ތައިލެންޑާއި މިޔަންމާގެ ބޯޑަރު ސަރަހައްދުތަކުގައި ހިންގަމުންދާ އޮންލައިން ސްކޭމް ވިޔުގަތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގޮތުން، އެ ސަރަހައްދުތަކަށް ތައިލެންޑުން ފޯރުކޮށްދެމުން އައި ކަރަންޓު އިއްޔެއިން ފެށިގެން މެދު ކަނޑާލައިފި އެވެ.
މިއީ އާންމުންގެ ފަރާތުން އައި ގިނަ ޝަކުވާތަކާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅެއް ކަމަށް ތައިލެންޑް ސަރުކާރުން ބުނެ އެވެ.
މިޔަންމާގެ މިޔަވަޑީ އަދި ޓަޗިލެކް ފަދަ ތައިލެންޑާ އިންވެގެންވާ ސަރަހައްދުތަކަކީ ކުށުގެ ވިޔުގަތައް ހިންގާ މަރުކަޒުތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ތަންތަނެވެ. އެ ސަރަހައްދުތަކުގައި ހިންގާ ސްކޭމް ވިޔުގަތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންގެ އަތުން ބިލިއަނުން ޑޮލަރުގެ މުދާ ވަނީ ވަގަށް ނަގަމުންދެ އެވެ.
ތައިލެންޑްގެ އިންޓީރިއާ މިނިސްޓަރު އަނުޓިން ޗަންވިރަކުލް ވިދާޅުވި ގޮތުގައި، އެ ސަރަހައްދުތަކަށް ކަރަންޓު ވިއްކައިގެން އަހަރަކު ގާތްގަނޑަކަށް 17.8 މިލިއަން ޑޮލަރު ތައިލެންޑަށް ލިބެ އެވެ. ނަމަވެސް ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޕުމްތަމް ވެޗަޔަޗައި ވިދާޅުވީ އެ ސްކޭމްތަކުގެ ސަބަބުން ތައިލެންޑަށް ދުވާލަކު ގާތްގަނޑަކަށް 2.3 މިލިއަން ޑޮލަރުގެ ގެއްލުން ވަމުންދާ ކަމަށެވެ.
ތައިލެންޑްގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލާއި އެހެނިހެން ސަރުކާރުގެ އިދާރާތަކުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި، މިޔަންމާގެ ފަސް ތަނަކަށް ފޯރުކޮށްދެމުންދާ ކަރަންޓު، އިންޓަނެޓް އަދި ގޭސް ކަނޑާލުމަށް ނިންމިކަން އިއުލާން ކުރި އެވެ.
އެ ފިޔަވަޅު އެޅީީ ގައުމީ ސަލާމަތަށް ކުރިމަތިވެފައިވާ ނުރައްކަލާއި ސްކޭމް ވިޔުގަތަކުގެ ސަބަބުން ގައުމަށް ލިބެމުންދާ ގެއްލުމަށް ރިއާޔަތްކުރުމަށް ފަހު ކަމަށް ތައިލެންޑް ސަރުކާރުން ބުނެ އެވެ.
މިޔަންމާ، ކެމްބޯޑިއާ އަދި ލާއޯސްއަކީ އޮންލައިން ސްކޭމް ވިޔުގަތައް ހިންގުމުގެ މައި މަރުކަޒުތަކުގެ ގޮތުގައި ފާހަގަކުރެވިފައިވާ ގައުމުތަކެވެ. އަދި ފަހަކަށް އައިސް ތައިލެންޑަކީ މި ސްކޭމްތަކުގެ ޝިކާރައަކަށްވާ މީހުން ޓްރާންސިޓް ކުރާ ގައުމެއްގެ ގޮތުގައި ފާހަގަކުރެވެމުންދާ ގައުމެކެވެ.
ތައިލެންޑުން މިޔަންމާގެ ބައެއް ސަރަހައްދުތަކަށް ކަރަންޓާއި އިންޓަނެޓް ކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ