ހުސްވެފައިވާ ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ)ކަމުގެ މަގާމަށް ކުރިމަތިލާން އިއުލާން ކުރި މުއްދަތުގައި އެކަމަށް އެއްވެސް ފުލުހަކު ކުރިމަތިނުލުމުން އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށް އަލުން އިއުލާންކޮށްފި އެވެ.
އެނގުން މުހިންމު - ސީޕީކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ސީޕީކަމުން އިސްތިއުފާ ދެއްވައި ފުލުހުންގެ ހިދުމަތުން މިދިޔަ ފެބުރުއަރީ 18 ވަނަ ދުވަހު ރިޓަޔާ ކުރެއްވުމުންނެވެ. ފާހަގަކޮށްލެވޭ ކަމަކީ:
އޭނާ ސީޕީ ކަމުގައި ހޭދަކުރެއްވީ 8 މަސްދުވަހު
ވީ ކިހިނެއް؟ - ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން އިއްޔެ ވަނީ އާ އިއުލާނެއް ނެރެ ސީޕީކަމަށް ކުރިމަތިލާން މި މަހުގެ 5 ވަނަ ދުވަހު ކުރި އިއުލާންގެ މުއްދަތު އިތުރުކޮށްފަ އެވެ. ސީޕީ ކަމަށް ކުރިމަތިލާން ފުރަތަމަ ކުރި އިއުލާނުގައި ހުޅުވާލާފައި އޮތީ:
އިއްޔެގެ މެންދުރު 2 ޖެހުމާ ހަމައަށް
އެ މުއްދަތު އިތުރުކުރަން ނިންމީ ކުރިމަތިލުމުގެ މުއްދަތު ހަމަވާން 10 މިނެޓަށްވެފައި ވަނިކޮށް
ތަފްސީލް - އިއްޔެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ސީޕީ ކަމަށް ކުރިމަތިލާން ދީފައިވާ މުއްދަތު އިތުރުކުރަން ނިންމީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 1 ޖެހުމާ ހަމައަށް ކަމަށެވެ. އިތުބާރުހުރި މަސްދަރުތަކުން ކަށަވަރުވެފައިވާ ގޮތުގައި:
އެ މުއްދަތު އިތުކުރީ ސީޕީ ކަމަށް އެއްވެސް ފަރާތަކުން ކުރިމަތިނުލުމުން
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރުވީއިރު ދެ ސީޕީން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެގޮތުން:
ނަވީންގެ ކުރިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވީ އަލީ ޝުޖާއު 25 ޑިސެމްބަރު 2023ގައި އެ މަގާމަށް އައްޔަންކުރި ނަމަވެސް، ދެ އަހަރު ނުވަނީސް 26 އޭޕްރީލް 2025ގައި މަގާމުން ވަނީ އިސްތިއުފާ ދެއްވާފައި
ނަވީން ސީޕީކަމަށް ހަމަޖެއްސީ 10 ޖޫން 2025ގައި؛ 8 މަސް ތެރޭ 18 ފެބުރުއަރީ ނަވީން ވަނީ ސީޕީ ކަމުން އިސްތިއުފާ ދެއްވާފައި
އެބޭފުޅުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކާ ހުރެ ކަމަށް އާންމުކޮށް ވިދާޅުވި ނަމަވެސް، ކަށަވަރުވެފައިވާ ގޮތުން ދެ ސީޕީން ވެސް މަގާމުން އިސްތިއުފާ ދެއްވީ ސަރުކާރުގެ ސިޔާސީ ފިއްތުންތަކާ ގުޅިގެންނެވެ. އަދި އެކަންތައްތަކުގެ ތެރެއިން އިސްތިއުފާ ދޭން އެންގުމުންނެވެ.
އެ މަގާމަށް ކުރިމަތިލާން ޝަރުތުހަމަވާ ފުލުހުން އެ މަގާމަށް ކުރިމަތިލާން ފަސް ޖެހެނީ ވެސް އެ ސަބަބާ ހުރެ ކަމަށް މީގެ ކުރިން ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުން ވިދާޅުވެ އެވެ.
ފުލުސް ކޮމިޝަނަރުން މިހާ އަވަސް އަވަހަށް ބަދަލުވުމަކީ ފުލުހުންގެ މުއައްސަސާއަށް އާންމުންގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ.
ފުލުސް އޮފީސް މިހާރު ވަގުތީ ގޮތުން ހިންގަވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އެވެ.
ސީޕީކަމަށް މީހަކު ކުރިމަތިނުލުމުން މުއްދަތު އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ