ހުޅުމާލެއިން އެޕާޓްމަންޓެއް ގަނެ ފައިސާ ދައްކާފައި ވަނީ މީގެ ފަސް އަހަރު ކުރިން ކަމަށާއި އެޕާޓްމަންޓް އޭނާގެ ނަމަށް ބަދަލުނުކޮށް އޮތީ އެތަން އިމާރާތްކުރި ކުންފުނިން އެކަން ނުކޮށް އޮތުމުން ކަމަށް މުހައްމަދު ފަޒީލް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ފަޒީލް ބައްލަވައި ގަނެފައިވާ އެޕާޓްމަންޓެއް އޭނާގެ ނަމަށް ރަޖިސްޓްރީކުރަން އެޗްޑީސީން ސިވިލްކޯޓަށް ހުށަހަޅައިގެން މިދިޔަ އާދިއްތަ ދުވަހު ސިވިލް ކޯޓުގައި އަޑުއެހުމެއް ބޭއްވި އެވެ.
އެ ވާހަކަ ރިޕޯޓް ކުރުމާ ގުޅިގެން އޭނާ ވަނީ އެ މުއާމަލާތުގެ ހަގީގަތް ސާފުކޮށްދޭން ކަމަށް ވިދާޅުވެ އޭނާގެ އެކްސް އެކައުންޓުގައި ބަޔާނެއް ނެރުއްވައިފަ އެވެ.
ތަފްސީލް - އެ ބަޔާނުގައި އޭނާ ވިދާޅުވީ ފްލެޓް ގަނެފައި ވަނީ ބެޗް ކޮންސްޓްރަކްޝަނާ އެކު ހެދި އެއްބަސްވުމުގެ ދަށުން 20 ނޮވެމްބަރ 2017ގައި ކަމަށެވެ. އެގޮތުން:
އެޕާޓްމަންޓަށް ފައިސާ ދައްކާ ހަލާސްކުރީ 20 އޯގަސްޓް 2019ގައި
އެ ފައިސާ ދައްކާފައި ވަނީ ހައުސިން ޑިވަލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ން 2017 ވަނަ އަހަރު ނަގާފައިވާ ލޯނެއް މެދުވެރިކޮށް
އެ ލޯނަށް އަދިވެސް ފައިސާ ދައްކާ ނިމިފައި ނުވާ ކަމަށް އޭނާ ވިދާޅުވެފައިވޭ
"އެޕާޓްމަންޓަށް ދައްކަންޖެހޭ ފައިސާ 2019 ވަނަ އަހަރު ދައްކާފައިވީ ނަމަވެސް، އެޕާޓްމަންޓް އަޅުގަނޑު ނަމަށް ބަދަލުކުރުން ލަސްވަމުންދާތީ އެކަމުގެ ޝަކުވާ ވޭތުވެދިޔަ އަހަރު ތަކުގައި ބެޗް ކޮންސްޓްރަކްޝަންއާ ހިއްސާކޮށްފައިވާނެއެވެ،" ބަޔާނުގައިވެ އެވެ.
ފަޒީލް އެޕާޓްމަންޓް ބައްލަވައިގެންފައި ވަނީ:
ބެޗް ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި ހަދާފައިވާ މެރީނާ ވިއު އެޕާޓްމަންޓް ކޮމްޕްލެކްސްއިން
އެ އެޕާޓްމަންޓް އޭނާ ބައްލަވައިގެންފައި ވަނީ 1.18 މިލިއަން ރުފިޔާއަށް
ފަޒީލްގެ ބަޔާނުގައި އިތުރަށް ވިދާޅުވީ އޭނާ ނަމަށް އެޕާޓްމަންޓެއް ބަދަލުކުރަން ހުށަހެޅި ވާހަކަ އާންމުކޮށްފައި ވަނީ އޭނާ އާއި ކޮއްކޮ ފަޒުލްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާއި އެ މުއާމަލާތު ގުޅުވާލައި، "މުޖުތަމައު އިތުރަށް ހޫނުކޮށްލުމުގެ ނިޔަތުގައި" ކަމަށް ދެކޭ ކަމަށެވެ.
ފާހަގަކޮށްލެވޭ - އާންމުކޮށް މީހަކު އެޕާޓްމަންޓެއް ގަނެ ފައިސާ ދައްކާ ހަލާސްކޮށްފި ނަމަ މާ ގިނަ ދުވަހެއް ނުވެ އެ އެޕާޓްމަންޓެއް އެ ގަތް މީހެއްގެ ނަމަށް ރަޖިސްޓްރީ ބަދަލުކުރެ އެވެ. މި އެޕާޓްމަންޓު ބަދަލު ނުކުރެވި އެތައް އަހަރެއް ދިޔައީ ކީއްވެގެން ކަމެއް ސާފެއް ނުވި އެވެ.
އެނގުން މުހިންމު - ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ތެރެއިން ބިން ލިބިފައި ނުވަނީސް ފަޒީލްއަށް އެ ސްކީމްގެ ތެރެއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯއްޗެއް ދިން މައްސަލައެއް ފެންމަތިވެ އެކަން ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މީގެ ކުރިން ފުލުހުން ބުނެފައިވާ ގޮތުގައި އެ ބިން އެޗްޑީސީން ފަޒީލްއާ ހަވާލުކުރީ ހަދާފައިވާ ވަގު ލިޔުންތަކެއް ހުށަހަޅައިގެންނެވެ.
އެ މައްސަލައިގައި އެމްޑަބްލިއުއެސްސީގެ ޑީއެމްޑީކަމުގެ މަގާމުން އޭނާ ހުރީ ސަސްޕެންޑްކޮށްފަ އެވެ. އަދި އެ މައްސަލަ ހޫނުވެ ފެންމަތިވި ތުހުމަތުތަކާ އެކު ފަޒުލް ވެސް ވަނީ އެމްޑީކަމުން އިސްތިއުފާ ދެއްވައިފަ އެވެ.
ފަޒުލް އެޗްޑީސީގެ އެމްޑީއަކަށް ހުންނެވި ދުވަސްވަރު އެތައް ބިމެއް އެކި ފަރާތްތަކަށް ނަހަމަ ގޮތުގައި ވިއްކާފައިވާ ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ. އެކަމަކު އެ ތުހުމަތުތައް އޭނާ ދޮގުކުރައްވާފައިވެ އެވެ. އެ ތަހުގީގަށް ފުލުހުން އޭނާގެ ގެ ބަލައި ފާސްކުރިއިރު އެ ގެއިން 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ފެނިފައިވެ އެވެ. އެ ފައިސާ ފުލުހުން ފަހުން އޭނާއަށް ރައްދުކޮށްފައިވެ އެވެ.
އެޕާޓްމަންޓް ގަތީ ފަސް އަހަރުކުރިން؛ ނަމަށް އޮތީ ބަދަލުނުކުރެވި: ފަޒީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ