ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާއި ގުޅިގެން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ދިރިއުޅެމުންދާ ގެ ބަލާފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފައިސާ އަނބުރާ އޭނާ އާ ހަވާލުކޮށްފިއެވެ.
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާއި ގުޅިގެން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ދިރިއުޅެމުންދާ ގެ ބަލާފާސްކުރީ މިިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. ކޯޓު އަމުރެއްގެ ދަށުން ފަޒުލްގެ ގެ ބަލައި ފާސްކުރިއިރު ދަބަހެއްގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ވަނީ ފެނިފައެވެ. އެ ދަބަހުގައި 1.4 މިލިއަނެއްހާ ރުފިޔާ ހުއްޓެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވިދާޅުވީ ގޯތި މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތުގެ އެޕާޓްމަންޓް ބަލާ ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަަށް ގެންދިޔަ ފައިސާއާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ ފައިސާގެ ވެރިފަރާތާ މިހާރު ހަވާލުކޮށްފައިވާކަމަށެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމުގެ ތުހުމަތު ފަޒުލްގެ މައްޗަށް އަންނަނީ ކުރަމުންނެވެ. އެގޮތުން ފަޒުލްގެ ބޭބެއާއި އިތުރު ބަޔަކަށް ބިންވެރިޔާ ސްކީމްގެ އުސޫލުގެ ބޭރުން ގޯތި ދޫކޮށްފައިވާކަމުގެ ތުހުމަތުކުރެއެވެ. މި މައްސަލައިގެ ތަހުގީގު އެންޓި ކޮރަޕްޝަން ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން ދަނީ ކުރަމުންނެވެ.
މިމައްސަލަ ފެންމަތިވި ހިސާބުން އެޗްޑީސީގެ ޗެއަރމަން ފިޔަވައި ފަޒުލް ރަޝީދު ހިމެނޭހެން ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން ސަސްޕެންޑުކުރިއެވެ. އަދި ފަޒުލް ރަޝީދާއި، ފަޒުލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓްވެސް ހިފަހައްޓާފައިވެއެވެ.
މި ތުހުމަތުތަކާއެކު ފަޒުލް ވަނީ މަޤާމުން އިސްތިއުފާދެއްވާފައެވެ. އަދި އެޗްޑީސީގެ އިތުރު ބައެއް މުވައްޒަފުންވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
ފަޒުލްގެ ގެއިން ފެނުނު ފައިސާ އަނބުރާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ