ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދަދު ހިފެހެއްޓުމަށް ގެންނަ އިސްލާހުގެ ތެރެއިން މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްސަކުރަން ދިރާސާ ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވަނީ ސަރުކާރުން ޤާނޫނުތަކަށް ގެންނަ އިސްލާހުތައް އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓާއި، ގުޅިފައިވާކަން ފާހަގަކުރައްވާފައެވެ.
އަންނަ އެޕްރީލް މަހު 4ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބާއެކު އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގާނެއެވެ. މި ވޯޓަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ފެންނަތޯ ބެލުމަށް ނަގާ ވޯޓެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެންނަ ނުފެންނަ ވޯޓަށްފަހު، ގުޅިގެން ޤާނޫނުތަކަށް ގިނަ އިސްލާހުތަކެއް ގެނައުމަށް ސަރުކާރުން ގަސްތުކޮށް އެކަމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ޤާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
އޭގެ ތެރެއިން އެއް އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ މައްސަލަ ހައްލުކުރުމަށް ގެންނަ އިސްލާހެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އިސްލާހު ގެނައުމުގެ ކަންކަން ރައްޔިތުންގެ އާންމު ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާގެ މައްޗަށް ބިނާވެފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅުވައި، ގެންނަ ބައެއް އިސްލާޙުތައްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. މީގެ ތެރޭގައި ރިޔާސީ ދައުރު ނޮވެމްބަރު މަހުގެ 11ވަނަ ދުވަހު ފެށުމަށް ގެންނަ އިސްލާހާއި ރާއްޖޭގައި ބާއްވާ ރިޔާސީ އިންތީޚާބު އެއް ބުރުން ކުރިއަށް ގެންދިއުމަށް ޕްރިފަރެންޝަން ވޯޓިންގ ނިޒާމަކަށް ދިއުމާއި ގުޅޭ އިސްލާހެއްވެސް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ޕްރިފަރެންޝަލް ވޯޓިންގ ނިޒާމާއި ގުޅޭ ދިރާސާތައް މިހާރު ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މަޖިލީހުގައި މެންބަރުން ތިބޭ ނިސްބަތް ކަނޑައެޅުމުގައި ޒުވާނުންނާއި އަންހެނުންނަށް ޚާއްސަ ގޮނޑިތަކެއް ކަނޑައެޅުމާއި ގުޅޭ އިސްލާހެއް ގެނައުމަށް ގަސްތުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
"އެއްކަމަކީ މަޖިލީސް މެންބަރުގެ އަދަދުގެ ތެރޭގައި ވަކި އިންސައްތައެއް އެއީ 30 އަހަރުންގެ ދަށުގެ ޒުވާނުން ކަމުގައި ކަނޑައެޅުން. މިހާރު ނޯންނާނެ ވަކި އިންސައްތައެއް ޒުވާނުންނަށް ހެދުން މަޖުބާރުވާކަށެއް. އެހެންވީމަ މަޖިލީސް މެންބަރުންގެ ތެރެއިން ދިރާސާކޮށްގެން ނިންމާ އަދަދެއް އަޅުގަނޑުމެން ގަސްތުކުރަނީ އެއީ ޒުވާނުން ގޮތުގައި ކަނޑައަޅަން. ހަމަ އެފަދައިން ވަކި އިންސައްތައެއް އެއީ އަންހެނުން ކަމަށް ކަނޑައަޅަން. ކައުންސިލް ކޮމްޕޮޒިޝަންގައި އެބައޮތް އަދަދެއް އަންހެނުން އެހެނަސް އެމްޕީސްއަކަށް ނެތް." ރައީސުލްޖުމްހޫރިއްުޔާ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިފަދަ ބަދަލުތައް ގެނެވޭނީ ޤާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން ކަމަށާއި ނަމަވެސް، މި ބަދަލުތަކަކީ އިތުރު ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ފަދަ ބަދަލުތަކެއް ނޫން ކަމަށެވެ.
ސަރުކާރުގެ ރިފޯމް ޕެކޭޖުގައި މި ނޫންވެސް އިތުރު ކަންކަން ހިމެނިގެން އެކަމުގެ މަސައްކަތްތައް ކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އޭގެ ތެރޭގައި މިހާރު ހުރި މިނިވަން މުޢައްސާސާތަކުގެ މިނިވަންކަން އިތުރަށް ކަށަވަރުކުރުމަށް ޤާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމަށާއި، ޖުޑީޝަރީގެ މިނިވަންކަން ކަށަވަރުކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ހިމެނޭކަމަށް ކަމަށެވެ. ޖުޑީޝަރީއަށް ގެންނަ އިސްލާހުގެ ތެރޭގައި ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމާއި، އިތުރު ވަސީލަތްތައް ފޯރުކޮށްދިނުމާއި ފަނޑިޔާރުންގެ ފެންވަރު މަތިކުރުން ފަދަ ކަންކަންވެސް ހިމެނޭނެކަން ރައީސުލްމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މި ބަދަލުތައް ގެނައުމަށް އަލަށް ހަދަންޖެހޭ ޤާނޫނުތައް ހަދައި، މިހާރު ހުރި ޤާނޫނުތަކަށް އިސްލާހު ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްސަކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ