ތިނަދޫ އެއަރޕޯޓް އަޑިއަށް - 12ފަޅުރަށް ހަވަޔަށް!

ތިނަދޫ ފަޅުގައި ވައިގެ ބަނދަރެއް އަޅަން ސަރުކާރުން ބޭރު ބަޔަކާއެކު ސޮއިކުރީ ތިނަދޫ ރައްޔިތުންގެ ކުރިމަތީގައެވެ. ތައިލެންޑްގެ ޕޭންޕެސެފިކް ކޮމްޕެނީއާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ ރައީސް މުއިއްޒުގެ ހާޒިރުގައެވެ. 20 ފެބުރުއަރީ 2024ގެ ރޭ ތިނަދޫގައި ބޭއްވި ވަރުގަދަ ބޮޑު ރަސްމިއްޔާތެއްގައެވެ.  
ތިނަދޫ ފަޅުގައި އަޅާ ވައިގެ ބަނދަރަކީ ވަރަށް ތަފާތު ޑިޒައިނެއް އޭގައި އެކުލެވޭ ވައިގެ ބަނދަރަކަށް ވެގެންދާނެކަމުގައި ރައީސް މުއިއްޒު އެ ރަސްމިއްޔާތުގައި ވިދާޅުވިއެވެ. ތިނަދޫ ވައިގެ ބަނދަރުގެ ޓަރމިނަލަކީ އޯވަރ ވޯޓަރ ނުވަތަ ފެނުގެ މަތީގައި ގާއިމުކުރެވޭ ޓަރމިނަލަކަށް ވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 
ތިނަދޫ ފަޅުގައި ވައިގެ ބަނދަރެއް އަޅަން ބޭރު ބަޔަކާއެކު ސަރުކާރުން ސޮއިކުރި ފަހުން 14 މަސްދުވަހަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. ތިނަދޫ ފަޅުގައި އަޅަން ސޮއިކުރި އެއަރޕޯޓްގެ ހަބަރެއް ހިލަމެއް ނުވެ އޮތުމަށްފަހު އެކަންވެސް ސައިބޯނި ބޮތްކަކަށް ބަދަލުވީއެވެ. 
ތިނަދޫ ފަޅުގައި އެއަރޕޯޓް އެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރުމަށްޓަކާ ތިނަދޫ ރައްޔިތުންނަށް ރައީސް މުއިއްޒު އޮޅުވާލި އޮޅުވާލުމެކެވެ. މުއިއްޒުގެ ދޮގު ސިލްސިލާގެ ފަލަ ބޮޅެކެވެ. 
ތިނަދޫ ފަޅުގައި އޯވަރ ވޯޓަރ ޓަމިނަލަކާއެކު އެއަރޕޯޓެއް އަޅަން ނިންމިއިރު ބުރިޖުން ގުޅާލެވޭ ހިސާބުގައި ކާޑެއްދޫ އެއަރޕޯޓް އޮތްކަމެއް މުއިއްޒަކަށް ނޭނގުނެވެ. އެކަން މުއިއްޒަށް އެނގުނީ އަދިކިރިޔާއެވެ. 
ހުވަދު އަތޮޅުން 12 ރަށް ޓޫރިޒަމް ތަރައްގީ ކުރުމުގެ ނަމުގައި ތައިލެންޑްގެ ޕޭންޕެސެފިކް ކޮމްޕެނީއަށް ދީގެން ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ތަރައްގީ ކުރާ 600 މިލިޔަން ޑޮލަރުގެ ތިނަދޫ އެއަރޕޯޓް ހަބަރެއް ހިލަމެއް ނުވަނީ ކުރަން އުޅުނުކަމަކަށް ނުވާތީކަން އެނގިއްޖެއެވެ. އެއަރޕޯޓާ ލާޖައްސާފާ ކަރުދާހު ކުންފުނި ޕޭންޕެސެފިކްއަށް ދިން 12 ފަޅުރަށް ވެސް ހަވަޔަށް އަރައިގެން ދިޔައީ ހެއްޔެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ