ގަމަށް ދާ މަގު ހަދަން ޕްލޭން ކޮށްފައި އޮތީ ރިސޯޓުގެ މުހިންމު ބައެއްގެ ތެރެއިން: ކައިމޫ ގަމަށް ދާ މަގު ހަދަން ޕްލޭން ކޮށްފައި އޮތީ ރިސޯޓުގެ މުހިންމު ބައެއްގެ ތެރެއިން: ކައިމޫ

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ގަމަށް ފަސޭހައިން ދެވޭގޮތަށް މަގެއް ތަރައްގީ ކުރަން ނިންމާފައި ވަނީ އީކުއޭޓާ ވިލެޖުގެ މުހިންމު ސަރަހައްދެއް ގެއްލޭ ގޮތަށް ކަމަށް އެ ހޮޓެލް ހިންގާ ކައިމޫ ޓްރެވެލްސް އެންޑް ހޮޓެލްސް ސާވިސަސްއިން ބުނެފި އެވެ.
އެ ކުންފުނިން އާންމު ކުރި ނޫސްބަޔާނެއްގައި ބުނީ އައްޑޫއަށް އަންނަ ހުރިހާ ތަރައްގީއެއްގެ ފައިދާ މުޅި އެ ސަރަހައްދަށާއި އީކުއޭޓާ ވިލެޖަށް ވެސް ކުރާނެ ކަމަށެވެ. ނަމަވެސް ގަމަށް ފަސޭހައިން ދެވޭ ގޮތަށް ތަރައްގީ ކުރުމަށް ޕްލޭން ކޮށްފައި އޮތް މަގު އެގޮތަށް ތަރައްގީ ކޮށްފި ނަމަ ރިސޯޓުގެ މުހިންމު ސަރަހައްދެއް ގެއްލިގެން ދާނެ ކަމަށް ކައިމޫ އިން ބުންޏެވެ.
އެގޮތުން އެ މަގު ތަރައްގީ ކުރަން ނިންމާފައިވާ ސަރަހަައްދަކީ ސްޓާފް އެކޮމޮޑޭޝަނަކާއި ބަދިގެ އަކާއި ސްޓާފުންގެ މެސް ރޫމް އާއި ރިސޯޓު ލޯންޑްރީގެ އިތުރުން ގަރާޖަކާއި ސްޓާފް ރެކްރިއޭޝަން އޭރިއާ އަދި ގެސްޓުންގެ ސްކުއޮޝް ކޯޓެއް ހުންނަ ސަރަހައްދެއް ކަމަށެވެ.
"އީކުއޭޓާ ވިލެޖު ހިންގަމުން އަންނަނީ 1999 ވަނަ އަހަރު ސޮއިކޮށް 2017 ވަނަ އަހަރު އައުކުރި އެއްބަސްވުމެއްގެ ދަށުންނެވެ، އެއްބަސްވުމުގެ ދަށުން ދޫކޮށްފައި ވަނީ ރިސޯޓު ހިންގާ މުޅި ބިމެވެ، އޭގެތެރޭގައި އައު މަގު ތަރައްގީ ކުރަން ނިންމާފައިވާ ސަރަހައްދު ހިމެނެ އެވެ، އެ ސަރަހައްދުގައި ގެސްޓު އަދި އޮޕަރޭޝަނަލް މުހިންމު ތަންތަން ހިމެނެ އެވެ،" ކައިމޫގެ ބަޔާނުގައި ބުންޏެވެ.
ކައިމޫއިން ބުނީ އެ މައްސަލައަށް ހައްލެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީ އާއެކު ތަކުރާރުކޮށް އެކި ފަހަރު މަތިން މަޝްވަރާކޮށް ރިސޯޓުގެ ހިންގުމަށާއި އައްޑޫގެ ތަރައްގީއަށް ހުރަސް ނޭޅޭ ގޮތަށް ހައްލެއް ހޯދުމަށް ހިޔާލު ވެސް ހުށަހަޅާފައި ވާނެ ކަމަށެވެ. އަދި ދިމާވެގެން އުޅޭ މައްސަލައަށް ހައްލެއް ހޯދުމަށް މަޝްވަރާ ކުރަން ތައްޔާރު ކަމަށާއި އެކުގައި މަސައްކަތް ކޮށްގެން ހުރިހާ އެންމެންނަށް ވެސް ފައިދާވާ ފަދަ ހައްލެއް ހޯދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ކުންފުނިން ބުންޏެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފަސޭހަކަމާއެކު ދެވޭ ގޮތަށް ތަރައްގީ ކުރަން ނިންމާފައި މަގުގެ މަސައްކަތް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިހާރު ވަނީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުއިން އުނިކޮށްފަ އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓަރު، އަބްދުالله މުއްތަލިބު ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުއަކީ ވަކި މުއްދަތެއްގެ ކުރިން ނިންމަންޖެހޭ މަޝްރޫއުއަކަށް ވާތީ، އެ މަގުގެ މަސައްކަތް ކުރިއަށް ނުގެންދެވި ލަސްވުމުގެ ސަބަބުން މުޅި ޕްރޮޖެކްޓު ނިންމަންޖެހޭ މުއްދަތަށް ނުނިންމިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.
އެފަދަ ހާލަތެއްގައި ކޮންޓްރެކްޓަރަށް ދައުލަތުން ބަދަލު ދޭންޖެހި މާލީ ގޮތުން ގެއްލުންވެދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. އެ މަގުގެ މަސައްކަތް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުއިން އުނިކުރަން އެންގީ އެ ސަބަބާހުރެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ކައިމޫ އާއެކު އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއަށްފަހު އެކަން ނުވެއްޖެ ނަމަ ދެން އެ މަގުގެ މަސައްކަތް ކުރިއަށް ގެންދާނީ ވަކި މަޝްރޫއުއެއްގެ ގޮތުގައި ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ އައު މަގުގެ މަސައްކަތް މަޝްރޫއުއިން އުނިކުރަން ނިންމުމުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކޮމްޕެނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރާއި އައްޑޫ ހިތަދޫ ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު އަޒާން މަރުޒޫގުގެ އިތުރުން ވެސް ބައެއް އާންމުން ގެންދަނީ އެކަމަ ނުރުހުން ފާޅު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ