ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރަން އެދި ޖުޑީޝަލް ސާވިސް ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާ މައްސަލަ ނިންމުމުގެ ކުރިން އެ ދެ ފަނޑިޔާރުންނަށް ޖަވާބުދާާރީވުމުގެ ފުރުސަތު ދިނުމަށް ގިނަ އަދަދެއްގެ ވަކީލުން އެދެފި އެވެ.
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ މައްސަލަ ނިންމުމުގެ ކުރިން އެ ދެ ފަނޑިޔާރުން އަދި އެ ދެ ފަނޑިޔާރުންގެ ވަކީލުންނަށް ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ދިނުމަށް ވަރަށް ގިނަ ވަކީލުން އަދި ލޯ ފާމްތަކުން ވަނީ ކޮމިޓީގެ މުގައްރިރަށް ސިޓީ ފޮނުވައިފަ އެވެ.
"އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ މައްސަލަ ވަކި ދިމާއަކަށް ގެންދަން އުޅޭތީ ފެށުނީއްސުރެ. އެކަން ދޮގު ކުރާނެ އެއްވެސް ވާހަކައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިއްސާކޮށްފައެއް ނެތް. އެހާ އަވަސް އަރުވާލައިގެން މައްސަލަ ބެލީ ވެސް. ތުހުމަތެއް އުފައްދައިގެން ވަކި ގޮތަކަށް ނިންމުމަށް ކަމަށް ބެލެވޭ ގޮތަށް ތަހުގީގު ކުރިއަށްގެންދިޔައީ،" ވަކީލުންގެ ފަރާތުން ވާހަކަ ދެއްކެވި މައުމޫން ހަމީދު ވިދާޅުވި އެވެ.
ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް އެދި މަހާޒް އާއި އަޒްމިރާލްދާ ވެސް ވަނީ މަޖިލީހަށް ސިޓީއެއް ފޮނުއްވައިފަ އެވެ. ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީއިން ބަލާފައި ވަނީ އިޖުރާއަތްތަކާ އެއްގޮތަށްކަން ކަށަވަރު ކުރަން އެދި ބާ ކައުންސިލުން ވެސް ވަނީ މަޖިލީހަށް ސިޓީއެއް ފޮނުވައިފަ އެވެ.
ފަނޑިޔާރު އަޒްމިރާލްދާގެ ފަރާތުން ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ޖޭއެސްސީއިން މައްސަލަ ނިންމީ އަދުލު އިންސާފުގެ އެންމެ އަސާސީ އުސޫލުތަކާ ވެސް ހިލާފަށް ކަމަށެވެ.
"ޖުޑީޝަލް ސާވިސް ކޮމިޝަނުގެ އެ ނިންމުމަކީ ކަނޑައެޅިގެން ގާނޫނު އެއް ފަރާތްކޮށް، އަދުލު އިންސާފުގެ އެންމެ އަސާސީ އުސޫލުތަކާ ވެސް ހިލާފަށް ހިންގާފައިވާ ގައިރު ދުސްތޫރީ އިޖުރާއަތްތަކެއްގެ މައްޗަށް ހިންގާފައިވާ ތަހުގީގެއް މައްޗަށް ނިންމާފައިވާ ނިންމުމެއް،" ފަނޑިޔާރު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.
ފަނޑިޔާރު މަހާޒް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ޖޭއެސްސީއިން މައްސަލަ ނިންމާފައިވަނީ އިންތިހާއަށް ބޭއިންސާފުކޮށް ކަމަށެވެ.
"މިހައި ސާފުކޮށް އޮތް ކަމެއްގައި، އަޅުގަނޑު ވަކި މީހަކަށް ނުފޫޒު ފޯރުވިކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި ނިންމުމަކީ އެކަމުގައި ބޭއިންސާފު އިންތިހާއަށް އެކުލެވޭ ކަމެއް ކަން އަންގައިދޭ ކަމެއް،" ސިޓީގައި މަހާޒް ވިދާޅުވެފައިވެ އެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް ވެސް ޖޭއެސްސީއިން ބަލަން ނިންމި އެވެ. އެކަމަކު، މައްސަލަ ބަލަން ފެށުމާއެކު ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އިސްތިއުފާ ދެއްވީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާތީ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށް ސުއޫދު ވިދާޅުވި އެވެ.
ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާުރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.
ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީގައި ޖޭއެސްސީން ހިމެނީ ތިން މެންބަރެކެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވާ ދެ މެންބަރަކު ހިމެނެ އެވެ. އެއީ ޖޭއެސްސީއަށް ރައީސް އައްޔަން ކުރައްވަންޖެހޭ މެންބަރުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އެވެ.
ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ޖޭއެސްސީއަށް ފޮނުވި ސިއްރު ސިޓީއަކަށް ބިނާކޮށެވެ. އެ ސިޓީ ފޮނުވާފައި ވަނީ އާންމުކޮށް އެފަދަ ސިޓީ ފޮނުވާ އުސޫލުތަކާ ހިލާފަށް ޖެމްސް ސިސްޓަމް މެދުވެރިނުކޮށެވެ.
ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށުމާއެކު، ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ އެކަަމާ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އޭގެ ތެރޭގައި ކުރީގެ ފަނޑިޔާރުންނާއި ވަކީލުންނާއި ގާނޫނީ މާހިރުން ހިމެނެ އެވެ. އަދި އދ. ގެ ކަމާ ބެހޭ އެކްސްޕާޓު ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މައްސަލައިގައި އދ. އިން ވަނީ ރައީސް އޮފީހަށް ސިޓީއެއް ވެސް ފޯރުވައިފަ އެވެ.
ޖުޑިޝަރީ ކޮމިޓީގައި ޖަވާބުދާރީވުމުގެ ފުރުސަތު ފަނޑިޔާރުންނަށް ދިނުމަށް ވަރަށް ގިނަ ވަކީލުން އެދެފި ޖުޑިޝަރީ ކޮމިޓީގައި ޖަވާބުދާރީވުމުގެ ފުރުސަތު ފަނޑިޔާރުންނަށް ދިނުމަށް ވަރަށް ގިނަ ވަކީލުން އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ