އިންޑިއާގެ ސައިންސްވެރިޔަކު މާސް މިޝަންގައި ލައިގެން ހުރި ސާޅި އެމެރިކާގެ މިއުޒިއަމެއްގައި ބަހައްޓައިފި
އިންޑިއާގެ ޖައްވީ އިދާރާ (އިސްރޯ) ގެ ސައިންސްވެރިޔާ ނަންދިނީ ހަރިނާތު، އެ ގައުމުގެ ފުރަތަމަ މާސް މިޝަންގެ އެންމެ މުހިންމު ދުވަހު ލައިގެން ހުރި ރަތާއި ނޫ ކުލައިގެ ސާޅި، އެމެރިކާގެ ވޮޝިންޓަންގައި ހުންނަ ސްމިތްސޯނިއަން ނޭޝަނަލް އެއާ އެންޑް ސްޕޭސް މިއުޒިއަމްގައި އާންމުންނަށް ފެންނާނެހެން ބަހައްޓައިފިއެވެ. މިއީ އިންޑިއާގެ ޖައްވީ ތާރީޚާއި، ސައިންސްގެ ދާއިރާގައި އަންހެނުންގެ ހިއްސާ ރަމްޒުކޮށްދޭ މުހިންމު އާސާރެއްގެ ގޮތުގައި އެ މިއުޒިއަމުން ފާހަގަކުރެއެވެ. އިންޑިއާއިން މާސްއަށް ފޮނުވި ފުރަތަމަ އުޅަނދު ކަމަށްވާ "މަންގަލްޔާން" މިޝަންގެ ޑެޕިއުޓީ އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމުގައި ހުރި ނަންދިނީ މި ސާޅީ ލައިގެން ހުރީ 1 ޑިސެމްބަރު 2013 ގައެވެ. އެއީ އެ އުޅަނދު ދުނިޔޭގެ އޯބިޓުން ބޭރުކޮށް، މާސްއާ ދިމާއަށް 300 ދުވަހުގެ ދަތުރު ފެށުމަށް ކޮންޓްރޯލް ރޫމްގައި ސައިންސްވެރިން ކުރި އެންމެ ނާޒުކު މަސައްކަތް ކުރިއަށްދިޔަ ދުވަހެވެ. ބީބީސީއަށް 2016 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ނަންދިނީ ބުނި ގޮތުގައި، އެ ދުވަހަކީ މުޅި މިޝަންގެ ކާމިޔާބީ ބިނާވެފައި އޮތް އެންމެ މުހިންމު ދުވަހެވެ. އޭނާގެ ބައްޕަ ހަދިޔާކޮށްފައިވާ މި ސާޅިއަކީ އޭނާގެ މަސައްކަތުގެ މުހިންމު ދުވަސްތަކުގައި އާންމުކޮށް ލައިއުޅޭ ހެދުމެކެވެ. ނަންދީނީ. އޭނާ އަކީ އިންޑިއާގެ ފުރަތަމަ މާސް އޯބިޓާ މިޝަން ކަމަށްވާ "މަންގަލިއަން" ގެ ޑެޕިއުޓީ އޮޕަރޭޝަންސް ޑިރެކްޓާ. ފޮޓޯ/ބީބީސީ މަންގަލްޔާން އުޅަނދު ކާމިޔާބުކަމާއެކު މާސްގެ އޯބިޓަށް ވަދެފައިވަނީ 24 ސެޕްޓެމްބަރު 2014 ގައެވެ. މި ކާމިޔާބީއާއެކު އިންޑިއާ ވެގެން ދިޔައީ މާސްގެ އޯބިޓަށް އުޅަނދެއް ފޮނުވި ހަތަރުވަނަ ގައުމަށެވެ. އެ ދުވަހު އިސްރޯގެ ތެރޭގައި ސާޅީ ލައިގެން ތިބި އަންހެނުންތަކެއް އުފާފާޅުކުރާ މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެ، ރޮކެޓް ސައިންސަކީ ހަމައެކަނި ފިރިހެނުންގެ ދާއިރާއެއް ކަމަށް އޮންނަ ގަބޫލުކުރުންތަކަށް ބަދަލު އައެވެ. އިސްރޯއިން ފަހުން ސާފުކޮށްދިން ގޮތުގައި އެ ފޮޓޯއިން ފެންނަނީ އިދާރީ މުވައްޒަފުންނެވެ. ނަމަވެސް އެ މިޝަންގައި ގިނަ އަދަދެއްގެ އަންހެން ސައިންސްވެރިން މަސައްކަތްކުރި ކަމަށާއި، ކޮންޓްރޯލް ރޫމްގައިވެސް އެ މީހުން ހަރަކާތްތެރިވިކަން އެ އިދާރާއިން ފާހަގަކުރިއެވެ. ސްމިތްސޯނިއަން މިއުޒިއަމްގެ ސްޕޭސް ހިސްޓްރީ ކިއުރޭޓަރު، މެޓް ޝިންޑެލް ބުނި ގޮތުގައި، އެ ފޮޓޯއިން ފެނުނު މަންޒަރަކީ ވަރަށް ޝައުގުވެރި އަދި ކިޔައިދޭން މުހިންމު ވާހަކައެއް ކަމަށް އޭނާއަށް ގަބޫލުކުރެވުނެވެ. އެހެންކަމުން 2020 ވަނަ އަހަރު އޭނާ ނަންދިނީއާ ގުޅައި، އިންޑިއާގެ މާސް މިޝަން ރަމްޒުކޮށްދޭނެ އެއްޗެއް ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރިއެވެ. އަދި އެ ދުވަހު ލައިގެން ހުރި ސާޅީއާއި އޭނާ ލައިގެން ހުރި ނޫ ކުލައިގެ ބްލައުޒް މިއުޒިއަމަށް ހަދިޔާކުރުމަށް ދެ މީހުން އެއްބަސްވިއެވެ. މި ތަކެތި މިއުޒިއަމަށް ލިބުމުން، ޓެކްސްޓައިލްސް ކޮންސަވޭޓަރު ބެތު ނައިޓް ވަނީ މެނިކުއިންއެއްގައި ސާޅީ އަޅުވާނެ ގޮތް ދަސްކުރުމަށް ޔޫޓިއުބް ވީޑިއޯތައް ބަލާފައެވެ. ޝިންޑެލް ބުނި ގޮތުގައި މި ސާޅީއަކީ 1970 ވަނަ އަހަރު އެޕޯލޯ 13 ގެ ކްރޫ ސަލާމަތްކުރުމަށް ނާސާގެ ފްލައިޓް ކޮންޓްރޯލް ޗީފް ޖީން ކްރާންޒް ލައިގެން ހުރި ވެސްޓް ފަދައިން، މުހިންމު މިޝަންތަކުގައި ގްރައުންޑް ކޮންޓްރޯލްގައި ތިބޭ މީހުން ލައިގެން ތިބޭ ހެދުންތަކާ އެއްގޮތް ސިފަތަކެއް އެކުލެވޭ އެއްޗެކެވެ. މި ސާޅީ ދައްކާލާފައިވަނީ ޖައްވަށް ފުރަތަމަ ދިޔަ އެމެރިކާ އަންހެން މީހާ ލައިގެން ހުރި އައިކޮނިކް ބްލޫ ޓީޝާޓާ ޖެހިގެން. ފޮޓޯ/ސްމިތްސޯނިއަން ނޭޝަނަލް އެއާ އެންޑް ސްޕޭސް މިއުޒިއަމް މިހާރު މި ސާޅީ ބަހައްޓާފައިވަނީ މިއުޒިއަމްގެ "ފިއުޗާސް އިން ސްޕޭސް" ގެލަރީގައެވެ. މި ސާޅީ ބަހައްޓާފައިވަނީ 1983 ވަނަ އަހަރު ޖައްވަށް ދިޔަ އެމެރިކާގެ ފުރަތަމަ އަންހެންމީހާ ކަމަށްވާ ސެލީ ރައިޑް ލައިގެން ހުރި މަޝްހޫރު ނޫ ކުލައިގެ ޓީޝާޓާ ޖެހިގެންނެވެ. ކޮންމެ ހަފްތާއަކު އެތައް ހާސް ބަޔަކު ޒިޔާރަތްކުރާ މި މިއުޒިއަމްގައި އިންޑިއާއާ ގުޅޭ އެހެން ބައެއް ތަކެތި ހުރި ނަމަވެސް، އޭގެ ތެރެއިން ގިނަ ތަކެއްޗަކީ އެއާ ފޯސް އަދި އެއާލައިން ކުންފުނިތަކާ ގުޅޭ ތަކެއްޗެވެ. މީގެ އިތުރުން 2007 ވަނަ އަހަރު ސައިންސް ފިކްޝަން ލިޔުންތެރިޔާ އާތާ ސީ ކްލާކްގެ 90 ވަނަ އުފަންދުވަހާ ގުޅިގެން އިސްރޯއިން އޭނާއަށް ހަދިޔާކުރި ރިހި ތަބަކެއްވެސް އެތާނގައި ހުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ