ފަނޑިޔާރުން ވަކިކުރުމުގެ ދިފާއުގައި ޕީއެންސީން މުޅިން ދެއްކީ އެމްޑީޕީން ކަންތައް ކުރިގޮތް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ, ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރުމުގެ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެންބަރުން، އެމްޑީޕީން މީގެ ކުރިން 'ޖުޑިޝަރީއާ ކުޅުނު' ގޮތުގެ ވާހަކަ ދިފާއުގައި ދައްކަވައިފިއެވެ. ސުލޫކީ މައްސަލަތަކެއް ބެލުމަށް ފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމީ މި މަހުގެ ހަތަރުވަނަ ދުވަހެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ މި މަހުގެ ފަސްވަނަ ދުވަހެވެ. ކޮމިޓީގައި ޖަވާބުދާރީވުމަށް ފަނޑިޔާރުންގެ ފަރާތުން އެދުމުން، އެ ފުރުސަތު ނުދޭން ނިންމުމަށް ފަހު، އިއްޔެ ބޭއްވި ކޮމިޓީ ވަނީ ސިއްރުކޮށްފައެވެ. އެއަށްފަހު، ކޮމިޓީން ވަނީ ޖޭއެސްސީން ފަނޑިޔާރުން ވަކިކުރަން ނިންމީ ރަނގަޅަށް ކަމަށް މިދިޔަ އާދިއްތައިގައި ފާސްކުރުމަށް ފަހު، މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ. އެ ކޮމެޓީން އެގޮތަށް ނިންމީ ފަނޑިޔާރުން ޖަވާބުދާރީވުމުގެ ފުރުސަތަށް އެދިފައި ވަނިކޮށް, އެ ފުރުސަތު ނުދީ, ކޮމެޓީ ސިއްރު ވެސް ކުރުމަށް ފަހުގައެވެ. އަދި ކޮމެޓީން އެ ގޮތަށް ނިންމީ, ޖޭއެސްސީގެ ނިންމުން ގާނޫނާ ހިލާފު ކަމަށް, ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ވެސް އަރުވާފައި ވަނިކޮށް, އެއަށް ބެލުމެއް ނެތިއެވެ. ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު -- ފޮޓޯ/ މަޖިލިސް މިއަދު ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރައްވައި ވާހަކަދައްކަވަމުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވީ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުންތައް ހިނގަމުންދިޔައީ ބަރާބަރަށް، ގަވައިދާ އެއްގޮތަށް ކަމަށެވެ. ގަވައިދުގައި ވަރަށް ސާފުކޮށް ފަނޑިޔާރުންގެ މައްސަލައެއް ކޮމިޓީއަށް ހުށަހެޅިއްޖެނަމަ އަމަލުކުރަންވީ ގޮތް ބަޔާންކޮށްފައި އެބައޮތްކަން ފާހަގަކުރައްވައި އަބްދުއްސައްތާރު ވިދާޅުވީ، ގަވައިދުގައި އޮތީ، ކޮމިޓީއަށް ހުށަހެޅޭ މައްސަލައިގައި އިޖުރާއަތްތައް ފުރިހަމަކޮށްފައި އޮތްތޯ ބެލުން ކަމަށެވެ. ނަމަވެސް އެއްވެސް މާއްދާއެއްގައި ފަނޑިޔާރުން ހާޒިރުކުރުން ނޫނީ އިތުރަށް މައްސަލަ ތަހުގީގުކުރުމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުން ކޮމިޓީގައި ވެސް ބައްލަވަނީ ހަމައެކަނި އެ މެންބަރުން ބޭނުންވާ މާއްދާއަށް އެކަނި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އަދި މެންބަރު ވަނީ މީގެ ކުރިން އެމްޑީޕީން އަމަލުކޮށްފައިވާ ގޮތުގެ ވާހަކަ ދައްކަވައިފައެވެ. "މިދިޔަ 19 ވަނަ މަޖިލީހުގަ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮވެމެ، މަސައްކަތްކުރަމުންދިޔައީ ކޮންކޮން ގޮތަކަށްތޯ؟ ސުޕްރިމް ކޯޓުގެ ފަނޑިޔާރުން ހުކުމް ކުރެއްވީމަ އެ ހުކުމުގަ ހުރި މައްސަލަތަކެއް ނަގައިގެން ޚުދު މި މަޖިލީހުގެ ރައީސް ޖުޑިޝަރީއަށް ސިޓީ ފޮނުއްވައިގެން ފަނޑިޔާރުންގެ މައްސަލަތައް ބަލަމުން ދިޔައީ. ރައީސް މުހައްމަދު ނަޝީދުގެ ސިޓީއަަކަށް،" އަބްދުއްސައްތާރު ވިދާޅުވިއެވެ. މެންބަރު ވިދާޅުވީ އެހާ ދެކޮޅު ދިމާނުވާ ކަންތައްތައް ކޮށްފައި، މިއަދު އެމްޑީޕީން އެ ވާހަކަ ދައްކަން ލަދު ގަންނަންޖެހޭނެ ކަމަށެވެ. އޭރުވެސް ރާއްޖޭގެ ބާ ކައުންސިލާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އާއި އެފަދަ ހުރިހާ ތަނެއް އޮތް ކަމަށާއި، އެއްވެސް ތަނަކުން އެއްވެސް އެއްޗެއް ބުނަން ނުކެރުނު ކަމަށް އޭނާ ވިދާޅުވިއެވެ. "މި ގާނޫނުއަސާސީގަ ފަނޑިޔާރުންގެ މިނިވަންކަމާ ބެހޭ ގޮތުން ހުރިހާ މާއްދާއެއް ވެސް އޭރުވެސް އޮތޭ. މީގެން އެއްވެސް އެއްޗަކަށް ހުރުމަތްތެރިކޮށް ނުހިތާ މިމީހުން [އެމްޑީޕީން] ބޭނުންގޮތަކަށް ކަންތައް ކުރަމުންދިޔައީ،" އަބްދުއްސައްތާރު ވިދާޅުވިއެވެ. މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ޒަރީރު -- ފޮޓޯ/ މަޖިލިސް ބަހުސްގައި ވާހަކަދައްކަވަމުން މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ޒަރީރު ވެސް ވަނީ ވަރަށް ބޮޑަށް އެމްޑީޕީއަށް ފާޑު ވިދާޅުވެ، އެމްޑީޕީން މީގެ ކުރިން އަމަލުކުރި ގޮތުގެ ވާހަކަ ދައްކަވައިފައެވެ. އެމްޑީޕީން އޭރު ކަންތައް ކުރިގޮތަށް ފާޑު ވިދާޅުވި ޒަރީރަކީ މިދިޔަ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރެއްވި މެންބަރެކެވެ. އޭނާ ޕީއެންސީއާ ގުޅިވަޑައިގަތީ އެ ސަރުކާރު ރިޔާސީ އިންތިޚާބުން ބަލިވި ހިސާބުންނެވެ. އެގޮތުން އެމްޑީޕީގެ އެ ވެރިކަމުގައި ފަނޑިޔާރުން ވަކި ކުރަން ވޯޓް ދެއްވި މެންބަރުންގެ ތެރޭގައި ޒަރީރު ވެސް ހިމެނިވަޑައިގަންނަވައެވެ. "އެބަ ވިދާޅުވޭ އިންސާފޭ. ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިންސާފުވެރިކަން ނަގާލަނީއޭ. އަޖައިބެއް ފަހެ ނުވާނެތަ ރައީސް،" ވާހަކަ ފައްޓަވަމުން ޒަރީރު ވިދާޅުވިއެވެ. އެއާއެކު މަޖިލިސް ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެމްޑީޕީގެ މެންބަރުން ވަނީ އަޑުގަދަކުރައްވައި ބަހުސަށް ހުރަސްއަޅައިފައެވެ. މެންބަރު ޒަރީރު ވިދާޅުވީ ކޮމިޓީ ރިޕޯޓުން ސާބިތުވާ އެއްކަމަކީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން، ޑރ. އިސްމާއިލް ލަތީފް މަސާޖު ސެންޓަރަކުން ހައްޔަރުކޮށް، ކޯޓަށް ގެންދިޔުމުން ނުފޫޒު ފޯރުވިކަން ކަމަށެވެ. އަދި އެހިސާބުން ފިރިކަލުން ދޫކޮށްލެއްވީ ކަމަށާއި، އެހާހިސާބުން އެ މައްސަލަ އެހާ 'ސްމޫތުކޮށް' ކޯޓުން ނިންމާލީ ނުފޫޒު ފޯރުވުމުން ކަމަށް ވިދާޅުވިއެވެ. "ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް އެންމެ ބޮޑަށް ބާރު ފޯރުވީ، އެންމެ ބޮޑަށް ނުފޫޒު ފޯރުވި ވެރިކަމަކީ ރައީސް ޔާމީންގެ ވެރިކަމާއި އެމްޑީޕީގެ ވެރިކަން. މިއީ ހަގީގަތް އިއްޒަތްތެރި ރައީސް،" ޒަރީރު ވިދާޅުވިއެވެ. ޒަރީރު ވިދާޅުވީ މިއަދު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމްޑީޕީން ވެސް ދައްކަވަނީ ޖުޑިޝަރީ މިނިވަންކުރުމުގެ ވާހަކަ ކަމަށެވެ. ނަމަވެސް ހަގީގަތަށް ބަލާއިރު ސުޕްރިމް ކޯޓު 'ތަޅު އަޅުވައި'، ސުޕްރިމް ކޯޓުގެ ފުރާޅުން 'ޓިނު ނެގީ' ކޮން ބައެއްކަމާއި، ގާޒީން ހިފައި ހައްޔަރުކުރީ ކޮން ބައެއްކަން ވަރަށް ވެސް ސާފު ކަމަށް ޒަރީރު ވިދާޅުވިއެވެ. އެހެންކަމުން އެމްޑީޕީން މިއަދު ޖެހޭނީ އިންސާފޭ ކިޔަން ލަދު ގަންނާން ކަމަށް ކުރިން އެމްޑީޕީގައި އުޅުއްވި ޒަރީރު ވިދާޅުވިއެވެ. ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއިލް ނިޒާރު -- ފޮޓޯ/ މަޖިލިސް ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއިލް ނިޒާރު ވިދާޅުވީ، އެފަދަ ވާހަކަތައް އަޑުއެހުމަށް އެމްޑީޕީއަކަށް ހަޖަމެއް ނުވާނެ ކަމަށެވެ. އެގޮތުން 19 ވަނަ މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮއްވައި، ޖުޑިޝަރީ ކޮމިޓީން މަސައްކަތްކުރީ އެހާ ވެސް ހުދުމުޚުތާރުކޮށް ކަމަށް ވިދާޅުވިއެވެ. "މި ރިޕޯޓަށް އަޅުގަނޑުމެން ފުރިހަމައަށް ތާއީދުކުރަން،" ނިޒާރު ވިދާޅުވިއެވެ. އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން 2019ގައި ފަނޑިޔާރުކަމުން ވަކިކުރީ ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި ކުރީގެ ފަނޑިޔާރުން އާދަމް މުހައްމަދާއި އަބްދުލްޣަނީ މުހައްމަދާއި އަބްދުﷲ ދީދީއެވެ. އޭގެ ތެރެއިން ދީދީ ފަނޑިޔާރު ކަމުން ވަކިކުރަން މަޖިލީހުން ފާސްކުރީ އޮގަސްޓު މަހު ކަމަށްވާއިރު، ނޮވެމްބަރު މަހު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި އާދަމް މަގާމުން ވަކިކުރަން މަޖިލީހުން ފާސްކުރިއެވެ. އެއަށް ފަހު ޑިސެމްބަރު މަހު އަބްދުލްޣަނީ މަގާމުން ވަކިކުރީއެވެ. އެމްޑީޕީގެ ސަރުކާރުގައި ސުޕްރީމް ކޯޓުގެ ނިންމުންތަކާ ދެކޮޅަށް ފާޅުގައި ނުކުމެ، ފަނޑިޔާރުންނަށް ވަރަށް ބޮޑެތި ތުހުމަތުތައްކޮށްފައިވެއެވެ. އަދި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބެލުމަށް ވެސް ފާސްކުރިއެވެ. މީގެ އިތުރުން، ސުޕްރީމް ކޯޓަށް ލިބޭ ބާރުތަކުން ބޭރުވެ ރައްޔިތުންގެ މަޖިލީހަށް އަރައިގަންނަކަމަށް ބުނެ އިންޒާރު ދިނުމަށް ވެސް ހުށަހެޅިއެވެ. ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބެލުމަށް ފަހު އެމްޑީޕީގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ މުޅި ބެންޗު އެއްކޮށް ބަދަލުކުރިއެވެ. ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި އެންމެ ފުރަތަމަ ތިއްބެވީ ހަތް ފަނޑިޔާރުންނެވެ. ނަމަވެސް، 2014 ވަނަ އަހަރު ފަނޑިޔާރުންގެ ބެންޗު ވަނީ ފަހަކަށް ކުޑަކޮށްފައެވެ. އެއާއެކު އޭރުގެ އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި، ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަނީ މަގާމުން ވަކިކޮށްފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު އަނެއްކާ ހަތަކަށް އިތުރުކުރުމަށްޓަކައި ކޯޓުތަކުގެ ގާނޫނު އިސްލާހުކުރީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައެވެ. ނަމަވެސް ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީޕީން ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާ އޭރު ކުރިއަށް ގެންދިޔައީ, ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ދީގެންނެވެ. އޭރު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ވެސް ޖަވާބުދާރީވުމަށް ފަނޑިޔާރުން ހާޒިރުކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ