ތެލުގެ އަގަށް ކޮންމެ ދުވަހަކުވެސް ތަފާތުތަކެއް އަންނަމުންދާ ކަމަށާއި އެކަން ގާތުން ބައްލަވައި، އާންމު ރައްޔިތުންނަށް އޭގެ އަސަރު ވީހާވެސް ކުޑަކުރެވޭނެ ގޮތްތައް ބައްލަވަމުންގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ތެލުގެ އަގަށް ކޮންމެ ދުވަހަކުވެސް ތަފާތުތަކެއް އަންނަމުންދާ ކަމަށާއި އެކަން ގާތުން ބައްލަވައި، އާންމު ރައްޔިތުންނަށް އޭގެ އަސަރު ވީހާވެސް ކުޑަކުރެވޭނެ ގޮތްތައް ބައްލަވަމުންގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރުތައް އާންމު ރައްޔިތުންނަށް ވީހާވެސް ކުޑަކުރުމަށްޓަކައި ސަރުކާރުން ތެލުގެ ވިޔަފާރީގައި އުޅޭ އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމާއެކު، ރާއްޖޭގެ އިގުތިސޯދު އެންމެ ރަނގަޅުގޮތެއްގައި ބެލެހެއްޓޭނެ ގޮތަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މި ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ކުރާ އަސަރުތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި އަދި ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހަކު މިކަމާގުޅޭ ވަޒީރުންގެ ޚާއްޞަ ކޮމިޓީން ބައްދަލުކުރައްވައި މަޢުލޫމާތު ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.
ދުރު ރާސްތާއަށް ވިސްނަވައި، ދިވެހިރާއްޖޭގައި ނެޝަނަލް އޮއިލް ރިޒަރވެއް ގާއިމުކުރުމަށްޓަކައި ކުރެވޭނެ ކަންތައްތަކުގެ ދިރާސާ ކުރުމުގެ މަސައްކަތްތައް ފެށިފައިވާ ކަމަށާއި އޭގެ ވިސްނުމަކީ ރާއްޖޭގެ ތިން ސަރަހައްދެއްގައި، ތިން ފިޔަވައްސަކަށް ބަހާލައިގެން، ދޮޅު އަހަރު ނުވަތަ ދެ އަހަރުން ފިޔަވައްސެއް ނިންމޭގޮތަށް، ތެލުގެ ރިޒަރވެއް ގާއިމުކުރުމުގެ މަސައްކަތް ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ތެލުގެ މި ރިޒަރވް ގާއިމުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މިއީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުފަދަ ފަންޑެއް ކަމަށާއި އެހެންނަމަވެސް އެއީ ތެލުގެ ރިޒަރވެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި ކާޑުގެ ދަތިކަމެއް ނެތި ކުރީގައިވެސް އޮތްގޮތަށް، ހަނޑޫ، ހަކުރު، އަދި ފުށް އެތެރެކުރެވި، ސްޓޮކް ބެލެހެއްޓެމުންދާ ކަމަށާއި އިރާދަކުރެއްވިއްޔާ ކާޑުގެ ބާވަތްތަކުގެ އަގުތައްވެސް އެއް ހަމައެއްގައި ހިފެހެއްޓޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖޭގައި ކާބޯތަކެތި އުފެއްދުމާއި ފުޑް ސެކިއުރިޓީ ސިޔާސަތު އިތުރަށް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން މިކަމުގައި އިންސެންޓިވްތައް ދީގެން ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދުމަށް އިންވެސްޓްކުރުމަށް ބޭނުންވާ އަމިއްލަ ފަރާތްތަކަށް ޚާއްސަ އިނާޔަތްތަކެއް ދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން ހިލޭ ބިން ދިނުމާއި، ޓެކުހަށް ލުއި ދިނުމަށް ވިސްނަވާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ގްރޮސް ރިޒަރވް 1.2 ބިލިއަން ޑޮލަރަށް ވުރެ މަތީގައި ދެމެހެއްޓޭ ކަމަށާއި ޔޫސަބަލް ރިޒަރވްވެސް 300 މިލިއަން ޑޮލަރަށް ވުރެ މަތީގައި ދެމެހެއްޓި އަދި ސުކޫކް ޕޭމަންޓް ދެއްކުމަށް ކުރިންވެސް ނިންމާފައިވާ ތާރީޚު ކަމަށްވާ 8 އޭޕްރިލް ގައި ދެއްކުމާމެދު އަދިވެސް ތަފާތެއް ނާންނަކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތަރައްޤީގެ މަޝްރޫޢުތަކަކީ އެކިއެކި މޮޑެލްތަކުގެ ތެރެއިން ކުރިއަށްގެންދަވާ މަޝްރޫޢުތަކެއް ކަމަށާއި އެގޮތުން ބޭރުގެ ހިލޭ އެހީއާއި ބޭރުގެ ލޯނު ފެސިލިޓީތަކުގެ އެހީގައި އަދި ކޮންޓްރެކްޓަރ ފައިނޭންސިންގ މޮޑެލްގެ ދަށުން ކުރިއަށްދާ މަޝްރޫޢުތައް މަޑުޖެހުމެއްނެތި ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ މަސައްކަތްތައް ނިންމުމަށްޓަކައި މިއަހަރުގެ ބަޖެޓުގެ ތެރެއިން ކަނޑައަޅާފައިވާ ގޮތަށް އެކަން ކުރުމުގައި ވަރަށް ބޮޑަށް އިސްކަންދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އަލަށް ފެށުމަށް ދެން ހުރި މަޝްރޫޢުތައް ނިސްބަތުން މިހާރު މަދުކަމަށާއި މި މަޝްރޫޢުތަކުގެ ތެރެއިން ދެން މިއަހަރު އިސްކަންދީގެން ކުރިއަށް ގެންދާނީ ކޮން މަޝްރޫޢުތަކެއްކަން ނިންމަވާނެކަމަށާއި، އެގޮތުން ކުރިއަށް ފަށަންހުރި މަޝްރޫޢުތަކުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ބޯހިޔާވަހިކަމަށާއި އެއަށްފަހު ޞިއްޙީ ދާއިރާއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ދަތުރުފުޅެއް ކުރައްވަން ޖެހިވަޑައިގަތުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު، ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް، އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާނޭކަމަށް ވިދާޅުވެފައެވެ. މިއީ، މިގޮތުން ބޭއްވެވި، ދެވަނަ ބައްދަލުކުރެއްވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ