އިޒްރޭލުގެ ޖާސޫސީ ނުރައްކާ ބޮޑުވެ، އެމެރިކާއިން ފިޔަވަޅު އަޅަނީ

އިޒްރޭލުން އެމެރިކާގެ އޮފިޝަލުންނާއި މެދުއިރުމަތީގެ ހަނގުރާމަތަކާ ގުޅޭ ނިންމުންތަކުގެ މައުލޫމާތު ހޯދުމަށް ކުރާ މަސައްކަތްތައް އިތުރުވެފައިވާ ކަމަށް ބުނެ، އެމެރިކާގެ ޕެންޓަގަންއިން އިޒްރޭލާ މެދު އޮންނަ ކައުންޓާ އިންޓެލިޖެންސް ނުރައްކަލުގެ ދަރަޖަ އެންމެ މަތީ ފަންތިއަށް އުފުލާފައިވާ ކަމަށް އެންބީސީ ނިއުސްއިން ރިޕޯޓްކޮށްފި އެވެ.
އެމެރިކާގެ އޮފިޝަލުން އެންބީސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ އާއި ލުބުނާނުގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކާ ގުޅިގެން ވޮޝިންޓަނާއި ތެލް އަވީވްއާ ދެމެދު ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އިޒްރޭލުގެ އިންސާނީ އަދި ފަންނީ ޖާސޫސީ ގާބިލުކަން "ކްރިޓިކަލް" ނުވަތަ ނުރައްކާތެރި ދަރަޖައަކަށް އޮތް ކަމަށް ޑިފެންސް އިންޓެލިޖެންސް އެޖެންސީ (ޑީއައިއޭ) އިން ދާދި ފަހުން ކަނޑައަޅާފައިވާ ކަމަށެވެ.
މި ނިންމުމަކީ ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ އެތެރޭގެ މަޝްވަރާތަކާއި ނިންމުންތައް ދެނެގަތުމަށް އިޒްރޭލުން މަސައްކަތް ކުރަމުންދާ ކަމަށް ބެލެވޭތީ ނިންމި ނިންމުމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ޑީއައިއޭގެ ހަތް ސަފުހާގެ ރިޕޯޓެއްގައި، މިގޮތަށް ނުރައްކަލުގެ ދަރަޖަ މަތިކުރަން ޖެހުނު ސަބަބުތަކާއި އެކަމާ ގުޅުން ހުރި ބައެއް ހާދިސާތައް ތަފްސީލުކޮށްދީފައިވާ ކަމަށް ވެސް އެންބީސީއިން ރިޕޯޓުކުރި އެވެ.
މި ތުހުމަތުތައް އިޒްރޭލުން ވަނީ ދޮގުކޮށްފަ އެވެ. ވޮޝިންޓަނުގައި ހުންނަ އިޒްރޭލުގެ އެމްބަސީން ބުނީ އެމެރިކާ ސަރުކާރުގެ އޮފިޝަލުންނަށް ފާރަލައި ޖާސޫސީ މައުލޫމާތު އެ ގައުމުން އެއް ނުކުރާނެ ކަމަށާއި، އެއީ ދޮގު ވާހަކަތަކެއް ކަމަށެވެ. ވައިޓް ހައުސްއިން ވެސް މި ރިޕޯޓް ދޮގުކޮށްފައިވާ އިރު، ޕެންޓަގަންއިން މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނަން ވަނީ އިންކާރުކޮށްފަ އެވެ.
ނުރައްކަލުގެ ދަރަޖަ މަތިކޮށްފައިވީ ނަމަވެސް، ދެ ގައުމުގެ ދެމެދުގައި ޖާސޫސީ މައުލޫމާތު ހިއްސާކުރުން، ހާއްސަކޮށް އީރާނާ ގުޅޭ މައްސަލަތަކުގައި ކުރިއަށްދާނެ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. އެހެން ނަމަވެސް، އެމެރިކާގެ އޮފިޝަލުން އިޒްރޭލަށް ދަތުރުކުރާއިރު ނުވަތަ އިޒްރޭލުގެ އޮފިޝަލުންނާ ބައްދަލުކުރާއިރު ކުރިއަށްވުރެ ބޮޑަށް ސަމާލުވުމަށް ވަނީ އަންގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ