2 ކެޓަގަރީއަކުން ގޯއްޗާއި ފްލެޓަށް އެދެން ފަށާ ތާރީހު ފަސްކޮށްފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓު ދޫކުރާ ދެ ކެޓަގަރީއަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން އަންނަ މަހުގެ 1 ވަނަ ދުވަހަށް ފަސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ހައުސިން މިނިސްޓްރީން މިއަދު ބުނީ 'ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ'ގެ ދަށުން ފުލެޓަށް އެދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމާއި 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ 'ގޯތިގެދޮރު' ޕްރޮގްރާމުގެ 'ބިންވެރިޔާ' ހާއްސަ ސްކީމަށް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާ ތާރީހު އަންނަ މަހު 1ގެ 11 ޖަހާއިރަށް ފަސްކޮށްފައިވާ ކަމަށެވެ.
ތަފްސީލް - 'ބިންވެރިޔާ' ސްކީމުގެ ދަށުން އެހެން ފަރާތަކާ ގުޅިގެން ފޯމު ހުށަހަޅައިގެން ގޯތި ލިބުނު މީހުންގެ ތެރެއިން އެ ފޯމުގައި ގުޅިފައިވާ ހުރިހާ އެންމެން އެ ގޯތި އެއްކޮށް ދޫކޮށްލަން އެއްބަސްވާ ނަމަ، ގޯތި ލިބުނު ކޮންމެ މީހަކަށް ވަކި ގޯއްޗެއް ލިބޭ ގޮތަށް އުސޫލެއް ވަނީ އެކުލަވާލައިފަ އެވެ.
މި އުސޫލުގެ ދަށުން ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮތުމުގެ ސަބަބުން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވޭ މީހުންނަށް ވެސް ގޯއްޗަށް ކުރިމަތިލެވޭނެ އެވެ. އެގޮތުން:
މި އުސޫލުގެ ދަށުން ގޯތި ދޫކުރާނީ ރަސްމާލެއިން
ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓު
މި އުސޫލުގެ ދަށުން ގޯއްޗަށް ޝަރުތުހަމަވާނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބުމުގެ ޝަތުރުތައް ހަމަވެ، ޖޮއިންޓް އެޕްލިކޭޝަނުގައި ގޯތި ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންނަށެވެ. އަދި އެ ގޯތި ލިބުނު އެންމެން އެ ގޯތި ދޫކޮށްލުމަށް އެއްބަސްވުމަކީ ވެސް ޝަރުތެއް ކަމަށް އުސޫލުގައިވެ އެވެ.
މީގެ އިތުރުން، ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން ފްލެޓު ލިބިފައިވާ މީހުންގެ ތެރެއިން ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ކުރިމަތިލުމަށް ޝަރުތު ހަމަނުވި މީހުންނަށް ވެސް އާ އުސޫލުގެ ދަށުން ގޯއްޗަށް ކުރިމަތިލެވޭނެ އެވެ. އަދި ބިންވެރިޔާ ސްކީމުން ގޯތި ބިފައިވާ މީހުންގެ ތެރެއިން އެ ގޯތި ހަވާލުކޮށްފައިވާ އަދި ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އެ މީހަކަށް ލިބިފައިވާ ފުލެޓު ދޫކޮށްލާނެ ކަމަށް އެއްބަސްވާ މީހުންނަށް ވެސް އާ އުސޫލުގެ ދަށުން ގޯއްޗަށް ކުރިމަތިލެވޭނެ ކަމަށް އުސޫލުގައިވެ އެވެ.
މި އުސޫލުގެ ދަށުން ގޯތީގެ އެލޮކޭޝަން ހެދުމުގައި އަމަލުކުރާނެ އުސޫލު ކަނޑައަޅާނީ، ޝަރުތު ހަމަވާ މީހުންގެ އަދަދަށާއި ދޫކުރާ ގޯތީގެ އަދަދަށް ބަލާ ހައުސިން މިނިސްޓްރީން ކަމަށް އުސޫލުގައިވެ އެވެ.
މީގެ އިތުރުން، ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ 'އާއިލީ ބޯހިޔާވަހިކަން' ޕްރޮގްރާމުގެ ދަށުން ދޫކުރާ ފްލެޓުތަކަށް ކުރިމަތިލުމަށް ހާއްސަ ކެޓަގަރީއެއްގެ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ ހަމަޖައްސައި އެ ކެޓަގަރީއަށް ވަކިން ފޯމު ހުށަހަޅޭ ގޮތަށް ވަނީ ހަދައިފަ އެވެ.
މީގެ ކުރީގެ އުސޫލުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމަނާފައި އޮތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ހާއްސަ އިސްކަންދޭ ކެޓަގަރީތަކުގެ ތެރޭގަ އެވެ. މިހާރު މި ވަނީ މިއީ ވަކި ކެޓަގަރީއެއްގެ ގޮތަށް ހަމަޖައްސައިފަ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޫކުރާ ފްލެޓަށް ކުރިމަތިލާއިރު ޑިސްއެބިލިޓީ ރެޖިސްޓްރީގައި ހިމެނޭކަމުގެ ލިޔުން ހުށަހަޅަން ޖެހެ އެވެ. ނުވަތަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގައި ބުނާ ފަދަ ނުކުޅެދުންތެރިކަމެއް ހުންނަ މީހެއްކަން ސާބިތުކޮށްދިނުމަށް ސިއްހީ ހިދުމަތްދޭ މަރުކަޒަކުން، ލައިސަންސް ލިބިފައިވާ ޕްރެކްޓިޝަނަރަކު ދޫކޮށްފައިވާ ލިޔުމެއް ހުށަހަޅަން ޖެހެ އެވެ.
މި ކެޓަގަރީއަށް ކުރިމަތިލެވޭނީ ނުކުޅެދުންތެރިކަން ހުރި ފަރާތް ނުވަތަ އެ ފަރާތުގެ އާއިލާގެ މާލީ ހާލަތު ހުރި ގޮތުން ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތުމާ އެކު، އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަށް އެ ފަރާތަކުން ދިރިއުޅެމުންދާ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން ފަރުވާ ހޯދުމަށް އާންމު ގޮތެއްގައި މާލެ ސަރަހައްދަށް އަންނަން ޖެހުމާ އެކު މާލެ ސަރަހައްދުން ފާއިތުވި އަހަރު ތެރޭ ފަރުވާ ހޯދާފައިވާ މީހުންނަށެވެ.
ނޫން ނަމަ އެއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތަކަށް ވެފައި މި ސަރަހައްދުން އެންމެ މަދުވެގެން މިދިޔަ އެއް އަހަރު ތެރޭ ފަރުވާ ހޯދާފައިވާ މީހަކަށް ވާން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ