އަޒްމިރަލްދާ އާއި މަހާޒު ވަކިކުރުމާ މެދު ޖޭއެސްސީން މިއަދު ގޮތެއް ނިންމަނީ އަޒްމިރަލްދާ އާއި މަހާޒު ވަކިކުރުމާ މެދު ޖޭއެސްސީން މިއަދު ގޮތެއް ނިންމަނީ

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރުމާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަނު (ޖޭއެސްސީ) އިން ގޮތެއް ނިންމަން މިއަދުގެ މެންދުރު 2:00 ގައި އެ ކޮމިޝަނުގެ ޖަލްސާއެއް ތާވަލުކޮށްފި އެވެ.
މި ދެ ފަނޑިޔާރުންގެ މައްސަލަ ބެލި ޖޭއެސްސީގެ ކުޑަ ކޮމިޓީން ނިންމާފައި ވަނީ އެ ފަނޑިޔާރުން ވަކިކުރަން ފެންނަ ކަމަށެވެ. ފަނޑިޔާރުން ވަކި ކުރަން ނިންމި ކޮމިޓީގައި ހިމެނެނީ މެންބަރު މުހައްމަދު ނާސިހް އާއި ޔަޒްމީދް މުހައްމަދު އާއި އަލީ އަބްދުއްލަތީފެވެ. އޭގެ ތެރެއިން ނާސިހާއި ޔަޒްމީދަކީ ސީދާ ރައީސް މުހައްމަދު މުއިއްޒު އައްޔަންކޮށްފައިވާ ދެ ބޭފުޅުންނެވެ.
މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މި ދެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކުރަނީ އަޒްމިރަލްދާގެ ފިރިކަލުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުގައި އެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒުފޯރުވި ކަމަށެވެ. ނަމަވެސް މައްސަލަ ބަލަން ފެށިއިރު ކުރި ތުހުމަތާއި، ޖޭއެސްސީގެ ކޮމިޓީން މައްސަލަ ބަލައި ނިމުނުއިރި އޮތް ތުހުމަތު ބަދަލުވެފައިވާ ކަމަށް އެ ދެ ފަނޑިޔާރުންގެ ވަކީލުން ވަނީ މައުލޫމާތު ދީފަ އެވެ.
އެ ގޮތުން އަޒްމިރަލްދާގެ މައްސަލަ ބަލަމުންދާ ކަމަށް ޖޭއެސްސީން ފޮނުވި ސިޓީގައި އޮތީ އެ ކޮމިޝަނުން ބަލަމުން ދަނީ، އޭނާގެ ފިރިކަލުން މައްސަލައެއްގައި ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުގެ ފަނޑިޔާރުންނަށް އަޒްމިރާލްދާ ފޯނުން ގުޅުއްވައި ނުފޫޒު ފޯރުވި މައްސަލަ ކަމަށެވެ.
ނަމަވެސް މި މައްސަލައިގައި ޖޭއެސްސީގެ ކުޑަ ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައި އޮތީ، އަޒްމިރާލްދާ ފަނޑިޔާރުކަމުން ވަކި ކުރަން ފެންނަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، މަހާޒު އަލީ ޒާހިރު މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގައި ކަމަށެވެ.
އޭގެ އިތުރުން މި މައްސަލައިގައި، ދެ ފަނޑިޔާރުންގެ ފަރާތުން ހުށަހެޅި އެއްވެސް ހެއްކެއް ބަލައި ނުގަތުމަށް ވެސް ޖޭއެސްސީގެ ކޮމިޓީން ވަނީ ނިންމާފަ އެވެ. ދިފާއުގައި ފަނޑިޔާރުން ހުށަހެޅި އެއްވެސް ހެއްކެއް ބަލައި ނުގަތުމަށް އެ ކޮމިޓީން ނިންމި ސަބަބެއް ކަމަށް ބުނީ، އެ ހެކި ހުށަހެޅިޔަސް މައްސަލައިގައި ނިންމާފައިވާ ގޮތަށް ބަދަލެއް ނާންނާނެ ކަމަށް ބުނެ އެވެ.
އަޒްމިރަލްދާ އާއި މަހާޒް ސަސްޕެންޑުކުރިތާ 60 އަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މިއީ ޖޭއެސްސީގައި ފަނޑިޔާރުން ސަސްޕެންޑުކޮށްފައި ބޭތިއްބޭނެ ކަމަށް ބުނާ މުއްދަތަށް ވުރެ ދިގު މުއްދަތެކެވެ. އަދި މީގެ ކުރިން މި މުއްދަތު ހަމަވާން ކައިރިވެފައި ވަނިކޮށް މި މައްސަލައިގައި ގޮތެއް ނިންމަން ޖޭއެސްސީން ޖަލްސާއެއް ތާވަލުކުރި ނަމަވެސް، އެ ދުވަހު މި މައްސަލައިގެ ތަހުގީގު ރިޕޯޓާ މެދު ގޮތެއް ނުނިންމަ އެވެ.
މި ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ފާސްކޮށްފި ނަމަ ދެން މި މައްސަލަ ދާނީ ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަން ކޮންގްރެސް (ޕީއެންސީ) ގެ ފުރިހަަމަ ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލީހަށެވެ. އަދި ފަނޑިޔާރުން ވަކިކުރުމާ މެދު ފަހު ބަސް ބުނާނީ އެ މަޖިލީހުގައި ނަގާ ވޯޓަކުންނެވެ.
އަޒްމިރަލްދާ އާއި މަހާޒްގެ އިތުރުން މިހާރު އިސްތިއުފާދެއްވާފައިވާ ހުސްނުއްސުއޫދުގެ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށީ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރި މައްސަލަ އެ ކޯޓަށް ބެލޭނެ ކަމަށް ނިންމި ފަހުންނެވެ. އެންމެ ފުރަތަަމަ މި ތިން ފަނޑިޔާރުން ވެސް ސަސްޕެންޑުކުރީ ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ކަމަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ