އެޕްރީލް މަހު ބާއްވާ ފެންނަ ނުފެންނަ އިންތިޚާބުގެ ނަތީޖާއަށް ރިއާޔަތްކުރައްވައި، މުހިންމު ޤާނޫނީ އިޞްލާޙުތަކެއް ހުށައެޅުއްވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

އެޕްރީލް މަހު ބާއްވާ ފެންނަ ނުފެންނަ އިންތިޚާބުގެ ނަތީޖާއަށް ރިއާޔަތްކުރައްވައި، މުހިންމު ޤާނޫނީ އިޞްލާޙުތަކެއް ހުށައެޅުއްވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނަމަ، ހިނގަމުންދާ މަޖިލީހުގެ ޢުމުރަށް ބަދަލު އަންނާނޭ ކަމަށާއި، ރައްޔިތުންގެ ފެންނަ ނުފެންނަ އިންތިޚާބަކީ، ހިނގަމުންދާ މަޖިލީހުގެ ޢުމުރަށް ބަދަލު އަންނާނޭ ޙާލަތެއް މެދުވެރިވެދާނެ އިންތިޚާބެއްކަމުގައި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދެ އިންތިޚާބު އެއްކޮށްލުމަށް ރައްޔިތުން ނިންމަވައިފިނަމަ، ސަރުކާރުގެ ރީފޯމް ޕެކޭޖުގައި ހިމެނޭ އެހެނިހެން އިޞްލާޙުތަކެއްވެސް ހުށަހެޅުއްވުމަށް ގަސްދުކުރައްވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
އެގޮތުން، އާބާދީ އިތުރުވާ މިންވަރަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރުވާ ގޮތަށް އޮތް އޮތުން އިޞްލާޙުކުރެއްވުމަށް ހުށަހެޅުއްވުމަށް ނިންމަވައި، އެ އިޞްލާޙާއެކު، މަޖިލީހުގެ ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުން ކަމުގައި ކަނޑައަޅައި ވަކި އިންސައްތައެއް އެއީ އަންހެނުންކަމުގައި ކަނޑައެޅުމަށް ހުށައެޅުއްވުމާމެދު ދިރާސާކުރައްވަމުންގެންދަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އެއްބުރުން ރިޔާސީ އިންތިޚާބު ބޭއްވުމާބެހޭ ޕްރިފަރަންޝަލް ވޯޓިންގ ސިސްޓަމްގެ ދިރާސާވެސް ކުރައްވަމުން ގެންދަވާ ކަމަށާއި، ރިޔާސީ ދައުރު ފެށޭ ދުވަހަކީ ނޮވެންބަރު މަހުގެ އެގާރަވަނަ ދުވަސްކަމުގައި ކަނޑައެޅުއްވުމާ ގުޅޭ އިޞްލާޙާ ބެހޭ މަސައްކަތްތައްވެސް، ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މުޅި ނިޒާމަށް ގެންނަންޖެހޭ އިޞްލާޙުތަކުގައި ހިމެނިގެން، މިނިވަން މުއައްސަސާތަކުގެ މިނިވަންކަން އިތުރުކުރުމަށާއި، ޝަރުޢީ ދާއިރާގެ މުސްތަޤިއްލުކަން ކަށަވަރު ކުރުމަށް، ޤާނޫނުތަކަށް ގެނެވޭ އިޞްލާޙުތައްވެސް ހުށަހަޅުއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި ސިޓިޒެންސް ކޮމްޕްލެއިންސް ބިއުރޯގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި، ޖުލައިމަހު، އެ އިދާރާ އުފައްދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ