ބާސެލޯނާ އަށް ރެއާލް ބަލިކުރަން ފަސޭހައީ ބިރުނުގަނެ ކުޅޭތީ: ޔަމާލް ބާސެލޯނާ އަށް ރެއާލް ބަލިކުރަން ފަސޭހައީ ބިރުނުގަނެ ކުޅޭތީ: ޔަމާލް

ބާސެލޯނާ (މެއި 13) - ބާސެލޯނާ އަށް ރެއާލް މެޑްރިޑް ބަލިކުރަން ފަސޭހައީ ބިރުނުގަނެ ކުޅޭތީ ކަމަށް ބާސެލޯނާގެ 17 އަހަރުގެ ފޯވާޑް، ލަމީން ޔަމާލް ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ބާސެލޯނާ ވަނީ ރެއާލާ ދެކޮޅަށް ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ. އެކަމަކު، މި ސީޒަނުގައި، ރެއާލާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް ބާސެލޯނާ ވަނީ މޮޅުވެފަ އެވެ. އެ ހަތަރު މެޗުގެ ތެރޭގައި ހިމެނެނީ، ސްޕެނިޝް ސުޕަ ކަޕް ފައިނަލާއި ސްޕެނިޝް ކަޕް ފައިނަލާއި ލީގުގެ ދެ މެޗެވެ.
ރެއާލުން މިދިޔަ އާދިއްތަ ދުވަހު ބާސެލޯނާ ދަނޑުގައި ދެ ގޯލުގެ ލީޑެއް ނަގާފައި އޮއްވައި، ބާސެލޯނާ މޮޅުވީ ފަހަތުން އަރައި، 4-3 އިންނެވެ. އެ މެޗުގައި ބާސެލޯނާ އަށް ނަތީޖާ ހަމަހަމަކޮށްދިން ގޯލު ޖެހީ ޔަމާލް އެވެ.
އީއެސްޕީއެން އަށް ދިން އިންޓަވިއުއެއްގައި ޔަމާލް ބުނީ، މިދިޔަ ސީޒަނުގައި ބާސެލޯނާ އިން ރެއާލާ ދެކޮޅަށް ކުޅުނު މެޗުތަކުން ބަލިވުމުން އޭގެ އަަސަރު ޓީމަށް ވަރަށް ބޮޑަށް ކުރި ކަމަށެވެ. އަދި، އެ މެޗުތަކުން އިބުރަތް ހޯދައި، ބާސެލޯނާ އިން މި ސީޒަނަށް ތައްޔާރުވީ ވަރަށް ބޮޑަށް އެކި ހާލަތްތަކަށް ވެސް ވިސްނައިގެން ކަމަށް ޔަމާލް ވަނީ ބުނެފަ އެވެ.
"މިދިޔަ އަހަރު އެ މީހުން (ރެއާލް) އަތުން އެއްވެސް މެޗެއްގައި މޮޅުނުވެ އޮތީމަ އަހަރެމެން އެ ކަން ބަދަލުކުރަން މި އަހަރު ކުރެވުނު ކަމެއް ކުރަން ނުކުތީ،" ޔަމާލް ބުންޏެވެ.
"އަހަރެމެންނަށް މި ފަހަރު ރެއާލް ބަލިކުރަން ފަސޭހަވީ ހަގީގަތުގައި އަހަރެމެން ބިރެއްނުގަނެ ކުޅޭތީ، ފަހަރުގައި އެހެން ޓީމުތަކުން އެ ހުންނަނީ އެ ބިރު. އަހަރެމެން ރެއާލް ދެކެ ޖެހިލުންނުވެ، އަމިއްލަ އިތުބާރާ އެކު ކުޅޭތީ ކާމިޔާބު ލިބެނީ،"
ބާސެލޯނާ އިން މި ސީޒަނުގައި ވަނީ ދެ ގޯލު ވަދެފައި އޮއްވައި، ހަތް މެޗުގައި ނަތީޖާ އަނބުރާލައިފަ އެވެ. އެ ހުރިހާ މެޗެއްގައި ވެސް ޔަމާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ކަމަށް ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ވަނީ ބުނެފަ އެވެ. އޭނާ ވަނީ ޔަމާލްގެ އުމުރަކީ 17 އަހަރު ކަމަށް ގަބޫލުކުރަން ދަތި ކަމަށް ބުނެފަ އެވެ.
ސްޕެނިޝް ސުޕަ ކަޕާއި ސްޕެނިޝް ކަޕްގެ ޗެމްޕިއަން، ބާސެލޯނާ ސްޕެނިޝް ލީގު ކާމިޔާބުކުރަން ބާކީ ތިން މެޗުން ބޭނުންވަނީ ތިން ޕޮއިންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ