ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ އާއި މުޖުތަމައުގެ ބައިވެރިވުމާ އެކު ފާހަގަ ކުރާ ސްކޫލުގެ އަހަރީ ދުވަހުގެ ރަސްމިއްޔާތުތައް ޝަރަފްވެރިކޮށްދިނުމަށް މެހެމާނުން ދެން ކަނޑައަޅާނީ އެޑިއުކޭޝަން މިނިސްޓްރީން ކަމަށް ނިންމައިފި އެވެ.
ވީ ކިހިނެއް؟- ސްކޫލުތަކުން ބާއްވާ އެކި ރަސްމިއްޔާތުތައް ޝަރަފްވެރިކޮށްދޭ މެހެމާނުން ކަނޑައެޅުމުގެ ވަކި އުސޫލެއް މިނިސްޓްރީން މިހާރު ވަނީ އެކުލަވާލާފަ އެވެ. އެ ގޮތަށް ކަނޑައެޅީ، މިނިސްޓްރީން ބުނިގޮތުގައި ހަމަހަމަ ކަމާ އެކު ވަކި އުސޫލެއްގެ ދަށުން އެކަން ކުރުމަށެވެ.
އާ އުސޫލުގައި ބުނެފައިވާ ގޮތުން، ސްކޫލުތަކުގެ އެންމެ ޝަރަފްވެރި ހަފްލާތަކަށް މެހެމާނުން ކަނޑައަޅާނީ މިނިސްޓްރީންނެވެ. އެއީ:
އަހަރީ އިނާމު ދިނުމުގެ ޖަލްސާ އާއި އާއްމުންގެ ބައިވެރިވުމާ އެކު ފާހަގަ ކުރާ ސްކޫލުގެ އަހަރީ ދުވަހުގެ ޖަލްސާ
އަހަރީ ދުވަހުގެ ޖަލްސާގެ ތެރެއިން 10 އަހަރާއި 25 އަހަރާއި 50 އަހަރު އަދި 75 އަހަރު ފުރުން ފާހަގަ ކުރާ ރަސްމިއްޔާތުތަކުގެ ޝަރަފްވެރި މެހެމާނު ކަނޑައަޅާނީ މިނިސްޓްރީން
މީގެ އިތުރުން:
ސްކޫލުގެ މަގާމުތަކަށް ދަރިވަރުން ހޮވުމުގެ ހަފުލާ އާއި ގްރެޖުއޭޝަން ސެރެމަނީ ޝަރަފްވެރިކޮށްދެއްވަން ޖެހޭނީ ސްކޫލުގެ ޕްރިންސިޕަލް
ސްކޫލް ފެންވަރުގައި ފާހަގަކުރާ އަހަރީ ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ އެ ސްކޫލެއްގެ ޕްރިންސިޕަލް ނޫނީ މިނިސްޓްރީއާއެކު މަޝްވަރާކޮށް ކަނޑައަޅާ މީހެއް
ހާއްސަ އެސެމްބްލީ، ޔުނިފޯމް ހަރަކާތްތައް އަދި ސްކޫލް ފެންވަރުގައި ބާއްވާ ތަފާތު މުބާރާތްތައް ޝަރަފުވެރިކޮށްދެއްވާނީ އެ ސްކޫލެއްގެ ޕްރިންސިޕަލް ނުވަތަ އެހެން ސްކޫލެއްގެ ޕްރިންސިޕަލް ނުވަތަ ދާއިރާގެ ފަންނީ މީހެއް
އުސޫލުގައި ބުނެފައިވާ ގޮތުގައި ޝަރަފްވެރި މެހެމާނާއަކީ މުޖުތަމައު ގަބޫލުކުރާ އަދި އަހުލާގީ ގޮތުން ދަރިވަރުންނަށް ނަމޫނާ މީހަކަށް ވާންޖެހެ އެވެ. އަދި ދަރިވަރުންގެ އުމުރާ ގުޅޭ ގޮތަށް މައުލޫމާތު ފޯރުކޮށްދެވޭ ފަދަ މީހަކަށް ވާން ޖެހޭ ކަމަށް ބުންޏެވެ.
އޭގެ އިތުރުން ދެން ބަލަން ޖެހޭ ކަންކަމުގެ ތެރޭގައި:
އެއްވެސް ބާވަތެއްގެ ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާ މީހެއް ކަމުގައި ނުވުން އަދި އެ ފަދަ ކުށެއް ތަހުގީގު ކުރަމުންދާ މީހަކަށް ނުވުން
ހުކުމެއް ތަންފީޒުކޮށްފި ނަމަ، އެކަން ކޮށް ނިމުނުތާ 10 އަހަރު ވާން ޖެހޭ
ކުޑަ ކުއްޖަކަށް އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރިކަމުގެ ކުށެއް ސާބިތުވެ، އެފަދަ ކުށެއްގެ ރެކޯޑެއް އޮތް މީހަކުކަމުގައި
އެނގުން މުހިއްމު- ސްކޫލުތަކުގެ އިނާމުދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދިނުމުގެ ފުރުސަތު ސިޔާސީ މީހުންނަށް ނުލިބޭ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލިހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވަނީ މިދިޔަ އަހަރު މަޖިލީހުގައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އޭނާ ވިދާޅުވީ ހަމައެކަނި ދައުލަތުން ދޭ ބަޖެޓަކުން، ތައުލީމީ މަރުކަޒުތައް ބަރޯސާވެގެން ތިބެން ނުޖެހޭ ކަމަށާއި އެ ތަންތަނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ މީހުންނަށް ވެސް ޖަލްސާތައް ޝަރަފްވެރިކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ.
ސްކޫލުތަކަށް ޝަރަފުވެރި މެހެމާނުން ދެން ހަމަޖައްސާނީ މިނިސްޓްރީއިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ