އީ-ވޯޓިން ތައާރަފު ކުރަން މަސައްކަތް ނުކުރާ ކަމަށް ސަރުކާރުން ބުނެފި އީ-ވޯޓިން ތައާރަފު ކުރަން މަސައްކަތް ނުކުރާ ކަމަށް ސަރުކާރުން ބުނެފި

ދިވެހިރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި އިލެކްޓްރޯނިކް ސިސްޓަމެއް ބޭނުންކޮށްގެން ވޯޓު ދެވޭ ގޮތަށް ބަދަލު ކުރަން ނުއުޅޭ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ސަރުކާރުން ދޭ ހިދުމަތްތައް ޑިޖިޓަލައިޒް ކުރަން ރޭ މަޝްރޫއުއެއް ފެށުމާއެކު، އޭގެ ހަގީގީ ބޭނުމަކީ 2028 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން އީ-ވޯޓިން ތައާރަފުކޮށް، އިންތިހާބުގައި މަކަރު ހެދުން ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އެ ފާޑުކިޔުމަށް ރައްދު ދެއްވައި، ސަރުކާރުގެ ބައެއް މިނިސްޓަރުން މިއަދު ވަނީ ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން، "މޯލްޑިވްސް 2.0" ގެ މަގުސަދަކީ އީ-ވޯޓުން ތައާރަފު ކުރުން ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފަ އެވެ.
"ރައީސް އަރިހުގައި އެސްޓޯނިއާއަށް ވެސް ދެވި އަދި ރޭގެ ޖަލްސާގައި ވެސް ބައިވެރިވެވި އިއްތިފާގުން މޯލްޑިވްސް 2.0 އިމްޕްލިމެންޓްކުރުމުގެ ޒިންމާ ވެސް އޮތް ވަޒީރުގެ ހައިސިއްޔަތުން ދަންނަވާލަން. އެސްޓޯނިއާގައި ވެސް އަދި ރޭގައި ވެސް ރައީސް ތަކުރާރުކުރެއްވި އެއް ވާހަކަފުޅަކީ އީ ވޯޓިން ފިޔަވައި އަޅުގަނޑުމެން އެސްޓޯނިއާގައި ޑިޖިޓަލްކޮށް ދެމުންދާ ހުރިހާ ހިދުމަތެއް ދޭންވާނެ ކަމަށް،" އިހުސާން ވިދާޅުވި އެވެ.
ސަރުކާރުން މަސައްކަތް ކުރަނީ އީ-ވޯޓިން ތައާރަފު ކުރުން ނޫން ކަމަށް އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު ވެސް ވިދާޅުވި އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ، ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ބޭނުމަކީ އީ-ވޯޓިން ތައާރަފު ކުރުން ނޫން ކަމަށެވެ.
ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި ސަރުކާރުން ކުރަން އުޅޭ ކަމަކީ އީ-ވޯޓިން ތައާރަފުކޮށް އިންތިހާބަށް މަކަރު ހެދުން ކަމަށް ވިދާޅުވީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މެންބަރު އަހުމަދު މަހްލޫފެވެ.
ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި މިރޭ "މޯލްޑިވްސް 2.0" ނަމުގައި ރަސްމީކޮށް އިފްތިތާހުކުރެވިގެން އެ ދިޔައީ އިލެކްޓްރޯނިކް ވޯޓިން ތައާރަފްކޮށް އިންތިހާބު އޮޅުވާލުމުގެ އުންމީދުގައި ފެށި މަސައްކަތެއް. ހަމަގައިމު ވެސް އަޅުގަނޑު އެކަކަށް އެކަމާ ސީދާ ދެކޮޅު ހަދަން،" މަހްލޫފް ވިދާޅުވި އެވެ.
ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ސިޔާސަތަށް ފާޑުކިޔުން އަމާޒުވުމުން ރައީސް މުއިއްޒު ވެސް ވަނީ އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ފާޑުކިޔަނީ އެމަނިކުފާނު ގެންގުޅުއްވާ ކޮރަޕްޝަނާ ދެކޮޅު ސިޔާސަތުގެ ސަބަބުން ކަމަށެވެ.
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟ މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ