ގޭހުގެ އައު ޝިޕްމަންޓް ލިބި، މޯލްޑިވް ގޭސްއިން 10 ކިލޯގެ ގޭސް ފުޅި އަލުން ވިއްކަން ފަށައިފި
ރާއްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އައު ޝިޕްމަންޓް ލިބި، ގޭސް ލިބުމުގައި ދިމާވި ދަތިތައް އެއްކޮށް ހައްލުކޮށްފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު ބުނެފިއެވެ. އެ ކުންފުނީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އައު ޝިޕްމަންޓާއެކު މޯލްޑިވްސް ގޭސް މެދުވެރިކޮށް މިހާރު އާންމުކޮށް 10 ކިލޯގެ ގޭސް ފުޅި އެއްވެސް ދަތިކަމެއް ނެތި ލިބެން ހުންނާނެ ކަމަށެވެ. މޯލްޑިވްސް ގޭސްއިން މައުލޫމާތު ދޭ ގޮތުގައި، ރާއްޖެއަށް ބޭނުންވާ ވަރަށް މިހާރު ގޭހުގެ ސްޓޮކް އެބަހުއްޓެވެ. އަދި ގޭސް ފޯރުކޮށްދިނުމުގެ މަސައްކަތް އެއްވެސް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ. މިދިޔަ މަހާއި މި މަހުގެ ތެރޭގައި ޝިޕްމަންޓް ލިބުން ލަސްވުމުގެ ސަބަބުން މާލެއާއި އަތޮޅުތެރޭގެ ރަށްރަށަށް ގޭސް ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. ގޭސް އޯޑަރު ކުރުމަށްފަހު ޑެލިވަރީ ނުލިބި އެތައް ގަޑިއިރެއް ހޭދަވާކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ. ނަމަވެސް، އައު ޝިޕްމަންޓާއެކު މިހާރު ޑެލިވަރީގެ ހިދުމަތްވެސް އާންމު ހާލަތަކަށް ގެނެވިފައިވާ ކަމަށް އެސްޓީއޯއިން ފާހަގަކުރެއެވެ. މި ފަހުން ގޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވީ، ބައިނަލްއަގުވާމީ ބާޒާރުގައި ތެލާއި ގޭހުގެ ސަޕްލައިއަށް އައި ލޮޅުންތަކަކާ ގުޅިގެންނެވެ. ހާއްސަކޮށް މެދުއިރުމަތީގެ މަސްރަހު ހޫނުވުމުގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗޭނަށް ކުރިމަތިވި ހުރަސްތަކާއެކު، ރާއްޖެއަށް ގޭސް ގެނައުމުގައި ލަސްތަކެއް ދިމާވިއެވެ. މިކަމާ ގުޅިގެން، ސްޓޮކް އެއްކޮށް ހުސްވިޔަ ނުދީ ހިފެހެއްޓުމުގެ ގޮތުން މޯލްޑިވް ގޭސްއިން ވަނީ ވަގުތީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، 10 ކިލޯގެ ގޭސް ފުޅިއަށް އެންމެ ފަސް ކިލޯގެ ގޭސް އަޅައިގެން 100 ރުފިޔާއަށް ވިއްކުމަށް އެ ކުންފުނިން ނިންމިއެވެ. މީގެ އިތުރުން، އެ ދުވަސްވަރު އައު ކަސްޓަމަރުންނަށް ގޭސް ދޫކުރުންވެސް ވަގުތީ ގޮތުން މެދުކަނޑާލިއެވެ. މި ފިޔަވަޅުތަކަކީ އެންމެންނަށް ހަމަހަމަކޮށް ގޭސް ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅުތަކެއް ކަމަށް އޭރު ކުންފުނިން ބުނެފައިވެއެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަކީ ކުންފުނީގެ އެންމެ ބޮޑު އަމާޒު ކަމުގައި އެސްޓީއޯއިން ވަނީ ތަކުރާރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ