ޙިޒްބުالله އާއި ޔަހޫދީން ހަމަލާ ހުއްޓައިލި ފަހުން 5 މީހުން ޝަހީދުކޮށްލައިފި

ލުބްނާންގެ ޢާންމު ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީ ފައުޖުން ދެމުންދިޔަ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށް ޔަހޫދީން އެއްބަސްވުމާއެކު، ރައްދުގައި ޙަމަލާދިނުން މެދުކަނޑައިލުމަށް މުޖާހިދުންގެ ޖަމުޢިއްޔާ، ޙިޒްބުالله އިން ވެސް ނިންމި ފަހުން ޔަހޫދީ ފައުޖުން ދިން ނިރުބަވެރި ޙަމަލާތަކެއްގައި ފަސް މީހުން ޝަހީދުކޮށްލައިފިއެވެ. އެމެރިކާ ސަރުކާރުގެ މަޞްދަރުތަކުން މި ކަން ކަށަވަރުކޮށްދީފައިވާއިރު، މިއީ ޔަހޫދީންގެ އިސްތިޢުމާރީ ބާރުތަކުގެ މައްޗަށް ޙިޒްބުالله އިން ހޯދި ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ. މިއީ، ސަރަޙައްދީ ހަމަޖެހުމަށް ޓަކައި އެމެރިކާއާއި އީރާނާ ދެމެދު ސޮއިކޮށްފައިވާ އިބުތިދާއީ އެއްބަސްވުމުގެ ދަށުން، ތެހްރާނުން ބޭނުންވި ގޮތަށް މުޅި މަސްރަޙު ބަދަލުކޮށްލި ނިންމުމެކެވެ.
ޤަޠަރުގެ އެހީތެރިކަމާއެކު އެމެރިކާއިން އިސްނަގައިގެން، އީރާނުގެ ބައިވެރިވުމާ ވެސް އެކު އެކުލަވައިލި ލުބްނާންގައި ޙަމަލާތައް ހުއްޓައިލުމުގެ ނިންމުމަށް އަމަލުކުރަން ފަށާފައި ވަނީ ޖޫން 19 ވަނަ ދުވަހު ލުބްނާން ގަޑިން ހަވީރު 4 ޖެހިއިރުއެވެ. ތެހްރާނާއި ވޮޝިންގޓަނާ ދެމެދު ބޭއްވި މަޝްވަރާތަކުގައި ޞަހްޔޫނީ ސަރުކާރު އެއްފަރާތްކޮށްފައި އޮތުމުން، އެ ނަތީޖާއާމެދު ނުރުހުންވެ، ނޭވާހޮޅިއަށް އެޅިފައިވާ ޔަހޫދީން ވަނީ ޙަމަލާތައް މެދުކަނޑައިލުމުގެ ނިންމުމަށް އަމަލުކުރަން ފެށި ފުރަތަމަ ގަޑިއިރުގެ ތެރޭގައި ވެސް ލުބްނާންގެ 12 ސަރަޙައްދަކަށް ބޮންއަޅައި، ގިނަ އަދަދެއްގެ ބަޔެއްގެ ލޭއޮހޮރުވައިލާފައެވެ. ޔަހޫދީންގެ ޑްރޯން ޙަމަލާއެއްގައި ދެ މީހަކު ޝަހީދުކޮށްލާފައިވާ ކަން ލުބްނާންގެ އިދާރާތަކުން ކަށަވަރުކޮށްދެއެވެ.
ތެހްރާނާއި ވޮޝިންގޓަނާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތަކުގައި ލުބްނާނަށް ޔަހޫދީން ދެމުންދިޔަ ޙަމަލާތައް ހުއްޓުވުމަށް އީރާނުން ވަނީ މަޖުބޫރުކުރުވާފައެވެ. އަދި، އެ ކަން އެއްބަސްވުމުގެ ޝަރުޠެއްގެ ގޮތުގައި ތެހްރާނުން ކަނޑައަޅާފައިވާއިރު، އެމެރިކާއިން ވަނީ މި ކަމަށް އެއްބަސްވެފައެވެ. މިއީ، ތެހްރާނަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރާއިރު، ޔަހޫދީން ދިޔައީ އެ ކަމަށް އިންކާރު ކުރަމުންނެވެ.
ޙަމަލާތައް މެދުކަނޑައިލުމުގެ ކުރިން ވެސް ޔަހޫދީ ސިފައިން ވަނީ ލުބްނާންގެ އިތުރު ބިންތަކަށް ވެރިވެގަތުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް، އަލް-ލަޔިޠާނީ ކޯރުގެ އުތުރުން އޮންނަ ޢަލީ އަލް-ޠާހިރު އުސް ބިމުގެ ސަރަޙައްދު ހިފުމަށް މަސައްކަތް ކުރި އިސްތިޢުމާރީ ސިފައިންގެ ފައުޖަށް ޙިޒްބުاللهގެ މުޖާހިދުން ވަނީ ހުރަސްއަޅާފައެވެ. އަދި، ރައްދު ޙަމަލާތަކުގައި ޔަހޫދީ ސިފައިންގެ ތިން އަސްކަރީ ޓޭންކު ހަލާކުކޮށްލައި، ގިނަ އަދަދެއްގެ ސިފައިން މަރައިލާފައެވެ. ޔަހޫދީ ފައުޖުން ވަނީ އެ ޙަމަލާތަކުގައި ސިފައިންގެ ހަތަރު މީހުން މަރުވެފައިވާ ކަން ކަށަވަރު ކޮށްދީފައެވެ.
މާރިޗު 2 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ލުބްނާނުގެ ޢާންމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 3،912 މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި 746 ޞިއްޙީ ޚިދުމަތްތެރިންނާއި، ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. ތެހްރާނާއި ވޮޝިންގޓަނާ ދެމެދު އަމަލުކުރަން ފެށި އެއްބަސްވުމާމެދު ނުރުހުން ފާޅުކުރަމުންދާ ޔަހޫދީ ސަރުކާރުން ލުބްނާންގައި ހިންގަމުންދާ ޖަރީމާތައް މެދުކަނޑައިލުމުގެ ނިންމުމަށް ބޯލަނބަން އެއްބަސްވި ނަމަވެސް، އެ އެއްބަސްވުން ބާޠިލުކުރުމަށް އެ މީހުންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުންްޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ