އީރާނުން ހަމަލާ ދޭންވީ ސީދާ އިޒްރޭލަށް؛ ބޭނުންވާ ގޮތަކީ އެއީ: ރައީސް

މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގައި އީރާނުން ހަމަލާދޭންވީ ސީދާ އިޒްރޭލަށް ކަމަށާއި ރެ އާއި ދުވާލު ވެސް އީރާނުން އިޒްރޭލަށް ހަމަލާ ދިނުމަކީ ބޭނުންވާ ގޮތް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައިގައި ހަމަލާދޭ އެއްވެސް ފަރާތަކުން އެ ދެނީ ދީގެންވާނެ ހަމަލާއެއް ނޫން ކަމަށެވެ.
ތަފްސީލް - ރައީސް ވިދާޅުވީ މުސްލިމު އަރަބި ގައުމުތަކަށް ދޭ ހަމަލާތަކުގައި މަރުވެގެން ދާނީ ހަމަ މުސްލިމުން ކަމަށާއި ހަލާކުވާނީ ވެސް މުސްލިމުންގެ ތަންތަން ކަމަށެވެ.
"އީރާނުގެ ހަމަލާތައް އިޒްރޭލަށް އަދި މި ހަނގުރާމަ ކުރާ، އީރާނަށް ހަމަލާދޭ ދެ ފަރާތަށް، އެމެރިކާ އާއި އިޒްރޭލުގެ ތަންތަނަށް. އެ ސަރަހައްދުގައި މުސްލިމުންނަށް ގެއްލުން ނުވާ ގޮތަށް އެކަން ހިނގުމަކީ ކަންނޭނގެ މިކަން ވާންޖެހޭނެ ގޮތަކީ،" ރައީސް ވިދާޅުވި އެވެ.
އެއްވެސް ގައުމެއްގެ މިނިވަންކަމާއި އިގްތިސޯދަށް ގެއްލުންވާނެހެން ހަމަލާ ދިނުމަކީ ކޮށްގެންވާނެ ކަމެެއް ނޫން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަދި މުސްލިމު އެއްވެސް ގައުމަކަށް ދޭ އެއްވެސް ހަމަލާއަކީ މި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ހިލާފު ހަނގުރާމައެއް ކަމަށާއި ހަނގުރާމައާ ދިވެހި ސަރުކާރުން ކަނޑައެޅިގެން ދެކޮޅު ހަދާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އެމެރިކާ ސަރުކާރުގެ މަންދޫބާ އެކު މެދުއިރުމަތީގެ ހަނގުރާމައާ ގުޅޭ ގޮތުން ދައްކާނެ ވާހަކައެއް ވެސް ނޯންނާނެ ކަމަށެވެ. އެމެރިކާ މަންދޫބު ދައްކަވާ ވާހަކަ ވެސް ސާފު ވާނީ އެ ބޭފުޅާއާ ބައްދަލުކުރެއްވުމުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުންވަނީ ކޮބައިތޯ ބަލަން ދައްކަން ބޭނުންވާ ވާހަކައަކީ. މި ހަނގުރާމައާ ބެހޭ ގޮތުން ދައްކަންޏާ އަޅުގަނޑު ދައްކާނެ ވާހަކައެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހަނގުރާމައާ ގުޅޭ އެއްވެސް ކަމަކަށް ރާއްޖޭގެ އެއްވެސް ތަނެއް ދޫނުކުރާނެ ކަމަށެވެ.
"މިލިޓަރީ އެއްވެސް ބޭނުމެއް ކުރާކަށް، ރާއްޖެއިން އުދުހިގެންދާކަށް ވެސް، ރާއްޖޭގައި ޖައްސާކަށް ވެސް އަޅުގަނޑުމެން ނުދޭނަން ފުރުސަތެއް،" ރައީސް ވިދާޅުވި އެވެ.
"ރާއްޖެއިން އެއްވެސް ވަރަކަށް ފުރުސަތެއް ނުދޭނަން އިސްލާމީ ގައުމަކާ ދެކޮޅަށް ދޭ ހަމަލާއަކަށް ޖާގަ ދޭކަށެއް. އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން. އެ ހަނގުރާމަ ޖެހޭނީ މިހާރުން މިހާރަށް ހުއްޓެން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ