ތެލާއި ގޭހުގެ ގޮންޖެހުންތައް 1970ގެ ކާރިސާއަށް ވުރެ ނުރައްކާ: އައިއީއޭ

ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ހަކަތައިގެ ގޮންޖެހުންތަކަކީ 1970ގެ އަހަރުތަކުގައި ކުރިމަތިވި ތެލުގެ ތަދުގެ ދުވަސްވަރާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ދަތިތަކަށް ވުރެ ވެސް މާ ނުރައްކާތެރި ހާލަތެއް ކަމަށް އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ)ގެ އިސްވެރިޔާ މިއަދު ވިދާޅުވެއްޖެ އެވެ.
އައިއީއޭގެ އެގްޒެކެޓިވް ޑައިރެކްޓަރު ފާތިހު ބިރޯލް ވިދާޅުވީ، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ތެލާއި ގޭސް ފޯރުކޮށްދިނުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އޮސްޓްރޭލިއާގައި ބޭއްވި ހަރަކާތެއްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މިހާރުގެ ހާލަތަކީ މީގެ ކުރިން ކުރިމަތިވި ތެލުގެ ދެ ކާރިސާ އާއި ގޭހުގެ ބޮޑު ތަދެއް އެއްފަހަރާ ކުރިމަތިވުން ކަމަށެވެ.
އައިއީއޭ އިން ބުނި ގޮތުގައި، ހޯރްމޫޒް ކަނޑުއޮޅި ބަންދުވުމާއި ހަކަތަ އުފައްދާ ވަސީލަތްތަކަށް ދެވުނު ހަމަލާތަކުގެ ސަބަބުން، ދުނިޔޭގެ ބާޒާރަށް ދުވާލަކު ނެރޭ ތެލުގެ މިންވަރުން ގާތްގަނޑަކަށް 11 މިލިއަން ފީފާ ވަނީ މަދުވެފަ އެވެ. މިއީ 1970ގެ އަހަރުތަކުގައި ކުރިމަތިވި ތެލުގެ ގޮންޖެހުންތަކާ އަޅާބަލާއިރު ދެގުނަ އިތުރު މިންވަރެކެވެ. މީގެ އިތުރުން، އެލްއެންޖީ) ފޯރުކޮށްދޭ މިންވަރުން ވެސް ގާތްގަނޑަކަށް 140 ބިލިއަން ކިއުބިކް މީޓަރު ވަނީ އުނިވެފަ އެވެ.
ބިރޯލް ފާހަގަކުރެއްވި ގޮތުގައި، ނުވަ ގައުމެއްގެ 40އަށް ވުރެ ގިނަ ހަކަތަ އުފައްދާ މަރުކަޒުތަކަށް ވަނީ ގެއްލުން ލިބިފަ އެވެ. މިއީ ދުނިޔޭގެ އިގްތިސާދަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
މިދިޔަ މަހުގެ 28ގައި މި ހަމަނުޖެހުންތައް ފެށުނު ފަހުން ތެލުގެ އަގު ވަނީ %50އަށް ވުރެ މައްޗަށް ގޮސްފަ އެވެ. މިކަމާ ގުޅިގެން ގައުމުތަކުގެ ސަރުކާރުތަކުން ދަނީ ރައްކާކޮށްފައިވާ ކުއްލި ބޭނުންތަކަށް ބަހައްޓާފައި ހުރި ތެޔޮ ބޭނުންކުރުމާއި ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ.
ބިރޯލް ވިދާޅުވީ، ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް އުފުލާ ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަކީ ބާޒާރު ހަމައަކަށް އެޅުވުމަށް އޮތް އެންމެ މުހިންމު ހައްލު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ