ވިސްނައިނުލާ ކުރެވޭ ކަންކަމުން ސަރުކާރު ޖަވާބުދާރީ ކުރުމަށް އެތައް ގޮންޖެހުމެއް ކުރިމަތިވޭ: އައްބާސް

ވިސްނާނުލައި، އިންތިޚާބުތަކާ ދިމާކޮށް ރައްޔިތުންނަށް ކުރެވޭ ކަންކަމުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެތައް ގޮންޖެހުންތަކަކާ ކުރިމަތިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެއެވެ. މިއަދު އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ގައުމުގައި މިހާރު ހިނގާ ހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނީ ދިވެހި ރައްޔިތުން ކަމަށެވެ. ގާނޫނު އަސާސީގައި ވަނީ، ދިވެހި ދައުލަތަކީ ތިން ބާރުވަކިވެފައިވާ މިނިވަން ތިން ބާރު ކަމަށާއި އެއްބާރުން އަނެއްބާރަށް އެއްވެސް ނުފޫޒެއް ފޯރުވައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައެވެ. އެކަން ރައްޔިތުންނަށް އެނގި ތިބެ، ކޮންމެ ފަހަރަކު ވެރިކަމަށް އަންނަ ޕާޓީއަކަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ދެނީ ކީއްވެތޯ އައްބާސް ވަނީ ސުވާލު އުފައްދަވާފައެވެ. https://x.com/Abbasvelidhoo/status/1915340031138697569 "މާޒީގައި ވެސް އަދި މިހާރު ވެސް ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ސަރުކާރު ހިންގާ ޕާޓީއަށް ރައްޔިތުންގެ މަޖިލީސްގެ ސުޕަމެޖޯރިޓީ ދިނުމަކީ ރައްޔިތުން އަމިއްލައަށް ކައްވަޅު ކޮނުން ފަދަކަމެއްކަމަށް ނުދެކެނީތޯ،" އައްބާސް ވިދާޅުވިއެވެ. އެކަމަށް އިޝާރާތްކުރައްވައި، އައްބާސް ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބޭ ހިސާބުން ރައްޔިތުންގެ ހައްޤުގައި މިނިވަންކަމާއެކު ހައްޤު ބަސް ބުނަންކެރޭ އެއްވެސް މުއައްސަސާއެއް ނެތްކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށެވެ. އޭގެ އިތުރުން، ރައްޔިތުން ވިސްނާ ނުލައި ކޮންމެ ފަހަރަކު އެ ކަންކަން ކުރުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ އުނދަގޫ ހާލަތްތަކުގައި ސަރުކާރު ޖަވާބުދާރީ ކުރުމަށް އެތައް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަން އައްބާސް ފާހަގަކުރެއްވިއެވެ. އެހެންވެ، ކުރިއަށް ހުރި އިންތިޚާބުތަކުގައި އެ ކަންކަމާމެދު ފުންކޮށް ވިސްނުމަށް އައްބާސް ވަނީ އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ