ހިޒްބުﷲގެ ވެރިންގެ ބައްދަލުވުމަކަށް އަމާޒުކޮށް އަނެއްކާވެސް ބެއިރޫތަށް ބޮންއަޅައިފި

ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނަށް އަނެއްކާވެސް ބަންކަރ-ބަސްޓަރ
ބޮންތަކެއް އަޅައިފި އިސްރާއީލުން ބޮޑެތި އުދުވާނުތައް ހިންގައިފިއެވެ.
އިސްތިއުމާރީ އިސްރާއީލުން ބޮން އަޅާފައިވަނީ ގިނަ އަދަދަކަށް
އާންމުން ދިރިއުޅޭ ސަރަހައްދެއްގައި ހުރި އިމާރާތަކަށެވެ.
އިސްރާއީލުން އެޅި ބޮންތަކާއެކު، ބޮޑު ސަރަހައްދެއް
އަލިފާންގުޅައެއްހެން ގޮވައިގެންދާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި
ދައުރުވަމުން އެބަދެއެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިން ހަމަލާދިނީ، ހިޒްބުﷲގެ
މިހާރުގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ބައްދަލުވުމެއް ކުރިއަށް ގެންދިޔަ ތަނަކަށް
ކަމުގެ ރިޕޯޓުތައް ލިބެމުން ދެއެވެ.
ޚާއްސަކޮށް އިސްރާއީލުގެ އަމާޒަކީ ހާޝިމް ސަފިއްދީން ކަމަށް
ވެއެވެ. އެއީ، ހިޒްބުﷲގެ ކުރީގެ ލީޑަރު ހަސަން ނަސްރުﷲގެ ދެބެއިންގެދެދަރި ބޭފުޅެއް
ކަމަށާއި، ނަސްރުﷲ އަވަހާރަ ކޮށްލުމުން ހިޒްބުﷲގެ ވެރިޔަކަށް ވާނީ ހާޝިމް ކަމުގެ
އަޑުތައްވެސް އަރާފައި ވެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، ބެއިރޫތުގެ ދެކުނަށް
އިސްރާއީލުން މިފަހަރު ދިން ހަމަލާތައް، ނަސްރުﷲ އަވަހާރަކޮށްލަން ދިން ހަމަލާއަށް
ވުރެންވެސް ވަރުގަދައެވެ. މިފަހަރުވެސް އިސްރާއީލުން ބޭނުންކުރީ އދއިން މަނާކޮށްފައިވާ
ބަންކަރަ-ބަސްޓަރ ބޮންތައް ކަމަށް ޚަބަރުތައް ބުނެއެވެ.
މި ހަމަލާތަކުގައި ހާޝިމް ސަފިއްދީން އަދި ހިޒްބުﷲގެ
ލީޑަރޝިޕްގެ އެހެން ބޭފުޅަކަށް ކަމެއް ވީކަމެއް އެ ޖަމާއަތުން އަދި ހާމައެއް ނުކުރެއެވެ.
އެހެން ނަމަވެސް، ލުބުނާނު ސަރުކާރުގެ ހެލްތު މިނިސްޓްރީން
ބުނެފައިވަނީ، ވެރިރަށް ބެއިރޫތަށާއި، ލުބުނާނުގެ އެކި ހިސާބުތަކަށް ވޭތުވެދިޔަ 24
ގަޑިއިރުގެ ތެރޭގައި އުދުވާނީ އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި 37 މީހުން
މަރުވެ، 151 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ