށް ލިބޭ ގެއްލުންތަކުން އެކުދިން ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އުމުރުން 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާގައި އެކައުންޓް ހެދުން މެލޭޝިއާގައި މަނާކޮށްފި އެވެ.
ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންގެ ސިއްހަތަށާއި ސަލާމަތަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ކަންބޮޑުވުން އުފެދިފައިވާތާ އަހަރުތަކެއް ވެއްޖެ އެވެ. މެލޭޝިއާގެ އިތުރުން ބައެއް އެހެން ގައުމުތަކުން ވެސް ވަނީ އޮންލައިން ޕްލެޓްފޯމްތައް ރެގިއުލޭޓް ކުރަން ފިޔަވަޅުތަކެއް އަޅައިފަ އެވެ. 
މެލޭޝިއަން ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާ ކޮމިޝަނުން ބުނި ގޮތުގައި، ހޯމަ ދުވަހުން ފެށިގެން މެޓާ ޕްލެޓްފޯމްސްގެ ފޭސްބުކް އަދި އިންސްޓަގްރާމްގެ އިތުރުން ޓިކްޓޮކް އަދި އެލްފަބެޓްގެ ޔޫޓިއުބް ފަދަ ސޯޝަލް މީޑިއާ ވަސީލަތްތަކުން، ސަރުކާރުން ދޫކޮށްފައިވާ ރަސްމީ ލިޔެކިޔުންތަކަށް ބަލައި ބޭނުންކުރާ މީހުންގެ އުމުރު ކަށަވަރު ކުރަން ޖެހޭނެ އެވެ.
މި އުސޫލުތަކަށް އަމަލުނުކުރާ ސޯޝަލް މީޑިއާ ކުންފުނިތައް 10 މިލިއަން ރިންގިޓް (2.5 މިލިއަން ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވެ އެވެ.
މި ފިޔަވަޅަކީ ކުޑަކުދިން އިންޓަނެޓް ބޭނުންކުރުން ހުއްޓުވުމަށް ނުވަތަ ޓެކްނޮލޮޖީގެ ވަސީލަތްތަކުން އެ ކުދިން މަހްރޫމް ކުރުމަށް އަޅާ ފިޔަވަޅެއް ނޫން ކަމަށާއި، މީގެ ބޭނުމަކީ ކުޑަކުދިން އިންޓަނެޓްގައި ރައްކާތެރިކުރުމަށް ސޯޝަލް މީޑިއާ ކުންފުނިތަކާއި، މައިންބަފައިން އަދި ބެލެނިވެރިންގެ ޒިންމާދާރުކަން އިތުރުކުރުން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މިހާރު ސޯޝަލް މީޑިއާ ބޭނުންކުރަމުންދާ މީހުންގެ އުމުރު ކަށަވަރު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ސޯޝަލް މީޑިއާ ކުންފުނިތަކުން ފުރިހަމަ ކުރަން ޖެހޭނެ އެވެ.
ފަހަކަށް އައިސް އިންޓަނެޓް މެދުވެރިކޮށް ފަތުރާ ގެއްލުންދެނިވި މައުލޫމާތުތައް އިތުރުވަމުންދާތީ، މެލޭޝިއާ ސަރުކާރުން ވަނީ ސޯޝަލް މީޑިއާ ކުންފުނިތައް މޮނިޓާ ކުރުން ވަރުގަދަކޮށްފަ އެވެ. އަދި ނަސްލީ ނުވަތަ ދީނީ ފިތުނަ އުފެއްދުމަށް މަސައްކަތްކުރާ މައުލޫމާތާއި، އެ ގައުމުގެ ރަސްކަމުގެ ނިޒާމަށް ފާޑުކިޔައި ފަތުރާ މައުލޫމާތުތައް ހުއްޓުވުމަށް އެ ގައުމުން ދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ