އަނެއްކާ ތެޅި އަނބު މޫސުން އައީތަ؟

ތަފާތު އެކި ކަހަލަ ކެއުންތައް މޮޅެތި ގޮތްގޮތަށް ތައްޔާރުކުރާ މަންޒަރުތައް މިހާރު ދިވެހި ޓިކްޓޮކުން ފެނެއެވެ. އާންމުކޮށް ދިވެހިން ކައި އުޅޭ އެއްޗެއްސަށް ތަފާތު ބަދަލެއް ގެނެސްގެން އާ ކަންތައްތަކެއް މިހާރު ފަށައިފިއެވެ. އޭގެތެރެއިން މިދިޔަ އަހަރު ފެށުނު ކަމެއް އަނެއްކާ ވެސް މަގުބޫލު ވެއްޖެއެވެ. އެއީ އަނބު ތެޅުމެވެ. އަނބު ސީޒަނާއެކު މިދިޔަ އަހަރު މުޅި ސޯޝަލް މީޑިއާގައި ހުރިހާ ދިވެހިންހެން ކުރަމުން އައީ އެއް ކަމެކެވެ. އެއީ ހުތް އަނބުގައި ތެޅި އަނބު ހެދުމެވެ. އެއްބަޔަކު އެ ކައިގެން އޭގެ 'ސަޅި' ވާހަކަ ދައްކަނީއެވެ. އަނެއް ބަޔަކު އެ ކާންބޭނުންވެ ކުޅުދިޔާވެފައި ތިބީއެވެ. އަނެއްކާ ވެސް މި ޓްރެންޑު އަތުވެއްޖެއެވެ. ހުތް އަނބުތައް ހޯދައިގެން އެތައް ބަޔަކު އަންނަނީ ތެޅި އަނބު ހަދަމުންނެވެ. ސޯޝަލް މީޑިއާގައި އަނެއްކާވެސް ތެޅި އަނބު ފޯރި ގަދަ ވެއްޖެއެވެ. މި ދުވަސްކޮޅަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަނބު ގަސްތައް ފުރެން ފަށާފައިވާ ދުވަސްކޮޅެކެވެ. އެއާއެކު މިއީ މި ޓްރެންޑު ފެށެން ވެސް އެންމެ އެކަށީގެންވާ ދުވަސްކޮޅެވެ. https://www.instagram.com/p/DFiQk9Ey7pM މިއީ ގާތް އެކުވެރިން އެއްވެ އެކީގައި ބައްދަލުވެ މަޖާކޮށްލަން ގިނަ ބަޔަކު ކުރަމުން އަންނަ ކަމެކެވެ. އަދި ރަށުން ފޮނުވާ އަނބުތައް ހިފައިގެން ކުދިކުދި ދަތުރުތަކަށް ގޮސް ވެސް މިއީ ކާލަން ސަޅި ލުއި ސްނެކެކެވެ. ތެޅި އަނބަށް އެންމެ މުހިއްމު އެކައްޗަކީ ހުތް އަނބެވެ. ދޮން އަނބުގައި މި އެއް ގޮތަކަށް ވެސް ކަމަކު ނުދާނެއެވެ. އެއަށްފަހު ބޭނުންވާނީ ތެޅި މިރުހާއި ލޮނެވެ. ބައެއް މީހުން ނޫޑްލްސް ލޮނު ޕެކެޓް ވެސް ބޭނުން ކުރެއެވެ. އަނެއް ބަޔަކު ރިހާކުރު ވެސް އިތުރު ކޮށްލައެވެ. ހުރިހާ އެއްޗެއް އެއް ކޮތަޅެއްގެ ތެރެއަށް އަޅައި ރަނގަޅަށް އައްސާލުމަށްފަހު އެއްޗަކުން އަނބުގައި ތަޅަނީއެވެ. އަދި އެއަށް ފަހު އެ ކޮތަޅުގައި ހުރި ހުރިހާ އެއްޗެއް އެއްކޮށްލަނީއެވެ. އެއަށްފަހު އެ ކޮތަޅުން ނަގައިގެން ކަނީއެވެ. ހަނދާން ކުރަންވީ ހަމައެކަނި ކަމަކީ އަނބުތައް ކޮތަޅަށް އަޅާއިރު ވަޅިއަކުން އަނބުގައި ޅިއަ އަޅައިލުމަށެވެ. މީގެ ކުރީން ވެސް ދިވެހީން އެކި ގޮތް ގޮތަށް ހުތް އަނބު ކައި އުޅުނެވެ. އެއްބަޔަކު ނޫޑްލްސް ލޮނު ޕެކެޓާއެކު ހުތް އަނބު ކޭއިރު އަނެއް ބަޔަކު ކުޅި ރިހާކުރު ނުވަތަ ތެލުލި ރިހާކުރާ ޖަހައިގެން އަނބު ކައި އުޅުނެވެ. މިފަހަރު މި ހުރިހާ އެއްޗެއް އަޅާލައިގެން އިތުރު ފިޔަވަޅަކާއެކު އާ އެއްޗެއް ހަދާލަނީއެވެ. ބެލެވޭ ގޮތުގައި މިއީ ދެން ކޮންމެ އަހަރެއްގައި ވެސް މަގުބޫލުވާނެ ޓްރެންޑެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ