ހުޅުމާލޭ މަގުމަތީ ޑުރަގު ގެންގުޅުނު ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ތަފާތު ތިން މައްސަލައެއްގައި ފިރިހެނުންތަކެއް ހުޅުމާލޭން އިއްޔެ ހައްޔަރުކޮށްފިއެވެ. މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ޅ. ހިންނަވަރު، އާވާޒް، އަހުމަދު ގާސިމް (42އ)އާއި ގދ. ގައްދޫ، ރަޖީނާގެ، އިބްރާހީމް ނިޔާޒު (36އ)އާއި ހއ. މާރަންދޫ، ސަނީބީމް، އަމްރު ޖަލީލް (20އ)އެވެ. ފުލުހުން ބުނީ، އިއްޔެ ހަވީރު ޕެޓުރޯލުކުރަމުން ދަނިކޮށް ހުޅުމާލޭ ފުރަތަމަ ފިޔަވަހި، ހިރުނދުމަގުން ގާސިމް ފެނުނުއިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރީ ކަމަށެވެ. އޭނާ ބަލައި ފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާ ރަބަރު ޕެކެޓެއް ފެނުނު ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި، އަމްރު ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ފުލުހުން ޕެޓުރޯލްކުރަމުން ދަނިކޮށް، ރުއްގަނޑު ދޭއް ސަރަހައްދުން އޭނާ ދުއްވި ސައިކަލު ކަހާލައިގެން ވެއްޓުނު ވަގުތު ފުލުހުން ފެނުމުން ފިލަން މަސައްކަތް ކުރުމާ ގުޅިގެންނެވެ. އެ ގޮތުން، 199 ޕްލެޓު ކައިރިން ފުލުހުން އޭނާ ހުއްޓުވައި ބެލިއިރު، 48 ދަޅު ބަނގުރާ ފެނިފައިވެއެވެ. ދެން ހައްޔަރުކުރި، ނިޔާޒު ހައްޔަރުކުރީ ރޭ ދަންވަރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުލުހުން ޕެޓްރޯލްކުރަމުން ދަނިކޮށް، ހިޔާ ޓަވަރު 16 ކައިރިންނެވެ. އޭނާގެ އަމަލުތައް ހުރިގޮތުން އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 67 ރަބަރު ޕެކެޓު ފެނުނު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. ފުލުހުން އަންނަނީ މި މައްސަލަތައް ތަހުގީގު ކުރަމުންނެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި ދޭތެރެއަކުން މީހުން ހައްޔަރު ކުރެއެވެ. އެގޮތުން، މިދިޔަ ހޮނިހިރު ދުވަހު ވެސް ވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ތިން އެޕާޓުމަންޓެއް ބަލައި ދެ މީހަކު ހައްޔަރުކޮށްފައެވެ. އެއީ، ހދ. ނޭކުރެންދޫ، ސާޒް، އުމުރުން 25 އަހަރުގެ އިބްރާހީމް ރިސްފާނާއި މާފަންނު ވިލާތު ކުންނާރުގެއާގޭ، އުމުރުން 36 އަހަރު މުޙައްމަދު ޒައީންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ