ފައިސާ ޗާޕުކުރާތީ ހުށަހެޅި ކުއްލި މައްސަލަ އަބްދުއްރަހީމް ބަލައެއްނުގެން

މަރުކަޒީ ބޭންކު، އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ފައިސާ ޗާޕުކުރަން އުޅޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަންނަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމައިފިއެވެ. މަރުކަޒީ ބޭންކު، އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ވިއްކައިގެން ދިވެހި ސަރުކާރަށް 15 ބިލިއަން ރުފިޔާ ހޯދަން މަސައްކަތް ކުރަމުން އަންނަކަން 'ސަން'އަށް ވަނީ ކަށަވަރުވެފައެވެ. އެނގިފައިވާ ގޮތުގައި ސަރުކާރުން މަސައްކަތްކުރަނީ އެމްއެމްއޭއަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށުގައި އޮތް ހުޅުމާލޭގެ ބޮޑު ބިމެއް، 15 ބިލަނާއި 14 ބިލިއަނެއްހާ ރުފިޔާއަށް ވިއްކާށެވެ. އެ މަޝްވަރާތައް ސަރުކާރުން މިހާރު ކުރަމުން އަންނައިރު، އާދިއްތަ ދުވަހު ހަވީރު މުލިއާގޭގައި މަޖިލީހުގެ ޕީއެންސީ މެންބަރުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ކަން ކުރަން އުޅުއްވާ ކަމަށް ވިދާޅުވެފައެވެ. ރައީސް ވެރިކަމަށް ވަޑައިގަތީ ކުރީ ސަރުކާރުގައި ފައިސާ ޗާޕު ކުރުމުން ގައުމަށް ލިބުނު ގެއްލުމުން އަރައިނުގަނެވޭ ކަމަށް ވިދާޅުވެ، މި ސަރުކާރުން ފައިސާ ޗާޕުނުކޮށް އިގުތިސާދު ހިންގާނެ ކަމުގެ ވައުދާ އެކުގައެވެ. ނަމަވެސް، އިގުތިސާދީ ގޮތުން ބަލާއިރު މަރުކަޒީ ބޭންކްގައި ސާކިއުލޭޝަނަށް ނުނެރެ ހުންނަ ފައިސާ އެގޮތަށް އިންޖެކްޓްކުރުމަކީ ހަމަ ފައިސާ ޗާޕުކުރުމެވެ. އެކަމާ ގުޅިގެން ސަރުކާރުން އަދި ރަސްމީ ގޮތެއްގައި އެ ވާހަކައެއް ނުދައްކައެވެ. އެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ކުއްލި މައްސަލަ ހުށަހެޅުއްވީ ކެޔޮދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ނިއުޝާދެވެ. ކެޔޮދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ނިއުޝާދު: ސަރުކާރުން ފައިސާ ޗާޕުކުރަން އުޅޭތީ ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ކުއްލި މައްސަލަ ބަލައެއްނުގަތް -- ފޮޓޯ/ މަޖިލިސް ނަމަވެސް، ކުއްލި މައްސަލައިގައި ހުންނަންޖެހޭ ޝަރުތު ހަމަނުވާ ވިދާޅުވެ، މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ އެ މައްސަލަ ބަލައިނުގަނެވޭނެ ކަމަށް ނިންމަވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ، އެގޮތަށް ހުށަހަޅާ ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާ ކުއްލި މައްސަލައަކަށް ވާންޖެހޭނެ ކަމަށެވެ. ކުއްލި މައްސަލައިގައި ބުނެފައިވަނީ އެމްއެމްއޭގެ އޮފީސް ހިންގުމަށް ކޮންމެހެން ބޭނުންވާ މިންވަރަށްވުރެ އިތުރަށް އިމާރާތްތަކާއި ބިންތައް ހޯދަންޖެހޭނެ އެއްވެސް މަގުބޫލު ސަބަބެއް ނޯންނާނެކަން ކަށަވަރުވާ ކަމަށެވެ. އެހެންކަމުން މިހާރު ސަރުކާރުން ފައިސާ ޗާޕުކުރަން އުޅޭއިރު އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ކޮންމެ ވެސް ކަންތައްތަކެއް އޮތްކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން އެއީ ކޮންކޮން ކަންތައްތަކެއްތޯ ބެލުމުގެ މުހިންމުކަން އެ ކުއްލި މައްސަލައިގައިވަނީ ފާހަގަކޮށްފައެވެ. އަދި، އެ ކަމަކީ މަރުކަޒީ ބޭންކުގެ މިނިވަންކަން ގެއްލި، އެކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ މުޅި މާލީ ނިޒާމުގެ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށް ވަނީ ބުނެފައެވެ. އެއީ، މި އަހަރުގެ ދައުލަތުގެ ބަޖެޓާ މުޅިން ޚިލާފަށް ކުރާ ކަމެއްކަން ވެސް ވަނީ ފާހަގަކޮށްފައެވެ. ހަމައެއާއެކު މަޖިލީހުގެ ހުއްދަ ހޯދުމަކާ ނުލައި، ނުވަތަ މަޖިލީހަށް އެންގުމަކާ ނުލައި އެކަން ކުރާތީ ވަނީ ކަންބޮޑުވުން ފާހަގަކޮށްފައެވެ. ޚާއްސަކޮށް ފައިސާ ޗާޕުކުރުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށްވެ، ބޭރު ފައިސާގެ އަގު އިންތިހާއަށް މަތިވުމުގެ ނަތީޖާއެއްގެ ގޮތުން މުދަލާއި ޚިދުމަތުގެ އަގުތައް ނުހަނު ބޮޑަށް އުފުލުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ މައްސަލައިގައި ވަނީ ބުނެފައެވެ. https://sun.mv/203558 ސަރުކާރުން އެމްއެމްއޭ މެދުވެރިކޮށް ފައިސާ ހޯދަން އުޅޭއިރު ރައްޔިތުންނާއި އިގުތިސާދީ މާހިރުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކެމްޕޭނު ތެރޭގައި ވެސް އަދި ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް، މި ސަރުކާރުން އެންމެ ބޮޑަށް ފާޑުކީ އެއް ކަމަކީ މިދިޔަ ސަރުކާރުގައި، ކޮވިޑުގެ ހާލަތުގައި އަށް ބިލިއަން ރުފިޔާ ޗާޕު ކުރުމެވެ. މިދިޔަ ސަރުކާރުން އަށް ބިލިއަނެއްހާ ރުފިޔާ ޗާޕުކުރީ ކޮވިޑް-19ގެ ސަބަބުން އާމްދަނީ ލިބުން އެއްކޮށް ހުއްޓި، އިތުރު ގޮތެއް ނެތިގެން ކަމަށް އޭރު ސަރުކާރުގައި ތިއްބެވި ފަރާތްތަކުން ބުނެއެވެ. ރައީސް ތަކުރާރުކޮށް ވިދާޅުވެފައިވަނީ އެ ވެރިކަމާ ޚިލާފަށް މި ސަރުކާރުން އިގުތިސާދު ރަނގަޅުކުރަމުން އައީ ފައިސާ ޗާޕުނުކޮށް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ފައިސާ ޗާޕުނުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. ނަމަވެސް، އެމްއެމްއޭއަށް 15 ބިލިއަނެއްހާ ރުފިޔާއަށް ބިމެއް ވިއްކައިގެން އެ ފައިސާ ނަގަން ސަރުކާރުން މަސައްކަތްކުރާ ވާހަކައަށް އެއްވެސް އެއްޗެއް ބުނަން ސަރުކާރުން ވަނީ ދެކޮޅު ހަދައިފައެވެ. މި މައްސަލައިގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާ ތަމުސީލު ކުރައްވާ މެންބަރު އަހުމަދު އަޒާން ވެސް ވަނީ، ފައިސާ ޗާޕު ކުރުމާ ދެކޮޅަށް ވާހަކަދައްކަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ