ގުރައިދޫ ސްކޫލް ޓީމު 1 އަހަރަށް، ތިން ކުޅުންތެރިއަކު 2 އަހަރަށް ސަސްޕެންޑްކޮށްފި

އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ ފުރަތަމަ ސެމީ ފައިނަލުގައި ކ. ގުރައިދޫ ސްކޫލާއި ކަލާފާނު ސްކޫލް ބައްދަލު ކުރި މެޗަށް ފަހު ހަމަނުޖެހުން ހިންގި ގުރައިދޫ ސްކޫލްގެ މުޅި ޓީމު އެއް އަހަރަށް ފުޓްބޯޅައިން ސަސްޕެންޑް ކުރުމަށް އެފްއޭއެމުން ނިންމައިފި އެވެ.
އެ މެޗުގައި ހޯމަ ދުވަހު ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އެފްއޭއެމުން މައްސަލަ ބެލުމަށް ފަހު މިއަދު ނެރުނު ބަޔާނުގައި، އެ އެސޯސިއޭޝަނުން ބުނީ އެ މެޗަށް ގުރައިދޫ ސްކޫލުން ރަޖިސްޓްރީ ކުރި ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން މިއަދު ފެށިގެން އެއް އަހަރު ދުވަހަށް އެފްއޭއެމުން ރާވައި ހިންގާ އެއްވެސް މުބާރާތެއްގައި ވާދަ ނުކުރެވޭނެ ކަމަށެވެ.
ގުރައިދޫ ސްކޫލުގެ ޓީމުން ހިންގި އެ ހަމަނުޖެހުމަށް ހިތްވަރު ދިނުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ދަނޑަށް ވަދެ ތިބި އެ ޓީމުގެ ސަޕޯޓަރުން ވެސް މެޗުގެ ރެފްރީންނަށް ހަމަލާ ދީފައިވާތީ ސަޕޯޓަރުންނަށް ވެސް އެފްއޭއެމުން ވަނީ ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން އެފްއޭއެމްގެ މުބާރާތެއްގައި އެ ސްކޫލުގެ ޓީމަކުން ދެން ކުޅޭ 10 މެޗުގައި އެ ޓީމުގެ ސަޕޯޓަރުންނަށް ނުވަދެވޭނެ ގޮތަށް ވެސް އެފްއޭއެމުން ވަނީ އަންގައިފަ އެވެ.
ހަމަނުޖެހުމުގައި އަމަލީ ގޮތުން ބައިވެރިވި އެ ޓީމުގެ ވަކިވަކި ކުޅުންތެރިންނަށް ވެސް އެފްއޭއެމުން ވަނީ ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން ގުރައިދޫ ސްކޫލް ޓީމުގެ ޖޯޒީ ނަންބަރު 7، ޖޯޒީ ނަންބަރު 8 އަދި ޖޯޒީ ނަންބަރު 10 ދެ އަހަރު ވަންދެން އެފްއޭއެމުން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ދެ އަހަރު ވާދަ ނުކުރެވޭނެ ގޮތަށް ވެސް އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.
ގުރައިދޫ ސްކޫލުގެ ކުޅުންތެރިންނާއި ޓީމު އޮފިޝަލުން ހަމަނުޖެހުން ހިންގަނީ
އެ މެޗުގެ ރެފްރީ އާ މެދު ހިތްހަމަނުޖެހި، މެޗު ނިމުނު ފަހުން ގުރައިދޫ ސްކޫލުގެ ކުޅުންތެރިންނާއި ޓީމު އޮފިޝަލުން އަދި ބެލެނިވެރިން ވެގެން ރެފްރީ އަށް ހަމަލާދީ މާރާމާރީ ހިންގި އެވެ.
ގުރައިދޫ ސްކޫލް ޓީމުގެ ބައެއް ކުޅުންތެރިން ރެފްރީއާ ދިމާކޮށްލުމާ އެކު ޓީމުގެ ބެންޗުގައި ތިބި ބައެއް އޮފިޝަލުންނާއި ކުޅިބަލަން ތިބި ބެލެނިވެރިންގެ ބައެއް ވަނީ ދަނޑަށް އަރައި ރެފްރީ ފަހައި ދުވެފަ އެވެ.
ހަމަލާ އަމާޒުވި ރެފްރީ ދުވެފައި، ރެފްރީސް ރޫމާ ހަމައަށް ދެވުނީ ދަނޑުމަތީގައި މާރާމާރީ ހުއްޓުވަން މަސައްކަތް ކުރި ބައެއްގެ އެހީތެރިކަމާ އެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ