މި ދައުރުގެ މިހާތަނަށް 9000 އަށްވުރެ ގިނަ ބަނގުރަލާއި 698 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ މިހެން ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ 92 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އިތުރަށް ވިދާޅުވީ، މި ދައުރުގައި އަތުލައިގަނެވުނު މި މަސްތުވާތަކެތީގެ މަގުމަތީގެ އަގު 1.4 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާ މީހުންނާއި އެކި ކަހަލަ ބޮޑެތި ކުށްތައްކުރާ ގުރޫޕުތައް އުފެދި އެ ގުރޫޕުތަކަށް ކުޑަކުދިން ވައްދައި އެ ގުރޫޕުތަކުގެ އިސް މީހުންނަށް މަންފާވާ ގޮތަށް ކުޑަކުދިން ބޭނުންކޮށްގެން މުއްސަނދިވެފައިވާ ގުރޫޕުތަކުގެ ލީޑަރުންގެ މައްސަލަތައް ތަހުގީގުކޮށް ހައްލުކުރުމަށް މިދައުރުގައި ފުލުހުންގެ މަސައްކަތްތައް ތަރުތީބު ކުރެވިގެންދާއިރު މި މައްސަލަތަކަށް ހައްލު ގެނައުމަށް ތަފާތު ކަމަކަށް މަސައްކަތެއް ފެށިފައިވާކަމަށް ވިދާޅުވިއެވެ. އަދި ކުށްކުރާ ނެޓުވޯކުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިފައިވާ މުއްސަނދިކަމަކީ ކިހިނެއް ލިބުނު މުއްސަނދި ކަމެއްތޯ ބަލައި އެފަދަ މީހުންނަށް އަމާޒުކޮށް ފައިނޭންޝިއަލް އިންވެސްޓިގޭޝަންތަކެއް ފެށިފައިވާ ކަމަށާއި މި މަސައްކަތުގެ ތެރެއިން، ފުވައްމުލަކު ސިޓީގައި މަސްތުވާތަކެތީގެ ނެޓްވޯކަކުން 112 މީހަކު ހޯދައި 121 މައްސަލައެއް ތަހުގީގުކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ވިދާޅުވިއެވެ. ‘’މި ނެޓްވޯކުގެ ބޮޑުންގެ ގޮތުގައި ބެލެވުނު ދެ މީހުންގެ މައްސަލަ ތަހުގީގުކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި، މި ދެ މީހުން ކުށްކޮށްގެން ހޯދި ފައިސާތައް ހަރަދުކޮށްގެން ގަނެފައިވާ އަގުބޮޑު މުދާތައް ދައުލަތަށް ނަގައިދުނުމަށް ވަނީ އެދިފައި. މި ދެ މީހުންގެ އެކައުންޓުގައި ފަސްދޮޅަސް މިލިޔަން ރުފިޔާ ފަސް އަހަރު ދުވަހުގެ ތެރޭގައި ދައުރުކޮށްފައިވޭ.'' ކޮމިޝަނަރ ވިދާޅުވިއެވެ. އަދި މާލެއަށް ނިސްބަތްވާ ގުރޫޕެއްގެ ފައިނޭންޝިއަލް ތަހުގީގު ނިމިމި ނެޓްވޯކުގައި އުޅޭ މީހުން ދިރިއުޅޭ ތަންތަން ބަލަންފެށިފައިވާކަމަށާއި ޖުމުލަ 11 މީހުން އެކުލެވޭ މި ނެޓްވޯކުގެ 64 މިލިޔަން ރުފިޔާ ދައުރުކުރި ގޮތް ތަހުގީގުކޮށް އެ ފައިސާތަކަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާތަކެއް ކަމަށް ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ސްކޭމާއި ސައިބަރގެ މައްސަލަތައް އިތުރުވަމުންދާތީ އެ މައްސަލަތައް ބަލާނެ ހާއްސަ އިންތިޒާމުތަކެއް ހަމަޖެހިފައި އޮތްކަމަށާއި ރާއްޖެއަކީ ކުށްމަދު އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް މިފަދަ ކިތަންމެ ކަމެއް ކުރެވިފައިވާ ކަމަށެވެ. އަދި ސައުވީސް ގަޑިއިރު ޚިދުމަތްދެވޭ ގޮތަށް ސްކޭމް ސެންޓަރެއް ގާއިމުކޮށް މަސައްކަތް ކުރެވެމުންދާ ކަމަށާއި ސައިބަރ އޮޕަރޭޝަން ސެންޓަރަކާއި ސައިބަރ ކްރައިމް އިންވެސްޓިގޭޝަނަށް ހާއްސަ ތަނެއް އުފައްދައި ހިދުމަތް ފެށިފައިވާކަމަށް ވިދާޅުވިއެވެ.
"ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގައި ގާއިމުވެފައިވާ ފަދަ ފުލުހުންގެ ހިދުމަތަކަށް ދިވެހި ފުލުހުންގެ ހިދުމަތް ހެދޭތޯ ދަނީ މަސައްކަތްކުރަމުން. ޒަމާނީ ތައުލީމާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ފުލުހުންގެ ހިދުމަތް ދަނީ ތަރައްގީކުރަމުން. ދިވެހި ފުލުހުންގެ ހިދުމަތް ޕްރޮފެޝަނަލް ހިދުމަތަކަށް ހެދުމުގެ ގޮތުން، ފުލުހުންގެ އަސާސީ ތަމްރީނު ކޯސް ނަހަދާ ތިބި 1000 ވުރެ ގިނަ ރެކްރޫޓުންގެ ތެރެއިން 748 ރެކްރޫޓޫން ތަމްރީނުކުރެވި، 1013 ފުލުހުން އެެ ފުލުހުންނާ ގުޅޭ ދާއިރާތަކުން ވަނީ ތަމްރީނު ކުރެވިފައި. އޭގެ ތެރެއިން 113 ފުލުހުން ރާއްޖެއިން ބޭރުން ވަނީ ތަމްރީނު ހާސިލުކޮށްފައި." ކޮމިޝަނަރ ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއް ފުލުހުން އެއްވެސް ފަސްޖެހުމެއްނެތި ވާނެކަމަށް ރައްޔިތުންނާއި މުޅި ގައުމު ހެކިވާނެކަމަށާއި ދިވެހި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ލިބިފައިވާ މުއައްސަސާއަކަށް ހެދުމަށް އަދިވެސް ވަރަށް ގިނަ ކަންކަން ކުރަންޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުން މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރަންޖެހޭ ކަމަށާއި ހުށަހެޅޭ މައްސަލަތައް މިހާރަށްވުރެ އަވަހަށް ނިންމަން މަސައްކަތް ކުރަންޖެހޭ ކަމަށާއި މިކަންކަން ހައްލުކުރުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
ހަމަ އެހެންމެ ރައްޔިތުންނަށް ހިދުމަތްކުރުން ނޫން އެހެން އެއްވެސް މަގުސަދެއްގައި ފުލުހުން މަސައްކަތް ނުކުރާނެ ކަމަށާއި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސައުވީސް ގަޑިއިރު ދާނީ މަސައްކަތް ކުރަމުން ކަމަށް ވިދާޅުވިއެވެ. ‘’ދިވެހި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނަށް އަނިޔާވެރިވާނެ ހިދުމަތެއް ނޫން. ވަކިވަކި ފުލުހުންގެ ފަރާތުން ފެންނަ ނޭދެވޭ ކަންކަމަކީ މުޅި ހިދުމަތް ރަމްޒުކޮށްދޭ ކަންކަމަށް ނުހެއްދެވުން އެދެން.'' ވާހަކަފުޅު ނިންމަވައިލައްވަމުން ކޮމިޝަނަރ ވިދާޅުވިއެވެ.
މި ދައުރުގެ މިހާތަނަށް 9000 އަށްވުރެ ގިނަ ބަނގުރަލާއި 698 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވޭ- ސީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ