"ގޫގުލް މެސެޖަސް"ގައި މެސެޖެއްގެ ވަކި ބައެއް އެކަނި ކޮޕީކުރެވޭ ފީޗާ ތައާރަފުކޮށްފި

މިހާރު ސެމްސަންގް ގެލެކްސީ ފޯނުތަކުގައި ވެސް ޑިފޯލްޓް އެޕްގެ ގޮތުގައި އަންނަ 'ގޫގުލް މެސެޖަސް'ގައި މެސެޖެއްގެ ވަކިބައެއް ނުވަތަ ބައިތަކެއް ކޮޕީކުރެވޭ ފީޗާއެއް ތައާރަފުކޮށްފިއެވެ. މީގެ ކުރިން މި އެޕްގައި މެސެޖެއްގެ ވަކި ބައެއް އެކަނި ކޮޕީއެއް ނުކުރެވެއެވެ. ނަމަވެސް، އެންޑްރޮއިޑް އޮތޯރިޓީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިހާރު މި އެޕްގެ އެންމެ ފަހުގެ ބީޓާ ވާޝަންގައި މެސެޖެއްގެ ވަކި ބައެއް އެކަނި ކޮޕީކުރެވޭ ފީޗާ ވަނީ ތަޢާރަފުކުރަން ފަށާފައެވެ. ގޫގުލް މެސެޖަސްގެ އާ ބީޓާ ވާޝަން (v20260306)އާ އެކު، އާރްސީއެސް އަދި އެސްއެމްއެސް މެސެޖުތަކުން ވެސް ބޭނުންވާ ވަކި ބައެއް އެކަނި ކޮޕީކޮށްލެވޭނެއެވެ. މިކަން ކުރުމަށްޓަކައި، މެސެޖަށް ފިތާލައިގެން (ލޯންގް ޕްރެސް ކޮށްލައިގެން) ހިފަހައްޓާލުމަށް ފަހު، ކޮޕީކުރަން ބޭނުންވާ ބައެއް ހައިލައިޓް ކޮށްލުމުން ކޮޕީ ކުރެވޭނެއެވެ. އަދި، މުޅި މެސެޖު އެއްކޮށް ކޮޕީކުރަން ބޭނުންވާ ފަރާތްތަކަށް، ކުރިން ވެސް އިންނަ "ކޮޕީ" އޮޕްޝަން މެނޫއިން ފެންނަން ހުންނާނެއެވެ. މިއީ ގިނަ ބަޔަކަށް ދިމާވި ވަރަށް ބޮޑު އުނދަގުލަކަށް ލިބުނު ފަސޭހަ ހައްލެކެވެ. މިސާލަކަށް ކޮރިއާ ޓްރެކިން ނަންބަރެއް ނުވަތަ އެކައުންޓް ނަންބަރެއް ފަދަ މުހިންމު މަޢުލޫމާތެއް މެސެޖެއްގައި އިންނައިރު، މީގެ ކުރިން ޖެހެނީ މުޅި މެސެޖު އެއްކޮށް ކޮޕީކޮށް، މެސެޖު ލިޔާ ގޮޅިއަށް ޕޭސްޓުކުރުމަށް ފަހު ބޭނުންވާ ބައި އެކަނި އަލުން ކޮޕީ ކުރާށެވެ. ނަމަވެސް، އާ ފީޗާގެ ސަބަބުން މި އިތުރު މަރުޙަލާތައް ކަޑައްތުކުރާކަށް ދެން ނުޖެހޭނެއެވެ. މިފީޗާ ލިބޭނީ ގޫގުލް މެސެޖަސްގެ އެންމެ ފަހުގެ އަޕްޑޭޓްގައި --- ގޫގުލް މެސެޖަސްގެ ޑިވެލޮޕަރުން އަންނަނީ އެޕް އިތުރަށް ފުރިހަމަކޮށް، ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވާނެ ގިނަ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން، ފަހަކަށް އައިސް ގެނެވުނު މުހިންމު ބަދަލުތަކުގެ ތެރޭގައި ޑިލީޓްކުރާ މެސެޖުތައް ހުންނަ 'ޓްރެޝް' ފޯލްޑަރެއް ހިމެނުމާއި، އެކި ޕްލެޓްފޯމްތަކުގެ މެދުގައި އެންކްރިޕްޓެޑް އާރްސީއެސް މެސެޖު ފޮނުވޭނެ ގޮތް ޓެސްޓުކުރުން ފަދަ ކަންކަން ހިމެނެއެވެ. ގޫގުލް މެސެޖަސްއަކީ އެންޑްރޮއިޑް ފޯނުތަކުގައި އެސްއެމްއެސް އަދި އާރްސީއެސް މެސެޖު ފޮނުވުމަށް ގޫގުލްއިން އުފައްދާފައިވާ ރަސްމީ މެސެޖިންގ އެޕްލިކޭޝަނެވެ. މި އެޕްގެ އެންމެ ބޮޑު އެއް އަމާޒަކީ، ޒަމާންވީ އެސްއެމްއެސްގެ ބަދަލުގައި މެސެޖުކުރުމުގެ ޒަމާނީ އަދި ރައްކާތެރި ޓެކްނޮލޮޖީ ކަމަށްވާ "އާރްސީއެސް" ފުޅާކޮށް ކުރިއެރުވުމެވެ. އާރްސީއެސް މެދުވެރިކޮށް އިންޓަނެޓް ބޭނުންކޮށްގެން މެސެޖުކުރުމާއި، ފެންވަރު ރަނގަޅުކޮށް ފޮޓޯއާއި ވީޑިއޯ ފޮނުވުމުގެ އިތުރުން، އަނެއްފަރާތުން މެސެޖު ކިޔައިފިކަން (ރީޑް ރިސީޕްޓްސް) އަދި ޓައިޕްކުރާކަން އަންގައިދޭ ފީޗާތައް ލިބެއެވެ. މުޅި އެންޑްރޮއިޑް އީކޯސިސްޓަމްގައި އެއްގޮތަކަށް މެސެޖުކުރެވޭނެ ފުރިހަމަ ނިޒާމެއް ޤާއިމުކުރުމަށް ގޫގުލްއިން ކުރާ މަސައްކަތުގެ ދަށުން ދުނިޔޭގެ އެންމެ ބޮޑު އެއް ސްމާޓްފޯނު ކުންފުނި ކަމަށްވާ ސެމްސަންގުން ވެސް މިހާރު ވަނީ އެ ކުންފުނީގެ އަމިއްލަ މެސެޖިން އެޕް (ސެމްސަންގް މެސެޖަސް)ގެ ބަދަލުގައި އެންމެ ފަހުގެ ގެލެކްސީ ފޯނުތަކުގެ ޑިފޯލްޓް މެސެޖިން އެޕަކަށް ގޫގުލް މެސެޖަސް ހަމަޖައްސާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ