މިހާރު ހިނގައިގެން އުޅޭ ހިތާމަވެރި ހާދިސާގެ ޒިންމާ ނަގަން ޖެހޭނީ ބިރަކާ ނުލާ މަޖާކުރެވެން ޖެހޭނެ ކަމަށް ޕްރޮމޯޓު ކުރި މީހުން: ރައީސް

މިހާރު ހިނގައިގެން އުޅޭ ހިތާމަވެރި ހާދިސާގެ ޒިންމާ ނަގަން ޖެހޭނީ "ބިރަކާ ނުލާ މަޖާކުރެވެން ޖެހޭނެ ކަމަށް ޕްރޮމޯޓުކުރި މީހުން" ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުންގެ 92 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސީ ގޮތުން އެކި ކަހަލަ ކަންކަން ހިންގަން އުޅޭ މީހުންނަށް ފުރުސަތު ދިނުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ބުނީ ކީކޭ؟ - ހެންވޭރުގައި ހުންނަ ގެއެއްގެ ކުޑަދޮރަކުން އަންހެނަކު ވެއްޓުނު ހާދިސާ އާއި އެ ހާދިސާއާ ގުޅުން ހުރި ކަންތަކަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ ހިނގައިގެން އުޅެނީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ.
"މިހާރު ހިނގައިގެން މިއުޅޭ ހިތާމަވެރި، ވަރަށް ހިތާމަވެރި ހާދިސާއެއް. ވިސްނާލާއިރު ވެސް މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަދި އިންސާފަށް ލޯބިކުރާ ކޮންމެ މީހަކު ވެސް ގަބޫލުކުރާނެ ގޮތުގައި ބިރަކާ ނުލާ މަޖާކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި ޕްރޮމޯޓު ކުރި މީހުން މީގެ އަހަރުތަކެއް ކުރިން،" ރައީސް ވިދާޅުވި އެވެ.
އިސްލާމް ދީނުގައި ކަނޑައެޅިފައި ހުރި އުސޫލުތަކާއި ހަމަތަަކަކީ މުހިއްމު ކަމެއް ނޫން ކަމަށާއި ޒުވާންކަމުގައި ބޭނުން ގޮތަކަށް އުޅުމަށް ހިތްވަރު ދިން މީހުން މިއަދު ވެސް ސިޔާސީ ބޭނުމެއްގައި ޒުވާނުންގެ ބޭނުން ކުރަމުން ދާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެ ކުދިން އެ މަގުން ދިޔައީ ސިޔާސީ އޮއިވަރެއްގައި ޖައްސައިގެން. މި ގައުމުގައި އޮތް މާތްވެގެންވާ އިސްލާމް ދީނުގެ ހަމަތަކާއި އުސޫލުތަކާއި އަޅުގަނޑުމެންގެ ތެރޭގައި އޮތް ރީތި އާދަތަކުން ބޭރަށް މި ގައުމު ނެރެ އެހެން މަގަކުން ގެންދަން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އޭގެ ވިކްޓިމައިޒް ވެފައި ތިބި ޒުވާނުންތަކެއްގެ ބޭނުން ކޮށްގެން ސިޔާސީ ފައިދާ ނަގަން އުޅޭ އުޅުމުގެ ތެރެއަށް ދިވެހި ލޮބުވެތި ރައްޔިތުން ވަނުމަކީ ކޮށްގެންވާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ތެދާއި ދޮގު ވަކިކުރަން އެނގޭ ބަޔަކަށް ވާން ޖެހޭ ކަމަށާއި ޖަޒުބާތުގައި ޖެހި ބަޔަކު ދައްކާހާ ވާހަކައަކަށް ސިކުނޑި ދޫކޮށްލައިގެން ނުވާނެ ކަމަށާއި އަމިއްލަ ސިކުނޑިން ވިސްނައިގެން އަމިއްލައަށް ތެދު ދޮގު ބެލޭ ބަޔަކަށް ވާން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ކާކުކަން ނޭނގޭ މީހުން ފަތުރާ އެކި ކަހަލަ ދޮގު ވާހަކަތަކުގައި ޖެހި އެ ދޮގުތަކުގެ އަޅުންގެ ގޮތުގައި އަޅުގަނޑުމެން ވެގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވިސްނުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ އޮޕްޝަނެއް ނޫން ކަމަށާއި އެއީ ޒިންމާއަކާއި ވާޖިބެއް ކަމަށެވެ.
ފާހަގަކުރެވޭ - މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ހ. ފެންޓެނޯއީގޭގެ ކުޑަދޮރުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ހިމެނޭ ރައުދު އަހުމަދު ޒިލާލު ހައްޔަރުކޮށް އެ ހާދިސާގެ ކުރިން އެމީހުންނާ އެކު އުޅުނު އިތުރު ހަތް މީހެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފަ އެވެ.
އެ މީހުންގެ ތެރޭގައި ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އަންޑަ ސެކްރެޓަރީގެ މަގާމުން މިއަދު ވަކިކުރި އިޒްދިޔާން މުހައްމަދު މައުމޫން، 28، ވެސް ހިމެނެ އެވެ.
އެ ހާދިސާއާ ގުޅިގެން ހައްޔަރުކުރި ރައުދުގެ ބޭބެ، ރައީސް އޮފީހުގެ ޑިޖިޓަލް ސްޓެރެޖީގެ އަންޑަސެކްރެޓަރީ ދާއޫދު އަހުމަދު ޒިލާލް މުސާރަ ނުލިބޭ ގޮތަށް އެ މަގާމުން މިއަދު ސަސްޕެންޑްކޮށް، ޔޫތު ކައުންސިލުން ވެސް ވަނީ ވަކިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ