ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމް އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް ރެޖިސްޓްރީވެވޭ ގޮތަށް ސިޔާސީ ޕާޓީގެ ގަވާއިދު އިސްލާޙުކޮށް އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރައްވައިފިއެވެ.
މީހާއަށް ނޭނގި އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ މައްސަލަތަކެއް މިދިޔަ އަހަރުގެ ފަހުކޮޅު ފެން މަތިވިއެވެ. މި ކަން ހައްލުކުރުމަށް އެކި ފަހަރު މަތިން އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރެއްވި ނަމަވެސް މީހާއަށް ނޭނގި ޕާޓީއަށް ވައްދާ މައްސަލައަށް ދާއިމީ ހައްލެއް ގެނެވިފައެއް ނުވެއެވެ.
ނަމަވެސް އީ-ފާސް މެރުވެރިކޮށް ޕާޓީތަކުގެ ދަފްތަރުގައި ރެޖިސްޓްރީވުމަށް އެދި ހުށައެޅޭ ގޮތް ހެދުމަށް އޮޅުވާލައިގެން ޕާޓީއަށް ވައްދާ މައްސަލަ އެއްކޮށް ހައްލުވާނެކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ. މިހާރު ޢަމަލުކުރަން ފަށާފައިވާ ސިޔާސީ ޕާޓީގެ ގަވާއިދުގައި މި ބަދަލު ވަނީ ގެނެސްފައެވެ.
މި ގަވާއިދުގައި ވަނީ ސިޔާސީ ޕާޓީ އުފެއްދުމަށް ހުއްދަދޭ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި މަދުވެގެން 3,000 މީހުންގެ މައުލޫމާތު އިލެކްޝަން ކޮމިޝަނުގެ "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ހުށައަޅަންވާނެ ކަމަށެވެ. ސިމެދަ ޕޯޓަލަކީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓައި ސިޔާސީ ޕާޓީގެ މެންބަރުންގެ ދަފުތަރަށް މީހުން ވެއްދުމާއި މީހުން އުނިކުރުމަށް ޤާއިމުކޮށްފައިވާ އިލެކްޓްރޯނިކް ޕްލެޓްފޯމެވެ. މި ޕްލެޓްފޯމަށް އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް ރެޖިސްޓްރީވެވޭނެއެވެ.
ގަވާއިދުގައިވާ ގޮތުން އަލަށް ސިޔާސީ ޕާޓީގެ މެންބަރަކަށް ވުމަށް އެދޭ ފަރާތްތަކުން އީފާސް މެދުވެރިކޮށް ހުށަހަޅާއިރު، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުގައިވާ އެ ފަރާތުގެ މައުލޫމާތު، އިލެކްޝަންސް ކޮމިޝަނުން ބޭނުންވެއްޖެ ހިނދެއްގައި ހޯދުމަށް އިއުތިރާޒު ނުކުރާކަމުގައި އިޤުރާރުވާންވާނެއެވެ.
ސިޔާސީ ޕާޓީގައި ދަފުތަރުކުރުމަށް "ސިމެދަ" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށައަޅާ ފަރާތްތަކުގެ މައުލޫމާތު ސިޔާސީ ޕާޓީތަކުން 10 އަހަރު ވަންދެން ބަލަހައްޓަންވާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ހުށަނޭޅޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ސިޔާސީ ޕާޓީގައި ދަފުތަރުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ގޮތެއް ކަނޑައަޅައި އާންމުކުރަންވާނެކަމަށް ގަވާއިދުގައިވަނީ ބަޔާންކޮށްފައެވެ. މި ގަވާއިދުގެ ދަށުން ސިމެދަ ޕޯޓަލް ބޭނުންކުރުމުގެ ހުއްދަ ދޭނީ އެކަމަށް އެދި އީސީއަށް ހުށައެޅުމުންނެވެ.
ގެނެސްފައިވާ ބަދަލުތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިއަދުން ފެށިގެން އަމިއްލަ ފަރާތްތަކަށް މައިޕޯޓަލް މެދުވެރިކޮށް ޕާޓީތަކުގައި ދަފްތަރުވުމަށް ހުށައެޅޭނެ ކަމަށެވެ. އަދި ޕާޓީއަކަށް ވަނުމަށް އެދި ހުށައެޅުމުން، ސިމެދަ ޕޯޓަލް މެދުވެރިކޮށް ސިޔާސީ ޕާޓީއަށް އެންގޭނެކަމަށް ކޮމިޝަނުން ވިދާޅުވިއެވެ. އެއަށްފަހު އެ ޕާޓީއަކުން އެޕްރޫވްކުރުމުން، ޕާޓީގެ ދަފްތަރުގައި ރެޖިސްޓްރީވެވޭނެކަމަށް އީސީން ވިދާޅުވިއެވެ. އީ-ފާސް މެދުވެރިކޮށް މައިޕޯޓަލް ބޭނުންކުރެވޭނެއެވެ.
ޕާޓީތަކަށް ދެން ރަޖިސްޓްރީވެވޭނީ މައިޕޯޓަލް މެދުވެރިކޮށް އީ-ފާސް ބޭނުންކޮށްގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ