ކިތަންމެ ބޮޑު ހުވައެއް ކުރުވާފަވެސް އެކަމެއް ބޭޒާރުވުމުން ތިމާ ފަޟީޙަތްވާނެ އެއްވެސް ކަމެއްގެ ވާހަކަ ކިތަންމެ ގާތް މީހެއްގެ ގާތުގައިވެސް ބުނަން ހެޔޮނުވާނެ! ގާތީ ބޭޒާރުވެ ފަޟީޙަތްވުން!

މިހާރަކަށް އައިސް ގިނަ މީހުންނަށް ކުރެވޭ ކުށްތަކާއި ފާފަތައް ބޭޒާރުވަމުން މިދަނީ ހަމަ އެމީހެއްގެ ސަބަބުންނެވެ. އަނެކަކަށް އިތުބާރުކޮށް އެކަންކަމުގެ ވާހަކަ ދެއްކޭތީއެވެ. އެހެންކަމުން ވިސްނާލުން މުހިންމު ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.
ކޮންމެ މީހެއްގެވެސް އެކުވެރިން ތިބޭނެ އެވެ. ވަރަށް ގާތް އެކުވެރިންވެސް ތިބޭނެއެވެ. ބައެއް މީހުންގެ ތަންކޮޅެއް ގިނައިންވެސް ތިބޭނެއެވެ. ފައިސާއާއި ތަނަވަސްކަންހުރިނަމަ ވަރަށް ގިނަވެސްވާނެއެވެ. 
ދެންމިވާ ގޮތަކީ "ނަމަނަމަ، ކޮންމެވެސް ކޮންމެވެސް" މިހެންގޮސް ކޮންމެވެސް ޢިބާރާތެއް ކުރިއަށްލާފައި "އެހެން މީހެއްގެ ގާތުގަ ނުބުނާތި!" ބުނެފައި ތިމާގެ ސިއްރުތައް ކިޔައިދެވެނީއެވެ. ކުރެވިފައި ހުންނަ ފާފަތައްވެސް ކިޔައިދެވެނީއެވެ. 
އެކުވެރިންނަށް ބަލައިފިނަމަ ޢުމުރަކީ މަދިރީގެ ޢުމުރެވެ. މާނައަކީ ގިނަ ފަހަރު އެކުވެރިކަން އޮންނަނީ ވަރަށް ކުރުކުރު މުއްދަތަކަށެވެ. އަނެކާއަށް ކިތަންމެ ގިނަ ކަންތައްތަކެއް ކޮށްދީ އެހީތެރިވަމުން އައިނަމަވެސް އެދޭ އެންމެ ކަމެއް ކޮށްނުދެވޭއިރަށް އެކުވެރިކަން ގެއްލެއެވެ. ޚިޔާލުތަފާތުވާއިރަށްވެސް އެކުވެރިކަން އެބަ ގެއްލެއެވެ. އެގޮތުން ޖެހޭ ދާދިކުދިކުދި މައްސަލަތަކާއި ގުޅިގެންވެސް އެކުވެރިކަން އޮންނަނީ ގެއްލިފައެވެ. 
އެކުވެރިކަން ގެއްލުމާއިއެކު ކުރިން ބުނިފަދައިން "ނަމަނަމަ، ކޮންމެވެސް ކޮންމެވެސް" ފަދަ ޢިބާރާތްތައް ކުރިއަށްލާފައި ހަމަ އެކެއްގެ ގާތުގައިވެސް ނުބުނަން، ނުވަތަ ބޭޒާރުނުކުރަން ބުނި ހުރިހާ ކަންކަން އޮންނަނީ ބޭޒާރުވެފައެވެ. މީހާ ފަޟީޙަތްވެފައެވެ. މީސްތަކުގެ ކުރިމަތީގައި އަގުވެއްޓެން ޖެހިފައެވެ. 
ތިމާއަށް ކުރެވޭ އެއްވެސް ފާފައެއްގެ ވާހަކަ ހަމަ އެކެއްގެ ގާތުގައިވެސް ބުނުމަކީ އެކަމުގެ ސަބަބުން މީހާއަށް ސަލާމަތް ނުވެވޭވަރުގެ ބޮޑު ފާފައެއްކަމަށް އޮތުމާއިއެކު އެއިގެ އިތުރުން ދުނިޔޭގައިވެސް މީހާ ނިކަމެތިވެގެންދަނީއެވެ. ވީމާ މިކަމުގައި އޮތީ ހަމަ ދޫތަޅުލައިގެން ހުރުމެވެ. 
ވީމާ އެކަމެއް ބޭޒާރުވުމުން ތިމާއަށް ގެއްލުމެއް ލިބިދާނެ، ނުވަތަ ލަދުގަންނަން ޖެހިދާނެ އެއްވެސް ވާހަކައެއް އެއްވެސް މީހެއްގެ ގާތު ނުބުނާށެވެ. އިންސާނުންނަށް އިތުބާރުކުރަންވެސް ވާނެއެވެ. ނަމަވެސް އެކަމުގެ ސަބަބުން ތިމާއަށް ގެއްލުން ނުވާނެ މިންވަރަށެވެ. ވީމާ ދިރިއުޅުމުގައި މިއީ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއްކަންތައްކަމަށް އަބަދުވެސް މިބުނަނީ އެހެންވެގެންނެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ