ޚުޠުބާ: މާތް الله އަށް އެންމެ ބޮޑަށް ބިރުވެތިވެ، ތަޤްވާވެރިވާ މީހުންނަކީ، ޢިލްމު އުނގެނި އެ ޢިލްމާ އެއްގޮތަށް ޢަމަލުކުރާ މީހުން!

އަރަހުށި މާތް الله ޢިލްމުވެރިންގެ މަތިވެރިކަން ބަޔާންކުރައްވައި ވަޙީކުރެއްއެވެ. --- މާނައީ: "ތިޔަބައިމީހުންގެ ތެރެއިން إيمانވި މީހުންނާއި، ޢިލްމުލިބިގެންވާ މީހުން الله ދަރަޖަތަކަކަށް އުފުއްލަވާނެތެވެ. اللهއީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." އަދިވެސް މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---  މާނައީ: "ހަމަކަށަވަރުން، الله، އެކަލާނގެ ފިޔަވައި (ޙައްޤުވެގެން އަޅުކަމެއްވެވޭ) އިލާހަކު ނުވާކަމަށް ހެކިވެވޮޑިގެންފިއެވެ. އަދި، މަލާއިކަތުންންނާއި، ޢިލްމުގެ އަހުލުވެރިންވެސް (އެކަމަށް) ހެކިވިއެވެ. (އެކަލާނގެ ހެއްދެވި ތަކެތި ތަދުބީރުކުރެއްވުމުގައި) ޢަދުލުވެރިކަމާއިގެން އެކަލާނގެ ޤާއިމުވެވޮޑިގެންވެތެވެ. އެކަލާނގެ މެނުވީ (ޙައްޤުވެގެން އަޅުކަމެއްވެވޭ) އިލާހަކު ނުވެތެވެ. (އެކަލާނގެއީ) ޢަޒީޒުވަންތަ، ޙަކީމުވަންތަ ރަސްކަލާނގެއެވެ." 
އިސްވެދިޔަ އާޔަތުގައި، މާތް اللهއާއި އެ ކަލާނގެ މަލާއިކަތުންގެ ވާހަކަ ވަޙީކުރެއްވުމަށް ފަހު އެއާ ވިދިގެން ވަޙީކުރައްވައިފައި ވަނީ ޢިލްމުވެރީންގެ ވާހަކައެވެ. މި ކަމުން ޢިލްމުވެރީންގެ ޝަރަފާއި، މާތްކަމާއި، މަތިވެރިކަން ހާމަވެއެވެ. ޢިލްމުވެރީންނަކީ އެހެން މީހުންނާ އެއްފަދަ ބައެއް ނޫންކަން އަންގަވައި މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---  މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟" 
މާތް اللهއަށް އެންމެ ބޮޑަށް ބިރުވެތިވެ، ތަޤްވާވެރިވާ މީހުންނަކީ، ޢިލްމު އުނގެނި އެ ޢިލްމާ އެއްގޮތަށް ޢަމަލުކުރާ މީހުންނެވެ. އެ މީހުން މާތްﷲ އަށް ތަޤްވާވެރިވެއެވެ. ތަޤްވާވެރީންނަކީ އެންމެ މާތް މީހުންކަމުގައި އަންގަވައި މާތްﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ހަމަކަށަވަރުން، اللهގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަން ބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ. ހަމަކަށަވަރުން، اللهއީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ ރަސްކަލާނގެއެވެ." 
ނަބީބޭކަލުން މީސްތަކުންނަށް ވާރުތަކުރެއްވީ ޢިލްމެވެ. ނަބީބޭކަލުންގެ ވާރިޘުންނަކީ ޢިލްމުވެރީންނެވެ. މާތް ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. (وَإِنَّ الْأَنْبِيَاءَ لَـمْ يُوَرِّثُوْا دِيْنَارًا وَلَا دِرْهَـمًا، إِنَّـمَا وَرَّثُوا الْعِلْمَ، فَمَنْ أَخَذَ بِهِ أَخَذَ بِـحَظٍّ وَافِرٍ)[1] މާނައީ: "ހަމަކަށަވަރުން ނަބީބޭކަލުން، ދީނާރާއި ދިރުހަމެއް ވާރުތައެއް ނުކުރައްވަތެވެ.  އެހެނެއްކަމަކު، އެ ބޭކަލުން ވާރުތަކުރެއްވީ ޢިލްމެވެ. ފަހެ އެ ޢިލްމު ލިބިގެންފި މީހާ، ބޮޑުވެގެންވާ ނަޞީބެއް ލިބިގެންފިއެވެ." 
މާތް الله ޢިލްމުވެރީންނަށް ޚާއްޞަކަމެއް ދެއްވައިފައި ވެއެވެ. رسول الله ﷺ ޙަދީޘް ކުރައްވައިފައި ވެއެވެ. (فَضْلُ الْعَالِـمِ عَلَى الْعَابِدِ كَفَضْلِيْ عَلَى أَدْنَاكُمْ)[2] މާނައީ: "އަޅުވެރިޔާގެ މައްޗަށް ޢިލްމުވެރިޔާ މާތްވެގެންވަނީ، ތިޔަބައިމީހުންކުރެ އެންމެ އާދައިގެ މީހާގެ މައްޗަށް ތިމަންކަލޭގެފާނު މާތްވެގެންވާ މިންވަރަށެވެ." އެހެނީ ޢިލްމު އުނގެނުނު ޢިލްމާ އެއްގޮތަށް ޢަމަލުކުރާ ޢިލްމުވެރިޔާގެ ފަރާތުން މީސްތަކުންނަށް ކުރާ މަންފާ ބޮޑުވާނެއެވެ. އެއާ ޚިލާފަށް އަޅުވެރިޔާ ކުރާ އަޅުކަމުގެ ސަބަބުން މަންފާ ކުރާނީ ހަމައެކަނި އޭނާގެ އަމިއްލަ ނަފުސަށެވެ. އަދިވެސް މާތް ނަބިއްޔާ ﷺ ޙަދީޘް ކުރައްވައިފައި ވެއެވެ. (وَإِنَّ فَضْلَ الْعَالِـمِ عَلَى الْعَابِدِ كَفَضْلِ الْقَمَرِ عَلَى سَائِرِ الْكَوَاكِبِ)[3] މާނައީ: "އަދި ހަމަކަށަވަރުން އަޅުވެރިޔާގެ މައްޗަށް ޢިލްމުވެރިޔާ މާތްވެގެންވަނީ ތަރިތަކުގެ މައްޗަށް ހަނދު މާތްވެގެންވާ ފަދައިންނެވެ." 
ޢިލްމުގެ މަޤާމު މަތިވެރިއެވެ. ޢިލްމު އުނގެނުމަށް، ނަބިއްޔާ ﷺ ވަރަށް ބޮޑަށް ބާރު އެޅުއްވެވިއެވެ. ބަދުރު ހަނގުރާމައިގެ އަސީރުން މިނިވަންވުމަށް ފިދުޔައިގެ ބަދަލުގައި މުސްލިމް ދިހަ ކުއްޖަކަށް ލިޔަންކިޔަން ދަސްކޮށްދިނުން ޝަރުޠު ކުރެއްވުމުން މިކަން ދޭހަވެއެވެ. އަދި ރަސޫލާ ﷺ މި ބަސްފުޅުން ވެސް ޢިލްމުވެރީންގެ މާތްކަން އެނގެއެވެ. އެ ކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ يُرِدِ اللهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّيْنِ)[4] މާނައީ: "މާތް الله ހެޔޮ ގޮތް މެދުވެރިކުރައްވާން އިރާދަކުރައްވައިފި މީހަކު، ދީނުގައި ފިޤްހުވެރި ކުރައްވައެވެ." ފަހެ އަހަރެމެންގެ ތެރޭގައި އެ ހެޔޮ ކަމަށް އެދޭ މީހުން ޝަރުޢީ ޢިލްމު އުނގެނުމަށް ވަގުތު ހުސްކުރުން މުހިންމެވެ. އަހަރެމެންގެ ޢުމުރުން ކޮންމެ ދުވަހަކީ ވެސް ޢިލްމު އުނގެނުމަށް ވަގުތުކޮޅެއް ހޭދަކުރެވިދާނެ ދުވަހެކެވެ. އެހެނީ ޢިލްމު އުނގެނުމަކީ ތިމާއަށާއި އެހެން މީހުންނަށް ނުހަނު ފައިދާ އާއި ލާބަހުރި ކަމަކަށްވާތީއެވެ. އަދި ޢިލްމުވެރިޔާ މަރުވުމަށް ފަހުގައި ވެސް، އޭނާ އުނގެނި، އެހެން މީހުންނަށް ފޯރުކޮށްދީފައިވާ ޢިލްމެއްގެ ފައިދާ ކުރާނެތީއެވެ. މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (إِذَا مَاتَ اِبْنُ آدَمَ اِنْقَطَعَ عَمَلُهُ إِلَّا مِنْ ثَلَاثٍ: صَدَقَةٍ جَارِيَةٍ، أَوْ عِلْمٍ يُنْتَفَعُ بِهِ، أَوْ وَلَدٍ صَالِـحٍ يَدْعُوْ لَهُ)[5] މާނައީ: "އިންސާނާ މަރުވުމުން ތިންކަމަކުން މެނުވީ އޭނާގެ ޢަމަލުތައް ނިމެއެވެ. އެއީ ދެމިގެންދާ ޞަދަޤާތަކުން، ނުވަތަ ފައިދާހުރި ޢިލްމަކުން، ނުވަތަ އޭނާ ދޫކޮށް ދިޔަ، އޭނާއަށްޓަކައި ހެޔޮދުޢާކުރާނޭ ޞާލިޙު ދަރިއެއްގެ ފުށުން މެނުވީއެވެ." އަދިވެސް މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (فَقِيْهٌ وَاحِدٌ أَشَدُّ عَلَى الشَّيْطَانِ مِنْ أَلْفِ عَابِدٍ)[6] މާނައީ: "އެއް ހާސް އަޅުވެރީންނަށް ވުރެ، އެންމެ ފަޤީހެއްގެ ބާރު ޝައިޠާނާގެ މައްޗަށް ގަދަވެގެންވެއެވެ."
ނުދަނެ ހުރެ އަޅުކަންކުރާ މީހަކަށް، ބާޠިލު ގޮތުގައި އަޅުކަމެއް ކުރުމަށް ޝައިޠާނާ ވިސްނައިދީފާނެއެވެ. އެކަމުގެ ސަބަބުން އޭނާ މަގުފުރެދި، އެހެންމީހުން ވެސް މަގުފުރައްދައިފާނެއެވެ. އެހެނެއްކަމަކު ޢިލްމު ވެރިޔާ މަގުފުރައްދާކަށް ޝައިޠާނާއަކަށް ފަސޭހައެއް ނުވާނެއެވެ. އޭގެ ބަދަލުގައި އޭނާ، އޭނާއަށް ލިބިފައިވާ ޢިލްމުގެ މަތީގައި ސާބިތުވެ ހުރެ، އަނެކުން ވެސް ހެޔޮ މަގަށް އަޅުވަން މަސައްކަތްކުރާނެއެވެ.
ދީނީ ޢިލްމު އުނގެނުން، ކޮންމެ މުސްލިމަކަށް ވެސް ވާޖިބުވެގެން ވެއެވެ. ޢިލްމު އުނގެނުމަށް، މާތް الله ގެ ރަސޫލާ ﷺ އެހައި ބޮޑަށް ބާރުއަޅުއްވައިފައިވަނީ އެހެންވެއެވެ. އަދި އެ ކަމަށް އެދި ދުޢާކުރުމަށް ވެސް ކީރިތި ޤުރްއާނުގައި އަންގަވައިފައި ވެއެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރި ރަސްކަލާކޯއެވެ! މިއަޅާއަށް ޢިލްމު އިތުރުކޮށްދެއްވާނދޭވެ!" ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ޢިލްމު އުނގެނި އެއާ އެއްގޮތަށް ޢަމަލުކުރާ ބަޔަކު ކަމުގައި އަޅަމެން ލައްވާނދޭވެ! އާމީން!  
މާތް ނަބިއްޔާ ﷺ ގެ އިރުޝާދުފުޅުތަކަށް ތަބަޢަވެ، ދީނުގެ ޢިލްމު ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ! އެ ކަމުގެ މާތް ދަރަޖައާއި ހެޔޮކަން ލިބިގަންނާށެވެ! އެއިން ދުނިޔެއާއި އާޚިރަތުގެ މަގު އާރާސްތުކުރާށެވެ! އަމިއްލަ ނަފުސާއި، އަނބިދަރީންނާއި، އަވަށްޓެރީންނާއި، މުޅި އިންސާނީ މުޖުތަމަޢަށް އަމާންކަމައި ރައްކާތެރިކަމާއި ކާމިޔާބީ ހޯދައިދޭށެވެ! އިލްމު އުނގެނި، އެއާ އެއްގޮތަށް ޢަމަލުކޮށް، މާތް الله ރުއްސަވާ މަގަށް ދިރިއުޅުމުގެ ތައުފީޤު އަޅަމެންނަށް ދެއްވާށިއެވެ! އާމީން!
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ