މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކާ ގުޅިގެން، ތެލުގެ ރިޒާވް ރައްކާތެރިކުރުމަށް އަޅާ ކުއްލި ފިޔަވަޅެއްގެ ގޮތުން، ދައުލަތުގެ މުއައްސަސާތަކުން ހަފުތާއަކު ހަތަރު ދުވަހު މަސައްކަތް ކުރާ ގޮތަށް ސްރީ ލަންކާއިން މިއަދު ހަމަޖައްސައިފި އެވެ.
ކޮމިޝަނަރު ޖެނެރަލް އޮފް އެސެންޝަލް ސާވިސަސް ޕްރަބާތު ޗަންދްރަކީރްތީ ވިދާޅުވީ، މާދަމާއިން ފެށިގެން ސަރުކާރުގެ އޮފީސްތައް ހުޅުވާފައި ހުންނާނީ ހަފުތާއަކު ހަތަރު ދުވަހު ކަމަށާއި މި ފިޔަވަޅުތައް ސްކޫލްތަކާއި ޔުނިވަސިޓީތަކަށް ވެސް ހިނގާނެ ކަމަށެވެ.
"އަމިއްލަ ވިޔަފާރިތަކުން ވެސް މިގޮތަށް އަމަލުކޮށް، މީގެ ފަހުން ކޮންމެ ބުދަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށް އަޅުގަނޑުމެން އެދެން،" ރައީސް އަނޫރާ ކުމާރަ ދިސާނަޔަކަ ރިޔާސަތު ބެލެހެއްޓެވި ކުއްލި ބައްދަލުވުމަކަށް ފަހު ޗަންދްރަކީރްތީ ވިދާޅުވި އެވެ.
މި ފިޔަވަޅުތައް އަޅަން ނިންމާފައިވަނީ، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ ތެލުގެ ޝިޕްމަންޓްތަކުގެ ގާތްގަނޑަކަށް %20 ދަތުރުކުރާ މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެންނެވެ.
މި ދަތިތައް ދިގުލައިގެން ހިނގައިދާނެ ކަމަށް ތައްޔާރުވުމަށް ރައީސް ދިސާނަޔަކަ ވަނީ އޮފިޝަލުންނަށް އިރުޝާދު ދެއްވާފަ އެވެ.
"އަޅުގަނޑުމެން އެންމެ ގޯސް ހާލަތަށް ތައްޔާރުވާންޖެހޭ. ނަމަވެސް އެންމެ ރަނގަޅު ގޮތް މެދުވެރިވުމަށް އުންމީދުކުރަން،" ހޮސްޕިޓަލްތަކާއި ބަނދަރުތަކާއި ކުއްލި ހާލަތުގެ ހިދުމަތްތައް ފަދަ ޒަރޫރީ ހިދުމަތްތައް އާންމު އުސޫލުން ކުރިއަށްދާނެކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.
ބޭނުންވާ ހުރިހާ ތެލެއް އިމްޕޯޓްކުރާ ލަންކާއިން އިއްޔެ ވަނީ ތެޔޮ ކޮންޓްރޯލްކޮށްގެން ދޫކުރަން ފަށާފަ އެވެ. އެގޮތުން، އާންމު އުޅަނދުތަކަށް ހަފުތާއަކު ދޫކުރަނީ 15 ލިޓަރުގެ ޕެޓްރޯލް ނުވަތަ ޑީސަލެވެ. އަދި އާންމު ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކަށް 200 ލިޓަރާ ހަމައަށް ތެޔޮ ދޫކުރެ އެވެ.
އޮފިޝަލުން ވިދާޅުވި ގޮތުގައި، މިހާރު ހުރި ތެލުގެ ރިޒާވް ގާތްގަނޑަކަށް ހަ ހަފުތާއަށް ފުދޭނެ އެވެ. ނަމަވެސް، 2022 ވަނަ އަހަރުގެ މާލީ ކާރިސާއިން އަރައިގަންނަމުންދާ އެ ގައުމުގެ އިގްތިސާދަށް، ތެޔޮ ލިބުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެ ނަމަ ބޮޑެތި ގެއްލުންތަކެއް ވެދާނެކަމުގެ އިންޒާރު ވަނީ ދީފަ އެވެ.
ހަފުތާއަކު 4 ދުވަހު މަސައްކަތް ކުރާ ގޮތަށް ލަންކާއިން ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ