އިސްރާއީލުން އެމެރިކާގެ ކަންކަން ޖާސޫސްކުރުމުގެ ނުރައްކާ ބޮޑުކަމަށް ޕެންޓަގަންއިން ނިންމައިފި

އިސްރާއީލުން އެމެރިކާގެ ކަންކަން ޖާސޫސްކުރުމުގެ ނުރައްކާ އޮތް މިންވަރު "ހައި" ނުވަތަ މަތީ ދަރަޖައަކުން "ކްރިޓިކަލް" ނުވަތަ ނުރައްކާތެރި ދަރަޖައަކަށް ޕެންޓަގަނުގެ އިންޓެލިޖެންސް ގޮފިން ފާއިތުވި ހަފުތާތަކުގައި ވަނީ މަތިކޮށްފިކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
މި ބަދަލާ ގުޅޭ ޚަބަރު އެންމެ ފުރަތަމަ ހުކުރު ދުވަހު އާންމުކުރީ އެންބީސީ ނިއުސް އިންނެވެ. އަދި އޭގެ ޖެހިގެން އައި ދުވަހު ދަ ނިއުޔޯކް ޓައިމްސް އިން ވެސް ވަނީ މިކަމާ ގުޅޭ ރިޕޯޓެއް ޝާއިއުކޮށްފައެވެ.
މި މީޑިއާތަކުން ނަން ހާމަނުކުރާ މަސްދަރުތަކާ ހަވާލާދީ ބުނެފައިވަނީ، މި ބަދަލު ގެނެސްފައިވަނީ އީރާނާއެކު އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން އިސްރާއީލުން ގެންގުޅޭ އުކުޅުތައް އިތުރަށް ވަރުގަދަކޮށް، އުދުވާނީ ދަރަޖައަކަށް ގޮސްފައިވާތީ އެކަމުގެ ކަންބޮޑުވުމުގައެވެ.
އެ ފަރާތްތަކުން ބުނި ގޮތުގައި ޕެންޓަގަނުގެ ޑިފެންސް އިންޓެލިޖެންސް އެޖެންސީ (ޑީއައިއޭ) އިން އެލާޓް ލެވެލް މަތިކުރީ، އެމެރިކާގެ އިސް އޮފިޝަލުންނަށް ފާރަލުމަށް އިސްރާއީލުން ކުރާ މަސައްކަތްތައް އިތުރުވަމުންދާ ކަމުގެ ބިރު އޮތުމުންނެވެ. މިކަމުގެ ބޭނުމަކީ ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ވައިޓް ހައުސްގެ އެތެރޭގައި ކުރެވޭ މަޝްވަރާތައް ދެނެގަތުން ކަމަށް ތުހުމަތު ކުރެވެއެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން ފެށި މި ހަނގުރާމައާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ގެންގުޅުއްވާ ސިޔާސަތުތައް ތަފާތުކަން ވަނީ ފާޅުކަން ބޮޑު ގޮތެއްގައި ހާމަވެފައެވެ.
އެއްކޮޅުން ޓްރަމްޕް ބުނަމުން ގެންދަނީ، ގައުމުގެ އެތެރޭގެ ސިޔާސީ ފިއްތުންތަކާ ހުރެ، ހަނގުރާމަ ނިމުމަކަށް ގެންނަން ބޭނުންވާ ކަމަށެވެ.
އަނެއްކޮޅުން، އޭޕްރިލް 8 ގައި ހަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮތް ނަމަވެސް، ނަތަންޔާހޫ ގޮވާލަމުން ގެންދަނީ ހަނގުރާމަ އަލުން ފެށުމަށެވެ. ވަގުތީ ގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލި ފަހުން ހަނގުރާމަ ގާތްގަނޑަކަށް މެދުކެނޑިފައި އޮތް ނަމަވެސް، ދާއިމީ އެއްބަސްވުމަކަށް އައުމަށް ކުރާ މަސައްކަތްތަކަށް ވަނީ ތަކުރާރުކޮށް ހުރަސްތައް ކުރިމަތިވެފައެވެ.
ދަ ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލަކީ އެމެރިކާއަށް ޖާސޫސްކުރާ ގައުމެއްގެ ގޮތުގައި މަޝްހޫރު ގައުމަކަށް ވީނަމަވެސް، 2024 ގެ ފަހުކޮޅުން ފެށިގެން މިފަދަ ހަރަކާތްތައް އިތުރުވެފައިވާ ކަމަށް ޑީއައިއޭ އިން ފާހަގަކޮށްފައިވެއެވެ. އެއީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައާ ގުޅިގެން، އޭރުގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން އިސްރާއީލަށް ދެމުންދިޔަ ފިއްތުންތައް އިތުރުވި ދުވަސްވަރެވެ.
މި ހަރަކާތްތައް 2025 އާ ހަމައަށް ވެސް ކުރިއަށް ގޮސްފައިވެއެވެ. އެއީ ޓްރަމްޕް އަލުން ރައީސްކަމާ ހަވާލުވެ އީރާނާ މެދު ކަންތައް ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރަން ފެށި ދުވަސްވަރެވެ.
އެ ނޫހުން އިތުރަށް ބުނި ގޮތުގައި، ފަހުގެ އިންޓެލިޖެންސް ރިޕޯޓްތަކުން އެނގޭ ގޮތުގައި ޓްރަމްޕްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި، ޕެންޓަގަނުގެ އިސް އޮފިޝަލެއް ކަމަށްވާ އެލްބްރިޖް ކޯލްބީ އަދި އޭނާގެ ނައިބު މައިކަލް ޑިމީނޯ IV އަށް ފާރަލުމަށް އިސްރާއީލުން މަސައްކަތް ކުރާ ކަމުގެ ހެކިތައް ވަނީ ލިބިފައެވެ.
ވިޓްކޮފް އަކީ ފެބްރުއަރީ މަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާގެ ކުރިން ބޭއްވި ނިއުކްލިއާ މަޝްވަރާތަކުގައި އިސްކޮށް އުޅުއްވި ބޭފުޅާއެވެ.
އެންބީސީ ނިއުސް އާއި ދަ ނިއުޔޯކް ޓައިމްސް އިން ވެސް މި ޚަބަރު ރިޕޯޓްކޮށްފައިވަނީ އެމެރިކާގެ ނަން ހާމަނުކުރާ އޮފިޝަލުންނާ ހަވާލާދީއެވެ. އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން މިކަމާ ގުޅޭގޮތުން އަލްޖަޒީރާއިން ކުރި ސުވާލުތަކަށް ވަގުތުން ޖަވާބެއް ދީފައެއް ނުވެއެވެ.
މި ރިޕޯޓް ކުރެވިފައިވާ ކަންބޮޑުވުންތަކުގެ ސަބަބުން، އިސްރާއީލާއި އެމެރިކާއާ ދެމެދު އޮންނަ ގާތް އިންޓެލިޖެންސް އަދި އަސްކަރީ ގުޅުމާ މެދު ސުވާލުތައް އުފެދޭނެ ކަމަށް ބެލެވެއެވެ.
އެމެރިކާއިން ދަނީ އެތައް އަހަރެއް ވަންދެން އިސްރާއީލަށް ބިލިއަނުން އަސްކަރީ އެހީ އާއި ހަތިޔާރު ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކުގެ ތެރޭގައި ދިން އެހީތައް ވެސް ހިމެނެއެވެ.
އެމެރިކާގެ ކޮންގްރެސްއިން މިހާރު ދަނީ އާ ދިފާއީ ބިލަކާއި މެދު ބަހުސް ކުރަމުންނެވެ. މި ބިލުގެ ދަށުން ދެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ ދިރާސާތަކާއި ތަރައްގީގެ މަސައްކަތްތައް، މީގެ ކުރިން ދުވަހަކުވެސް ގުޅިފައި ނުވާ މިންވަރަށް އެއްކޮށްލެވޭނެއެވެ.
އެމެރިކާ އާއި އިސްރާއީލުން އެއްގައުމު އަނެއް ގައުމަށް އާންމުކޮށް ޖާސޫސީ ހަރަކާތްތައް ހިންގާކަން އެނގުނު ނަމަވެސް، އިސްރާއީލުން ފަހަކަށް އައިސް މިކަމުގައި ގެންގުޅޭ ހަލުވި އަދި ވަރުގަދަ ސިޔާސަތަކީ ތަފާތު ކަމެއް ކަމަށް އޮފިޝަލުން އެންބީސީ އާއި ދަ ނިއުޔޯކް ޓައިމްސް އަށް ބުނެފައިވެއެވެ. ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޑީ.އައި.އޭ އިން ކަނޑައަޅާފައިވާ މި ދަރަޖަ މިހާރުގެ ހުރިހާ އެކުވެރި ގައުމުތަކަށްވުރެ މައްޗެވެ. އަދި ގުޅުން ގޯސްވެފައިވާ މަދު ގައުމުތަކަށްވުރެ ވެސް އިސްރާއީލުގެ މި ހަރަކާތްތައް އިތުރެވެ.
އެ ނޫހުގައިވާ ގޮތުން، ފަހުގެ ހާދިސާތަކުގެ ތެރޭގައި 2021 ވަނަ އަހަރު އިސްރާއީލުގެ މިލިޓަރީ އިންޓެލިޖެންސުން ޑީ.އައި.އޭ ގެ ހެޑްކުއާޓާޒްގައި އަޑުއަހާލެވޭނެ ފަދަ އާލާތްތަކެއް ހަރުކުރަން އުޅުނު ހާދިސާއެއް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ