ފުލުހުންގެ ކޮމިޝަނަރުކަމަށް އެއްވެސް މީހަކު ކުރިމަތި ނުލުމުން، އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
ފުލުހުންގެ ކޮމިޝަނަރުކަމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާން އޮތީ މިއަދުގެ މެންދުރުފަހު 2:00 އަށެވެ. ނަމަވެސް، މި ހަބަރު ޝާއިއު ކުރުމާ ހަމައަށް ވެސް އެއްވެސް މީހަކު އެ މަގާމަށް ކުރިމަތިލާފައި ނުވާކަން އަދަދު އަށް އެނގިފައިވެ އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހާ ވާހަކަ ދެއްކި އެ ކަމުގެ މައުލޫމާތު އެނގޭ މީހަކު ބުނީ ފުލުހުންގެ ކޮމިޝަނަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރީ މާޗު 26، ގެ ނިޔަލަށް ހަމައަށް ކަމަށެވެ.
ފުލުހުންގެ ގާނޫނުގައި ބަޔާން ކޮށްފައި ވާގޮތުން، ފުލުހުންގެ ކޮމިޝަނަރުކަމުގެ މަގާމު ހުސްވެއްޖެ ނަމަ، އެ މަގާމު ހުސްވާ ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަނުކުރަން ޖެހޭނެ އެވެ.
ފުލުހުންގެ ކޮމިޝަނަރުކަމުގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން، އެ މަގާމުން އިސްތިއުފާ ދެއްވީ، ފެބްރުއަރީ 18، ގަ އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވަ އެވެ. އޭނާ އަކީ މި ދައުރުގައި ރިޓަޔާ ކުރެއްވި ދެ ވަނަ ޕޮލިސް ކޮމިޝަނަރެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް މި ސަރުކާރުން އެންމެ ފުރަތަމަ އައްޔަން ކުރީ އަލީ ސުޖާއު އެވެ. އެކަމަކު، އޭޕްރީލް، 2025، ގައި އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ރިޓަޔާ ކުރައްވައިފަ އެވެ.
ފުލުހުންގެ ކޮމިޝަނަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ މާޗު 5، ގަ އެވެ. އެ މަގާމަށް ކުތިމަތިލާނެ ކަމުގެ ޝައުގުވެރިކަން ހުރި ކަމަށް އަޑުތައް ފެތުރިފައި އޮތީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި އެސިސްޓެންޑް ކޮމިޝަނަރު އަހުމަދު ޝިފާން އާއި އަހުމަދު މުހައްމަދު (ޓޫފޯ) އެވެ.
ނަމަވެސް، އެ ތިން މީހުންގެ ވެސް ތަފާތު އެކި މައްސަލަތައް ފުލުހުންގެ ޕްރޮފޮޝެނަލް ސްޓޭންޑާޑްސް ކޮމާންޑާއި އެ ނޫން ވެސް ބައެއް އެހެން ތަންތަނުގައި އެބަހުރި ކަމަށް މި ނޫހާ ވާހަކަދެއްކި މަސްދަރުތަކުން ބުންޏެވެ.
މި ވަގުތު އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި، ފަރުހާދުގެ މައްޗަށް ތުހުމަތު ކުރެވޭ ސީރިއަސް ޖިނާއީ މައްސަލަތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި، ރޭޕް ކޭސްއެއްގައި ހިމެނޭ އޭނާގެ ދަރިފުޅު ސަލާމަތް ކުރަން ހެކި ނައްތާލިކަމުގެ ތުހުމަތު ހިމެނެ އެވެ. އަދި މިދިޔަ އަހަރު އޭނާގެ ދަރިފުޅު ހައްޔަރު ކުރުމުން އޭނާ ބަންދުން ދޫކޮށްލަން ނުފޫޒު ފޯރުވިކަމުގެ ތުހުމަތު ވެސް ފަރުހާދަށް ކުރެވެ އެވެ.
ޝިފާންގެ ޑިސިޕްލިން އަދި އެތިކަލް މައްސަލަތަކެއް ފުލުހުންގެ އެތެރެއިން މީގެ ކުރިން ވަނީ ބަލައިފަ އެވެ. އަދި އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި އޭނާއަށް ފިޔަވަޅު ވެސް ވަނީ އަޅައިފަ އެވެ. އޭނާގެ މައްސަލަތަކެއް މިފަހުން ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ.
ޓޫފޯއަކީ ފުލުހުންގެ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން މަގާމުން ވަކި ކުރަން ނިންމި ކޮމިޝަންޑް އޮފިސަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭނާއަށް އަލުން މަގާމު ދިނީ މި ސަރުކާރުންނެވެ.
ފުލުހުންގެ ގާނޫނުގެ 52 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން، ފުލުހުންގެ ކޮމިޝަނަރުކަމަށް ކުރިމަތިލާ މީހުންނާ ފުލުހުންގެ ބޯޑުން އިންޓަވިއުކޮށް އެ ފަރާތްތަކުގެ ގާބިލުކަން ވަޒަން ކުރަންޖެހޭނެ އެވެ.
އެ ގޮތުން، ކޮމިޝަނަރުކަމަށް ކުރިމަތިލާ މީހުންގެ ނަންތައް، ފުލުހުންގެ ބޯޑަށް ލިބުމުން އެ މީހުންނާ ގުޅޭގޮތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް މެދުވެރިކޮށް އެ މީހެއްގެ ޝަރުތު ހަމަވޭތޯ އާއި ކޮމިޝަނަރުގެ މަގާމަށް އެ މީހަކު އައްޔަނުކުރަން ނުފެންނަ އެއްވެސް ސަބަބެއް އޮތްތޯ ބެލުމަށްފަހު ރިޕޯޓެއް ތައްޔާރުކުރަން ޖެހެ އެވެ.
އެކަން އެހެން އޮއްވައި، މިދިޔަ ހަފުތާގައި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ވެރިޔަކަށް ހުންނެވި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު އެ މަގާމުން ވަކިކޮށް، އެ މަގާމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، ހުސެއިން ރަޝީދު ވަނީ އައްޔަނުކޮށްފަ އެވެ.
މިފަދަ ހައްސާސް ދަނޑިވަޅެއްގައި، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަން ނުކުރެވެނީސް، ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑްސްގެ ވެރިޔާ ބަދަލު ކުރީ ކީއްވެތޯ އަދަދު އިން ސުވާލު ކުރުމުން ފުލުހުން ބުނީ، އެ މަގާމަށް ބަދަލު ގެނައީ "އާންމު އުސޫލުން" ކަމަށެވެ.
"ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރީ ހިންގުމަށް އާންމު އުސޫލުން ގެންނަ ބަދަލުތަކުގެ ތެރެއިން، 2026 މާރިޗު 10 ވަނަ ދުވަހުން ފެށިގެން ހެޑް އޮފް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ މަގާމަށް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ރަޝީދު ވަނީ އައްޔަނުކުރައްވާފަ،" ފުލުހުން ބުންޏެވެ.
މި ހަބަރު ފުރަތަމަ ޝާއިއުކުރިއިރު މައުލޫމާތު ލިބިފައި އޮތީ އެެ މުއްދަތު އިތުރުކުރީ އެޕްރީލް 6، ގެ ނިޔަލަށް ކަމަށެވެ. ނަމަވެސް، އެ މައުލޫމާތުގެ ރަނގަޅު ގޮތަކީ މާޗު 26، ކަމަށްވާތީ ތިންވަނަ ޕެރެގްރާފުގެ ދެވަނަ ފޮޅުވަތުގައި އޮތް މުއްދަތު ބަދަލުކޮށްފައިވާނެ އެވެ.
ފުލުހުންގެ ކޮމިޝަނަރުކަމަށް މީހަކު ކުރިމަތި ނުލުމުން، ކުރިމަތިލާން އޮތް މުއްދަތު އިތުރުކޮށްފި ފުލުހުންގެ ކޮމިޝަނަރުކަމަށް މީހަކު ކުރިމަތި ނުލުމުން، ކުރިމަތިލާން އޮތް މުއްދަތު އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ