ފުލުހުންނަކީ ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ މުއައްސަސާ ކަމަށާއި ފުލުހުން ކުރާ މަސައްކަތްތައް މިހާރަށް ވުރެ ފުރިހަމައަށް ރައްޔިތުންނަށް އެނގެން އެބަ ޖެހޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުންގެ 92 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނާ ގާތުން، ދެ ފުށް ފެންނަ ގޮތަކަށް އަދި މިހާރަށް ވުރެ އަވަހަށް ފުލުހުން ކުރާ މަސައްކަތުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.
ބުނީ ކީކޭ؟ - "މިހާރު އަމަލު ކުރަމުން ދާ އެކިއެކި އުސޫލުތަކަށް ޕްރޮސީޖާތަކަށް ބަދަލުތައް ގެންނަން އެބަ ޖެހޭ. މައުލޫމާތު ހިއްސާކުރުމާއި ނުކުރުމުގެ ތަފާތު އިންތިހާއަށް ބޮޑު،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު އޮންނަން ޖެހޭ މިންވަރަށް އެ އިތުބާރު ގާއިމްކުރެވޭނީ މައުލޫމާތު ހިއްސާކުރުމަށް ގެންގުޅޭ އުސޫލު ބަދަލުކޮށްގެން ކަމަށެވެ.
"ތިބޭފުޅުންނަށް ވެސް ހިދުމަތް ދިނުމުގައި ހިތަށް ލިބެން ޖެހޭ ހިތްހަމަޖެހުމާއި އޭގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނެ ހިތްހަމަޖެހުން ބިނާވެގެން މިދަނީ ރައްޔިތުންނާ ގާތްވި ވަރަކަށް،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު އެދެނީ ކަމެއް ދިމާވެގެން ބަލަން ފަށާ މައްސަލައެއްގައި؛ އެ ވެދާނެ ކޮންމެ ފަދަ މައްސަލައަކަށް ވެސް. އެ ވެދާނެ މާރާމާރިއަކަށް ވެސް. ނޫނީ އެހެންފަދަ ކަމަކަށް ވެސް. ކޮންމެ ފަދަ ކަމެއް ދިމާވެގެން ވެސް ތިބޭފުޅުން އެ ކަމަކަށް އެޓެންޑުވެ އެ މައްސަލަ ބަލަން ފަށާ ހިސާބުން ފުރަތަމަ ވެސް ރައްޔިތުންނަށް މައުލޫމާތު ހިއްސާކުރާގޮތަށް ޕްރިސީޖާ ބަދަލު ކުރަން އަޅުގަނޑު އެދެން."
ރައީސް ވަނީ މައްސަލައެއް ބަލަން ފަށާ ހިސާބުން ފެށިގެން އޭގެ މައުލޫމާތު ލިބޭ މިންވަރަކުން އެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރުމަށް ފުލުހުންގެ ފަރާތުން އެދިވަޑައިގެންފަ އެވެ.
"އެ ޓްރާންސްޕޭރެންސީ އެ ގޮތުގައި ގެނައުމުން ރައްޔިތުންނަށް ވެސް ހިތްހަމަޖެހުން، ތިބޭފުޅުންނަށް ވެސް ހިތްހަމަޖެހުން ލިބޭނެ. ތި ކުރައްވާ ޒިންމާދާތު ބުރަ މަސައްކަތަށް އިތުރު ކްރެޑިބިލިޓީއެއް ލިބިގެންދާނެ. ތި ކުރައްވާ ޕްރޮފެޝަނަލް މަސައްކަތަށް އިތުރު ކުރިއެރުން ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދެފުށް ފެންނަ ގޮތަށް އަވަހަށް މައުލޫމާތު ހިއްސާކުރުމަކީ އެއްވެސް ޒިންމާދާރުކަމެއް ނެތި ސިޔާސީ ބޭނުމަށް ނުވަތަ އެހެން ބޭނުމަކަށް ވިޔަސް ދޮގު ހަދާ، ފިތުނަ އުފައްދާ މީހުންނަށް ވެސް އެޅޭނެ ހުރަހަކަށް ވާނެ ކަމަށެވެ.
"ތިބޭފުޅުން ކުރައްވާ މަސައްކަތް، އެ މަސައްކަތުގެ އަގު ވައްޓާލާ، ރައްޔިތުންގެ ކުރިމަތީގައި މި މުވައްސަސާގެ އަގުވައްޓާލަން ކުރާ މަސައްކަތަށް ވެސް އެޅޭ ހުރަހަކަށް ވާނީ މައުލޫމާތު ހިއްސާ ކުރުމުގައި އަވަސްވެގަތުން،" ރައީސް ވިދާޅުވި އެވެ.
މައްސަލައިގެ ފުރިހަމަ މައުލޫމާތު ނެތަސް ފުލުހުންގެ ޒިންމާއަށް ހުރަސް ނޭޅޭވަރަށް އެވަގުތަކު ހުރި މައުލޫމާތު ރައްޔިތުންނަށް ހިއްސާ ކުރުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
ރައީސް ވިދާޅުވީ؛
ފުލުހުންގެ ޒިންމާއަށް ހުރަސް ނޭޅޭވަރަށް މައުލޫމާތު ހިއްސާކުރަމުން ދިޔުމަށް އެދިވަޑައިގަންނަވާ ކަމަށް
މައްސަލައެއް ބަލައިގެން އެކަމުގައި ކުށްވެރިވާ ފަރާތްތައް އަދި ހެކިތައް ހޯދުމާއި އެ ހެކިތައް ނައްތާލުމަށް ފުރުސަތު ނުލިބޭ މިންވަރަށް ދޭން ޖެހޭ ހުރިހާ މައުލޫމާތެއް ދިިނުމަށް އެދިވަޑައިގަންނަވާ ކަމަށް
އަދުލުވެރިކަމާއި އިންސާފުވެރިކަން ގާއިމްކުރެވި، ގާނޫނީ ވެރިކަން ދެމެހެއްޓޭނީ އޭރުންކަމަށް
ރައްޔިތުންނާއި ގާތުން މަސައްކަތް ކުރެވި ޓްރާންސްޕޭރެންސީ ގާއިމްކުރެވޭނެ ކަމަށް
"އަޅުގަނޑުމެންގެ ގައުމު ދެކެ އެއްވެސް ލޯތްބެއް ނުވާ، ގައުމިއްޔަތުގެ އެއްވެސް ވިސްނުމެއް ނެތް މީހުން އުފައްދާ ފިތުނަތަކުގައި ޖައްސާ މި މުވައްސަސާގެ އަގު ވައްޓާލަން އެ ކުރާ އެއްވެސް ކަމަކަށް އަޅުގަނޑުމެން ނުވާނެ ޖާގަ ދީގެންނެއް،" ރައީސް ވިދާޅުވި އެވެ.
ރައްޔިތުންނަށް މުހިއްމު ހިދުމަތެއް ދޭ މުއައްސަސާއެއްގެ އަގު ވައްޓާލަން ބަޔަކު ކުރާ މަސައްކަތަށް، ރައްޔިތުންގެ ތެރެއިން އެއްވެސް ފުރުސަތެއް ނުދޭން ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.
"ކޮންމެ ރައްޔިތަކު ވެސް ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ ޒިންމާދާރުކަމާ އެކީގައި ފުލުހުންނަށް ހިދުމަތްކުރެވޭނެ ގޮތަށް ކަންކަމުގައި އަޅުގަނޑުމެން ޒިންމާދާރު ކަމާ އެކީގައި ވިސްނުން،" ރައީސް ވިދާޅުވި އެވެ.
ގައުމުގައި ހަމަޖެހުން ގާއިމްވެ ސުލްހަ އާއި އަމާންކަން ގާއިމްކުރެވޭނީ ފުލުހުންނަށް އެމީހުންގެ ޒިންމާ އަދާކުރެވޭނެ ޖާގަ ދީގެން ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ގައުމަށް ހަމަޖެހުމާއި އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމްވެގެން ދާވަރަކަށް އަޅުގަނޑުމެންގެ ގައުމަށް އިގުތިސޯދީ ގޮތުން ވެސް އެ ދެވެނީ ވަރަށް ބޮޑު ކުރިއެރުމެއް،" ރައީސް ވިދާޅުވި އެވެ.
އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބޭނީ ގާނޫނު ނަގަހައްޓާ ތަންފީޒުކޮށް ރާއްޖޭގައި އަމާންކަން ގާއިމްވެގެންކަން ރައީސް ފާހަގަކުރެއްވި އެވެ.
ފުލުހުން ބަލާ މައްސަލަތަކުގެ މައުލޫމާތު ފުރަތަމަ ރައްޔިތުންނަށް ދީ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ