ހެއްކެއް ނުދައްކައި އަކްރަމަށް ދައުވާކުރަނީ ރައީސްގެ އޯޑަރަށް: އެމްޑީޕީ
ފްލެޓު ދިނުމުގައި ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދިންކަމުގެ ތުހުމަތުގައި، މިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީންގެ މައްޗަށް ދައުވާކުރަނީ، އެއްވެސް ހެއްކެއް ނުދައްކައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޯޑަރަށް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓުގެ ދިނުމުގައި ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ތުހުމަތުގައި އަކްރަމްގެ މައްޗަށް ދައުވާކޮށްދޭން އެދި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އަށް ފޮނުވައިފައެވެ. އެއީ ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ، ފުރަތަމަ 4000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، އެ ބަޔަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދީފައިވާ ކަމަށް އޭސީސީއާއި ފުލުހުން ގުޅިގެން ހިންގި ތަހުގީގުން އެނގިފައިވާ ކަމަށް ބުނެއެވެ. މި މައްސަލައިގައި އަކްރަމްގެ އިތުރުން ވެސް ހައުސިން މިނިސްޓްރީގެ އިސް މަގާމުތަކުގައި ތިބި ތިން މީހެއްގެ މައްޗަށް ދައުވާކޮށްދޭން އޭސީސީންވަނީ އެދިފައެވެ. އެއީ ކުރީގެ ސީނިއާ އެގްޒެކެޓިވް މުޙައްމަދު ޢާރިފު ކުރީގެ ސީނިއާ އެގްޒެކެޓިވް މަގާމުގައި ލިރުއާމް ވަހީދު ކުރީގެ ޑިރެކްޓަރު ޖެނެރަލް އަޙްމަދު ވިޝާން ނަސީމް މި މައްސަލައިގައި އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ވަކި ބަޔަކަށް ނާޖާއިޒު މަންފާ ލިބޭހެން ފްލެޓު ލިސްޓު އެކުލަވައިލި ކަމުގެ ތުހުމަތު އަކްރަމްގެ މައްޗަށް ކޮށްފައި ވާއިރު، އެއްވެސް ހެއްކެއް ދައްކާފައި ނުވާ ކަމަށެވެ. މި ދައުވާ އުފުލަނީ ސިޔާސީ މަގުސަދެއްގައި، ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޯޑަރަށް ކަމަށް އެމްޑީޕީން ވަނީ ތުހުމަތު ކޮށްފައެވެ. ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދިން ކަމުގެ ތުހުމަތުގައި އަކްރަމާއި އިތުރު ތިން މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވިއިރު، އެންމެ ފަހުން މި ސަރުކާރުން ވެސް ނިންމާފައި އޮތީ މިދިޔަ ސަރުކާރުން އެކުލަވައިލި ލިސްޓަށް ފްލެޓު ދޭށެވެ. https://sun.mv/206666 އެމްޑީޕީން ބުނީ މި މައްސަލައިގައި އޭސީސީން އަމަލުކޮށްފައިވަނީ ކަނޑައެޅިގެން ގާނޫނާ ޚިލާފަށް ކަމަށެވެ. އަދި އެ ތަނުން ހިންގި ތަހުގީގު ފެށުނީއްސުރެން ވަކި އަތަކަށް ޖެހިފައިވާ ކަމަށް ވެސް އެ ޕާޓީން ތުހުމަތު ކުރެއެވެ. އަދި އޭސީސީއަކީ ސިޔާސީ ނުފޫޒުން ފިތިބާރުވެފައިވާ ތަނެއްގެ ގޮތުގައި އެމްޑީޕީން ސިފަކުރިއެވެ. "އޭސީސީ މެދުވެރިކޮށް ގެދޮރުވެރިޔާ ސްކީމާ ގުޅޭ އެއްވެސް އަސްލެއް ނެތް ޚިޔާލީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ދައުވާކުރަމުންދަނީ ފްލެޓުތައް ހަވާލުކުރުން ލަސްކުރުމުގެ ބޭނުމުގައެވެ. މި ދައުވާތަކަކީ ކުރިޔަށް އޮތް އިންތިޚާބުތަކާ ހަމައަށް ފްލެޓު ދިނުން ލަސްކޮށް، އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ފްލެޓުތައް ބޭނުން ކުރުމުގެ ނުބައި ނިޔަތުގައި ސަރުކާރުގެ ނުފޫޒުން އުފުލާ ދައުވާތަކެކެވެ." މި މައްސަލައިގައި "ސަން"އާ ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވެފައިވަނީ އިދާރީ ކުށެއް އޮތަސް، ގަވައިދާ ޚިލާފަށް 'ނުބައި ކަމެއް' އޭނާ ނުކުރައްވާ ކަމަށެވެ. https://sun.mv/206857 މިދިޔަ ސަރުކާރުން އިއުލާންކުރި ފްލެޓު ލިބޭ 4،939 މީހުންގެ ލިސްޓު މުރާޖާ ކުރުމަށް ފަހު މި އަހަރުގެ 27 ފެބްރުވަރީގައި މި ސަރުކާރުން ލިސްޓު އާންމުކުރިއިރު، އޭގައި ޝަރުތު ހަމަވާ ކަމަށް އޮތީ 1،820 މީހުންނެވެ. އެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވައިލި މުއްދަތުގައި 8،000އަށްވުރެ ގިނަ ޝަކުވާ ހުށަހެޅިއެވެ. މިދިޔަ ބުރާސްފަތީގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ފްލެޓުތައް ދޭނީ ކުރީ ސަރުކާރުން އެކުލަވައިލި ދާއިމީ ލިސްޓަށް ބަލައިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ