ރެފެރަންޑަމް ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެފި ރެފެރަންޑަމް ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެފި

ރިޔާސީ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ދެކޭ ގޮތް ދެނެގަތުމަށް އަންނަ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ މިއަދު ބަލައިގަނެފި އެވެ.
އެ ވޯޓާ ގުޅޭ ދެ މައްސަލައެއް ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފަ އެވެެ. އޭގެ ތެރެއިން ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުމުގެ މައްސަލަ ހުށަހެޅީ ގާނޫނީވަކީލުން ކަމަށްވާ އިބްރާހިމް ޝިޔާމް އާއި އައިކު އަހުމަދު އީސާ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި މިއަދު ވަނީ ރެޖިސްޓްރީ ކޮށްފަ އެވެ. އެ މައްސަލާގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެރެފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރާއި އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި އޮތް ސުވާލުގައި ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ގާނޫނުއަސާސީގައި ހިމެނި މާއްދާތަކުގެ އިމުގެ ބޭރުން ކަންކަން ވަނީ ހިމަނާފަ އެވެ.
"މުޅި ބިލު ތަސްދީގުކުރުމަށް ފެނޭތޯ އެހުމަކީ، ގާނޫނުއަސާސިއަށް ގެނެވޭ ހަގީގީ ބަދަލު ރައްޔިތުންނަށް ވަންހަނާ ވެގެންދާނޭ ގޮތަށް ފަރުމާކޮށްފައިވާ ސުވާލެއް. މި ސުވާލަކީ ގާނޫނުއަސާށީގެ 262 ވަނަ މާއްދާގެ (ށ) އިން ލާޒިމުކުރާ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލަކަށް ނުވާތީ، އެ ސުވާލުގެ މައްޗަށް ބިނާކޮށް އެޕްރީލް 4، 2026 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ބާއްވައިގެން ނުވާނެ ކަމަށް ކަނޑައަޅުއްވައި ދެއްވުން އެދި މައްސަލަ ހުށަހަޅަން،" ދައުވާ ފޯމުގައި ބުނެފައިވެ އެވެ.
ރައީސް އޮފީހަށް ރައްދުވާ ގޮތަށް ދެވަނަ މައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އަދި އެންމެ މަތީ ކޯޓުން ގޮތެއް ނުނިންމަ އެވެ.
އޭނާ ހުށަހެޅި ދުސްތޫރީ މައްސަލާގައި އެދިފައިވަނީ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ފާސްކުރި ގާނޫނުއަސާސިއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލަކީ ބާތިލު ބިލެއް ކަމަށް ކަނޑައަޅައި، ފެންނަ ނުފެންނަ ވޯޓަކީ ގާނޫނުއަސާސީގެ 264 މާއްދާއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އެޕްރީލް 4، ގައި ރެފެރެންޑަމް ވޯޓު ނަގާއިރު އެ ދުވަހު ލޯކަލް ކައުންސިލް އިންތިހާބު ވެސް ބާއްވަން އޮތީ ތާވަލުކޮށްފަ އެވެ. ކައުންސިލް އިންތިހާބާއި ރެފެރަންޑަމްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 294،937 މީހުންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ