ސަރުކާރުން ވެފައިވާ ވަޢުދުތަކާ އެއްގޮތަށް ޤައުމު ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޙިއްޞާކުރައްވައިފިއެވެ. އެމަނިކުފާނު މި މަޢުލޫމާތު ޙިއްޞާކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައެވެ.
ނޫސްވެރިންނާ މަޢުލޫމާތު ޙިއްޞާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މެނިފެސްޓޯ ގައި ހިމެނޭ ވަޢުދުތަކާއި، ރިޔާސީ ކެމްޕެއިން ވަޢުދަކާއި، ދަތުރުފުޅުތަކުގައި ވަޢުދުވެވަޑައިގަތް ކަންކަމުގެ އިތުރުން އެކި އިވެންޓުތަކުގައި ވެވަޑައިގެންނެވި ވަޢުތުތައް ހިމެނޭހެން މިހާރު ޖުމްލަ 2129 ވަޢުދު ހިމެނޭކަމަށެވެ. އަދި މުޅި ޤައުމުގެ ކުރިއެރުމަށްޓަކައި، މި ވަޢުދުތައް ފުއްދުމަށް އެކިދާއިރާތަކުން ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެކަންކަމަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޤައުމު ތަރައްޤީގެ ކަންކަން ކުރިއަށްގެންދާއިރު އެންމެ އިސްކަމެއް ދެއްވާނީ އިސްލާމްދީނުގެ ހަމަތަކާއެއްގޮތަށް ކަންކަން ކުރިއަށްގެންދިއުމަށްކަމަށާއި، ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އަސާސަކަށްވާނީ ހުރިހާ ހާލަތެއްގައިވެސް ދިވެހީންގެ މަޞްލަޙަތު އިސްކޮށް ދިވެހީންގެ މިނިވަންކަމާއި، ސިޔާދަތީ ބާރު ޙިމާޔަތްކޮށް ދެމެހެއްޓުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަންކަމަށް ބެއްލެވުމާއެކު، ހުރިހާ ޤައުމުތަކާއެކު ގާތްގުޅުން ބޭއްވުމަށް މަސައްކަތްކުރައްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކި ދާއިރާތަކުން ކުރައްވާ މަސައްކަތްތަކުގެ ތަފްޞީލީ މައުލޫމާތު ޙިއްޞާކުރައްވާފައެވެ. އަދި އެއަށްފަހު އެމަނިކުފާނު ވަނީ ނޫސްވެރިންގެ ސުވާލުތަކަށްވެސް ޖަވާބުދެއްވާފައެވެ.
މިގޮތުން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ހުރިހާވެސް އަމާޒަކީ، ނަތީޖާ ނެރުންކަމަށެވެ. އަދި ނަތީޖާއަށް ދިއުމުގައި ހުރަސްތަކެއް ދިމާވާނަމަ، އެކަންމުން އެންމެ ގެއްލުން ކުޑަ ޙައްލެއް، އަވަހަށް ހޯދައިގެން އެ އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތެއްގައި ދެއްވުމަށް ކުރަމުންދާ މަސައްކަތްތައްވެސް ޙިއްޞާކުރެއްވިއެވެ. މިގޮތުން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗްގެ ތެރޭގައި އެކިދާއިރާތަކުން ސްޕެޝަލައިޒްޑް ވެފައި ތިއްބެވި ޑޮކްޓަރުން، ބަލިމީހުންނަށް ޚިދުމަތް ދެވޭގޮތަށް، ބެލޭ ވަގުތު އިތުރުކުރެވޭ އޯ.ޕީ.ޑީ ކްލިނިކްތަކެއް ހަދަން މިހާރު ނިންމާފައިވާކަމަށާއި އެކަން ކުރުމަށް މަސައްކަތްތަކެއް ކުރެވޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުން އެދޭ ގޮތަށް ވީހާވެސް ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ކުރަމުންދާ ކަންކަންވެސް އެމަނިކުފާނު ޙިއްޞާކުރެއްވިއެވެ.
މި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނޫސްވެރިން ތެދުބަހުން ވާހަކަ ދެއްކުމަށް ބާރުއަޅުއްވާފައެވެ. އަދި ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރިއަށްގެންދިއުމަށްވެސް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
މިއަދަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުން ޞައްޙަ އަދި މުޢުތަބަރު ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ގަދަ ހިތްވަރާއެކު، ސާބިތު ޢަޒުމެއްގައި ނޫސްވެރިން ކުރާ މަސައްކަތަށް ތާރީފުކުރައްވާފައެވެ. އަދި ޑިމޮކްރަސީ އާއި އިންސާނީ ކަރާމާތް ހިމާޔަތްކޮށް، ޢަދުލުއިންސާފު ނެގެހެއްޓުމުގައި ނޫސްވެރިން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އެމަނިކުފާނުގެ ޕޯސްޓުގައި އަލިއަޅުއްވާލައްވާފައިވެއެވެ.
ވަޢުދުތަކާ އެއްގޮތަށް ޤައުމު ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ރައީސް ޙިއްޞާކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ