އުއްތަމަ ފަނޑިޔާރުގެ ހާލުކޮޅާބެހޭ ގޮތުން ދައްކަނީ ދޮގު ވާހަކަ: ސުޕްރީމް ކޯޓް

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ސިއްހީ ހާލުކޮޅު ސިީރިއަސް ކަމަށް ބުނެ ފަތުރަމުން ދަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށާއި ވަރަށް އަވަހަށް ހިދުމަތަށް ނުކުމެ ވަޑައިގަންނަވާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.
މިއީ އެމަނިކުފާނުގެ ސިއްހީ ފަރުވާއަކަށް ސިންގަޕޫރަށް ވަޑައިގަތް ހިސާބުން ފެށިގެން މިއަދާ ހަމައަށް އެކި ވާހަކަތައް ފެތުރުނު ފަހުން ސުޕްރީމް ކޯޓުން މި މައްސަލާގައި އެއްޗެއް ބުނި ފުރަތަމަ ފަހަރެވެ.
ސުޕްރީމް ކޯޓުން ނެރުނު ބަޔާނެއްގައި ބުނަނީ "ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ޞިއްޙީ ޙާލުކޮޅާ ބެހޭ ގޮތުން ފަތުރަމުންދާ ގިނަ ވާހަކަތަކަކީ ހަގީގަތާ ޚިލާފު އަދި ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، ދިވެހިރާއްޖޭގެ އިއްޒަތްތެރި އުއްތަމަ ފަނޑިޔާރު ނުހަނު ކާމިޔާބު ސިއްހީ ފަރުވާފުޅަކަށްފަހު، މާތްﷲ ގެ ވާގިފުޅާއެކު ދިވެހި ދައުލަތުގެ ޚިދުމަތަށް ވަރަށް އަވަހަށް އެނބުރި ވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ދިވެހި ރައްޔިތުންނަށް އަރުވާ ވާހަކަ ދަންނަވާ" ކަމަށެވެ.
އަދި އެ ބަޔާނުގައި ބުނަނީ އުއްތަމަ ފަނޑިޔާރުގެ ޙާލުކޮޅާ ބެހޭގޮތުން ތަފާތު ގޮތްގޮތަށް ހަގީގަތާ މުޅިން ޚިލާފު ވާހަކަތައް މީޑިއާ މެދުވެރިކޮށް ފަތުރަމުންގެންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ ގިނަ ޑިމޮކްރެޓިކް މުޖްތަމައުތަކެކޭ ވެސް އެއްފަދައަކުން އަނެކާގެ ޙައްޤުތަކަށާއި މުޖްތަމައުގެ ޙައްޤުތަކަށް ފުރިހަމައަށް އިޙްތިރާމްކުރަންޖެހޭ ޒިންމާދާރު އަދި ބިނާކުރަނިވި މިނިވަންކަމެއް ކަމަށެވެ. 
"... ވީމާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އަނެކުންނާއި މުޖުތަމައުގެ ޙައްޤުތަކަށް އިޙްތިރާމްކުރާ ޒިންމާދާރު އަދި ބިނާކުރަނިވި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިވެހިރާއްޖޭގައި ތަރައްޤީކޮށް، ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ޤާނޫނީ ގޮތުން އުފުލަންޖެހޭ މަސްއޫލިއްޔަތާއި ޒިންމާ ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރުގެ ފަރާތުން އުފުލަމުންގެންދާނެކަން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭ" ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ލޮލުގެ މެޑިކަލް ޗެކަޕެއް ހެއްދެވުމަށް ސިންގަޕޫރަށް ވަޑައިގެންފައިވަނީ މިދިއަ މަހުގެ 15 ވަނަ ދުވަހުގެ ރޭގަ އެވެ. އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވީ ލޯފުޅަށް އުނދަގުލެއްވާތީ ޑޮކްޓަރަށް ވަޑައިގަތުމުން ލޮލުގެ ޗެކަޕެއް ހެއްދުވުމަށް ޑޮކްޓަރުން ލަފާ ދެއްވައިގެނެވެ.
ބައެއް ނޫސްތަކުގައި އުއްތަމަ ފަނޑިޔާރުގެ ލޮލުގެ ފެނުމަށާއި ވާހަކަފުޅު ދެއްކެވުމަށް ނުކުޅެދިފައިވާ ކަމަށާއި ހާލުކޮޅު ސީރިއަސް އިރު ނުހިންގެވޭ ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ