ޕްރީ ސީޒަން ފެށުމުގެ ކުރިން ބައެއް ކުޅުންތެރިންނާ މެދު ގޮތެއް ނިންމަން އަމޮރިމް އެދިއްޖެ ޕްރީ ސީޒަން ފެށުމުގެ ކުރިން ބައެއް ކުޅުންތެރިންނާ މެދު ގޮތެއް ނިންމަން އަމޮރިމް އެދިއްޖެ

މެންޗެސްޓާ (ޖޫން 20) - އަންނަ މަހު ޕްރީ ސީޒަން ފެށުމުގެ ކުރިން، މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓުން އެ ކްލަބްގައި ތިބި ބައެއް ކުޅުންތެރިންނާ މެދު ގޮތެއް ނިންމަން އެ ޓީމުގެ ކޯޗު ރުބެން އަމޮރިމް އެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެ ގޮތުން، ޔުނައިޓެޑުން ވިއްކާލަން މަސައްކަތް ކުރަމުން އަންނަ ތިން ކުޅުންތެރިން ކަމަށްވާ އިނގިރޭސި ދެ ފޯވާޑުން ކަމަށްވާ މާކަސް ރެޝްފޯޑާއި ޖޭޑަން ސަންޗޯގެ އިތުރުން، އާޖެންޓީނާގެ ފޯވާޑް، އަލެހަންދްރޯ ގާނާޗޯގެ މުސްތަގުބަލާ ގުޅޭގޮތުން، ގޮތެއް ނިންމަން އަމޮރިމް ވަރަށް އަވަހަށް ބޭނުންވެ އެވެ.
މިދިޔަ ސީޒަނުގައި ސަންޗޯ، ލޯނަކަށް ކުޅެމުން އައީ ޗެލްސީ އަށެވެ. އެކަމަކު، އެ ޓީމުން ވަނީ، ސަންޗޯގެ އެއްބަސްވުން ދާއިމީ ކުރަން ދެކޮޅު ހަދައިފަ އެވެ.
ޖެނުއަރީ ޓްރާންސްފާގައި، އެސްޓަން ވިލާ އަށް ލޯނަކަށް ބަދަލުވި، ރެޝްފޯޑްގެ ވިސްނުމަކީ، ދެން ޔުނައިޓެޑް ދޫކޮށްލާނަަމަ، ދާއިމީ ކޮންޓްރެކްޓެއްގައި އެ ކްލަބުން ދިއުމެވެ. އޭނާ އަންނަނީ ބާސެލޯނާ، ޓޮޓެންހަމް ހޮޓްސްޕާސް އަދި ނިއުކާސަލް ޔުނައިޓެޑާ ވާހަކަ ދައްކަމުންނެވެ. ސަންޗޯ ހޯދަން ކުރީގެ ޓީމު ބޮރޫޝިއާ ޑޯޓްމަންޑާއި ނަޕޯލީން އަންނަނީ މަޝްވަރާ ކުރަމުންނެވެ.
އަމޮރިމް އާއި ގާނާޗޯއާ ދެމެދު މައްސަލަ ޖެހުނީ، ޔޫރޮޕާ ލީގުގެ ފައިނަލް މެޗުގައި ހިނގައިދިޔަ ކަންތައްތަކެއްގެ ސަބަބުންނެވެ. އެ ގޮތުން، ޔޫރޮޕާ ލީގުގެ ފައިނަލުގައި، ގާނާޗޯ އަށް ފުރަތަމަ އެގާރައިން ފުރުސަތު ނުދިން މައްސަލައިގައި، އަމޮރިމް މީޑިއާގައި ދެއްކި ވާހަކަތަކަށް ގާނާޗޯ ވަނީ ރައްދުދީފަ އެވެ. އެއާ އެކު، އަމޮރިމް އާއި ގާނާޗޯ ދެމެދު މައްސަލަ ގޯސްވެ، އޭނާ ވަނީ އެ ކްލަބް ދޫކޮށްލަން ނިންމައިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، އަމޮރިމް، މި ތިން ކުޅުންތެރިންގެ މުސްތަގުބަލާ ގުޅޭ ކަންކަން އަވަހަށް ނިންމަން ބޭނުމީ، އެ ކުޅުންތެރިން ވިއްކާލައިގެން ލިބޭ ފައިސާ ޓްރާންސްފާ މާކެޓްގައި ހަރަދުކޮށް، އާ ކުޅުންތެރިން ހޯދުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ